"ދޮޕިއޯ" ކޮފީ ޝޮޕުން ޑޮކްޓަރުންނަށް ޚާއްސަ ޑިސްކައުންޓެއް ދޭން އެއްބަސްވެއްޖެ

މާލޭގައި ހިންގާ "ދޮޕިއޯ" ނަމަކަށް ކިޔާ ޝޮޕަކާއެކު މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަނުން ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުމުގެ ލިޔުން ދެ ފަރާތުން ބަދަލުކުރަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މާލޭގައި ހިންގާ "ދޮޕިއޯ" ނަމަކަށް ކިޔާ ޝޮޕުން، ޑޮކްޓަރުންނަށް ޚާއްސަ ޑިސްކައުންޓެއް ހަމަޖެއްސުމަށް އެ ކޮފީ ޝޮޕާއެކު މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަން (އެމްއެމްއޭ)އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ދޮޕިއޯ ކޮފީ ޝޮޕުގައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި އެކަމާ ގުޅޭ އެއްބަސްވުމުގައި އެމްއެމްއޭގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމިއްޔާގެ ރައީސް ޑރ. އަލީ ޝާހިދު އެވެ. ދޮޕިއޯ ކޮފީ ޝޮޕްގެ ފަރާތުން ސޮއިކުރެއްވީ އެ ތަނުގެ އޯނަރު އަބްދުﷲ ސައީދެވެ.

އެމްއެމްއޭގެ ތަރުޖަމާން ޑރ. މުހައްމަދު އަޝްރަފް ވިދާޅުވީ، ދޮޕިއޯއާއެކު އެމްއެމްއޭއިން އެއްބަސްވުމެއްގައި ސޮއިކުރީ ޑޮކްޓަރުންގެ މެދުގައި އެއްބައިވަންތަކަން އިތުރު ކުރުމުގެ ގޮތުން އެއްވެވޭނެ ތަނަކަށް ވެފައި، އެތަނުން ޑޮކްޓަރުން ދެއްވައި ސިއްހީ މެސެޖުތަކާ އެއްގޮތަށް އަމަލުކުރަމުންދާ ތަނަކަށްވާތީ ކަމަށެވެ.

ދޮޕިއޯގެ އޯނަރު އަބްދުﷲ ސައީދު ވިދާޅުވީ، ދޮޕިއޯ ކޮފީ ޝޮޕުން އެއްވެސް ކަހަލަ ލުއި ބުއިމެއް އަދި އެތަނުގެ އެތެރޭގައި ދުންފަތުގެ އެއްވެސް އަމަލެއް ނުހިންގޭނެ ކަމަށެވެ. އަދި މެންދުރުގެ ކެއުމާއި ކޮފީ ވެސް އެތަނުން ހަދާނީ ސިއްހަތަށް ފައިދާ ހުރި މިންގަނޑުތަކަށް ބަލައިގެން އެ މިންގަނޑުތަކާ އެއްގޮތަކަށް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

"ކޮފީއާ އެއްޗެހި ސާވްކުރާއިރު ވެސް ހެލްތައް ފުދޭވަރަކަށް ބަލާފަ ސާވް ކުރާނީ. ސިއްހަތަށް ބޭނުންވާ މިންވަރަށް ކޮފީ އަދި ފެން ވެސް ބަލައި ހަދާފަ ކޮފީ ސާވް ކުރާނީ. ހަކުރު ނާޅާ ކޮފީވެސް ދޭނީ. އެކަމަކު ބޭނުންނަމަ ހަކުރު ދޭނެ،" އަބްދުﷲ ސައީދު ވިދާޅުވި އެވެ.

އަދި އެމްއެމްއޭއާއެކު މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ޑޮކްޓަރުންނަށް އެތަނުން ނަގާ ކޮންމެ އައިޓަމަކުން 10 ޕަސެންޓް ޑިސްކައުންޓް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި މަސައްކަތްކުރާ ޑޮކްޓަރުންގެ މެދުގައި އެކުވެރިކަން އާލާކުރުމަށް 2005 ވަނަ އަހަރުން ފެށިގެން ހަރަކާތްތެރިވަމުންދާ އެމްއެމްއޭ އިން ވަނީ ޑޮކްޓަރުންނަށް ހާއްސަ އަގުތަކެއްގައި ޑައިވް ކުރުމާއި ޖިމްގެ ހިދުމަތްތައް ފަހިކޮށްދިނުމުގެ ގޮތުން ޑައިވް ސެންޓަރެއް ކަމަށްވާ ޑައިވް ޑެސްކު އަދި މެޓްރޯފްލެކްސް ޖިމްއާއެކު ސޮއިކޮށްފަ އެވެ.

އޭގެ އިތުރުން މާލޭގައި ހިންގާ ފްރެންޗައިޒް ރެސްޓޯރެންޓެއް ކަމަށްވާ ކެލޮރީ ކައުންޓާއެކު ވެސް އެ ޖަމިއްޔާއިން ވަނީ މިދިޔަ މަހުގެ ތެރޭގައި އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

އެ ޖަމިއްޔާއިން މިހާރު ދަނީ މިމަހުގެ 18 ވަނަ ދުވަހު ރާއްޖޭގައި ފާހަގަކުރާ ޑޮކްޓަރުންގެ ދުވަހާ ގުޅިގެން ވެސް ގިނަ ހަރަކާތްތަކެއް ހިންގުމަށް ރާވަމުންނެވެ.

comment ކޮމެންޓް