އިންޑިއާގެ ލިޔުންތެރިން ފަދައިން ދިވެހި ލިޔުންތެރިން ވެސް ރާއްޖޭގެ ގައުމިއްޔަތާއި އިސްތިގުލާލަށް އިސްކަންދޭން ޖެހޭ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ލިޔުންތެރިން ލިޔެފައި ހުރި ލިޔުންތަކާއި އަދި ބޭރުގެ ލިޔުންތެރިން ރާއްޖެއާ މެދު ލިޔެފައިވާ ލިޔުންތައް އެއްތަނަކުން ފެންނާނެ ގޮތަށް ޑިޖިޓަލައިޒް ކުރުން އިފްތިތާހު ކުރުމަށް މިއަދު އެމްއެންޔޫ ސެންޓްރަލް އިމާރާތުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އިންޑިއާގެ ލިޔުންތެރިން އެ ގައުމުގެ އިސްތިގުލާލާއި ގައުމިއްޔަތު ކަމަށް އިސްކަންދޭތަން ވަރަށް ބޮޑަށް ފެންނަ ކަމަށެވެ.
"އިންޑިއާ ސަރުކާރުން ބޭނުންކުރަން ދެއްވާފައި އޮތް ދެ ހެލިކޮޕްޓަރެއްގެ ވާހަކަ. މިއަދު މީޑިއާތަކުގައި ތިލަވަމުންދޭ. އެކަމާ ބެހޭ ގޮތުން އިންޑިއާ އަދި ދިވެހި ރާއްޖޭގެ ސަރުކާރުން ސީދާ އެއްޗެކޭ ވިދާޅުނުވި ކަމުގައި ވިޔަސް. އިންޑިއާގެ ލިޔުންތެރިންގެ މެދުގައި އުތުރި އަރަމުންދާ ޖަޒުބާތު ވަރަށް ރަނގަޅަށް އެދަނީ މީޑިއާ މެދުވެރިކޮށް ހިއްސާކުރަމުން." މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ޝަރީފު ވިދާޅުވީ އިންޑިއާގެ ލިޔުންތެރިން ލިޔަމުންދާ ހުރިހާ ހަބަރެއް ވިދާޅުވާ ކަމަށާއި އެހެންނަމަވެސް ރާއްޖޭގެ ލިޔުންތެރިން އެ ލިޔުންތެރިން ވަރަށް ރަނގަޅަށް ތަރުޖަމާކޮށްގެން ހަބަރުތައް ގެނެސްދެމުންދާ ކަމަށެެވެ.
އަޅުގަނޑުމެންގެ ގައުމުގެ ހިއްސާ އޮންނަ ކަމެއްގައި އިންޑިއާ މީހުން އިންޑިއާގެ މިނިވަންކަމާއި އިސްތިގުލާލު ދެމެހެއްޓުމަށް ޓަކައި އަދި އިންޑިއާގެ ސޫރަތު މަތިކުރުމަށް ޓަކައި އެކުރައްވާ މަސައްކަތްތަކާ މެދު ލިޔުންތެރިންގެ ހައިސިއްޔަތުން ވިސްނަން ޖެހޭ ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ. އަދި ވިދާޅުވީ އަޅުގަނޑުމެން ވެސް އޭގެން އިބުރަތް ހާސިލްކުރަން ޖެހޭ ކަމަށެެވެ.
އާދަމް ޝަރީފް ވިދާޅުވީ އިންޑިއާގެ އެތެރޭގައި ކިތަންމެ މައްސަލަތައް ގިނަޔަސް، އިންޑިއާގެ ލިޔުންތެރިން އަބަދު ވެސް މަސައްކަތް ކުރާނީ އެމީހުންގެ ގައުމިއްޔަތާއި އަމިއްލަ މިނިވަންކަމަަށް އިސްކަންދީގެން ކަމަށެވެ.