ރާއްޖޭގެ އިންވެސްޓްމެންޓްތަކާ ބެހޭ ޚާއްސަ ކުންފުންޏެއް. "ނޭޝަނަލް އިންވެސްޓްމެންޓް މެނޭޖްމެންޓް ކޮމްޕެނީ" އުފައްދަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ގަރާރެއްގެ ދަށުން އުފެއްދެވި މި ކުންފުންޏަކީ ދުނިޔެއާއި ރާއްޖޭގެ އިގްތިސާދަށް އަންނަ ބޮޑެތި ބަދަލުތައް ކުރިއާލައި ދެނެގަނެ، އޭގެ ސަބަބުން މިހާރު ކޮށްފައިވާ އިންވެސްޓްމެންޓްތަކަށް ކުރާނެ އަސަރުތައް ދެނެގަނެ، އަދި ކުރިއަށް ކުރަން ހުރި އިންވެސްޓްމެންޓްތަކަށް ގެންނަންޖެހޭ މަސައްކަތްތައް ދެނެގަތުމުގެ މަސައްކަތް ކުރާނެ ކުންފުންޏެކެވެ.
މީގެ އިތުރުން އިންވެސްޓްމެންޓް ހިމާޔަތްކުރުމަށާއި، އިންވެސްޓްމެންޓްތަކުގެ ފައިދާ މަތިކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، ރާއްޖޭގައި އިސްލާމިކް އަދި ކޮންވެންޝަނަލް ފައިނޭންސިންގްގެ އިތުރު ޕްރޮޑަކްޓްތައް ތައާރަފުކުރަން ހިތްވަރުދީ، ކަމާބެހޭ މުއައްސަސާތަކާއެކު މަސައްކަތް ކުރުންވެސް މި ކުންފުނީގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.
ރައީސްގެ ގަރާރުން އުފެއްދި މި ކުންފުންޏަކީ ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާއެވެ. ކުންފުނީގެ ކެޕިޓަލްއަކީ 10 ރުފިޔާގެ ފަސް ލައްކަ ހިއްސާގެ މައްޗަށް ބަހާލެވިފައިވާ ފަސް މިލިޔަން ރުފިޔާއެވެ.