ރާއްޖޭގައި ބޭނުންކުރަން ދިން ދެ ވަނަ ހެލިކޮޕްޓަރުގެ އެއްބަސްވުން ވެސް އާ ނުކުރާ ކަމަށް ބުނެފި

ދިވެހި އަސްކަރިއްޔާގައި ބޭނުން ކުރުމަށް އިންޑިއާ އިން ހަދިޔާކުރި ހެލިކޮޕްޓަރެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ތިރިކުރަނީ --- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

އިންޑިއާ އަސްކަރިއްޔާ އިން ރާއްޖެއަށް ހަދިޔާކުރި އެޑްވާންސް ލައިޓް ދެ ހެލިކޮޕްޓަރުގެ ތެރެއިން ލ. އަތޮޅުގައި ބޭނުން ކުރަމުން އަންނަ ހެލިކޮޕްޓަރުގެ އެއްބަސްވުމުގެ މުއްދަތު ދިވެހި ސަރުކާރުން އަދި އާ ކޮށްފައިވާ ނުވާ ކަމަށް އިންޑިއާ ސަރުކާރުގެ އޮފިޝަލުންނާ ހަވާލާދީ އެގައުމުގެ ނޫހަކުން ބުނެފި އެވެ.

އިންޑިއާ ސަރުކާރުގެ އޮފިޝަލުންނާ ހަވާލާދީ އެ ގައުމުގެ ޓައިމްސް އޮފް އިންޑިއާ ނޫހުން އެހެން ބުނެފައި މިވަނީ، އިންޑިއާ އިން ރާއްޖެ އަށް ދީފައިވާ ދެ ހެލިކޮޕްޓަރުގެ ތެރެއިން އައްޑޫގައި ބޭނުންކުރަމުންދާ ހެލިކޮޕްޓަރު ފޮނުވާލަން އުޅޭ ކަމަށް ފާއިތުވި ހަފްތުގާގައި ނޫސްތަކުން ރިޕޯޓް ކޮށްފައިވަނިކޮށެވެ.

އަދި އޭގެ ބަދަލުގައި ދިވެހި ސަރުކާރުން ބޭނުން ވަނީ ޑޯނިއާ މަތިންދާބޯޓެއް ގެންނަން ކަމަށް ވެސް ނަން ހާމަ ނުކުރުމަށް އެދުނު ދިވެހި ސަރުކާރުގެ އޮފިޝަލަކާ ހަވާލާދީ ރާއްޖޭގެ މީޑިއާތަކުން ބުންޏެވެ.

ޓައިމްސް އޮފް އިންޑިއާ އިން މިއަދު ބުނީ، ލ. އަތޮޅުގައި ބޭނުން ކުރަމުން އަންނަ، އިންޑިއާ އިން ހަދިޔާކުރި ހެލިކޮޕްޓަރު ރާއްޖޭގައި ބޭއްވުމުގެ އެއްބަސްވުން މިމަހުގެ ތެރޭގައި ހަމަވާނެ ކަމަށެވެ. އެ އެއްބަސްވުން އާ ކުރުމަށް މި އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި އެދުނު ނަމަވެސް ދިވެހި ސަރުކާރުން އަދި އެ އެއްބަސްވުން އާ ނުކުރާ ކަމަށް ވެސް ބުންޏެވެ.

އެ ނޫހުގައި އިތުރަށް ބުނެފައި ވަނީ، ރާއްޖެ އިން ބޭނުންވާ ޑޯނިއާ މަތިންދާބޯޓު ފޮނުވަން މަޑުޖެހިފައި އޮންނަތާ ދެ އަހަރުވެފައިވާ ކަމަށާއި އެކަން ނުވެފައި އޮތީ ލެޓާ އޮފް އެކްސްޗޭންޖު (އެލްއޯއީ) ރަސްމީކޮށް ދިވެހި ސަރުކާރުން ބަލައިގަތްފައިނުވާތީ ކަމަށެވެ.

އިންޑިއާ ސަރުކާރުގެ އިސް އޮފިޝަލުންތަކަކާ ހަވާލާދީ ޓައިމްސް އޮފް އިންޑިއާ ނޫހުން ބުނެފައިވާ މި ވާހަކަތަކާ ގުޅޭ ގޮތުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ، އެ ނޫހުގައިވާ ވާހަކަތަކާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ބުނަން ނެތް ކަމަށެވެ.

އެކަމާ ގުޅޭ ގޮތުން ފޮރިން މިނިސްޓްރީގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް އަދި ވަނީ ކާމިޔާބު ނުވެފަ އެވެ.

comment ކޮމެންޓް