ކެތަލޯނިއާގެ ކުރީގެ ރައީސް ސްޕެއިނާ ހަވާލުކުރަން ޖަރުމަނުން ދެކޮޅު ހަދައިފި

ޖަރުމަނުގެ ކޯޓަކުން ވަނީ ކެތަލޯނިއާގެ ކުރީގެ ރައީސް ކަފާލާތުގެ ދަށުން ދޫކޮށްލަން ނިންމާފައި -- ފޮޓޯ: އީޕީއޭ

ބާލިން (އޭޕްރިލް 6): ކެތަލޯނިއާގެ ކުރީގެ ރައީސް ކާލްސް ޕުޖިޑެމޮން ސްޕެއިނާ ހަވާލުކުރަން ޖަރުމަނުގެ ކޯޓަކުން ދެކޮޅު ހަދައިފިއެވެ.

ސްޕެއިންއިން ޔޫރަޕިއަން އެރެސްޓް ވޮރެންޓެއް ނެރުމާއެކު، ޖަރުމަނުން މިދިޔަ މަހު ހައްޔަރު ކުރި ޕުޖިޑެމޮން ކަފާލާތުގެ ދަށުން ދޫކޮށްލުމަށްވެސް އިއްޔެ އެގައުމުގެ ކޯޓުން ވަނީ ނިންމާފައިއެވެ.

ކެތަލޯނިއާއިން މިނިވަން ދައުލަތެއް ގާއިމުކުރުމާ ބެހޭ ގޮތުން އެސަރަހައްދުގައި މިދިޔަ އޮކްޓޯބަރު މަހު ބޭއްވި ވޯޓާ ގުޅިގެން ސްޕެއިންއިން ވަނީ ކެތަލޯނިއާގެ ލީޑަރުންގެ މައްޗަށް ގައުމަށް ގައްދާރުވުމާއި ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރި ކަމުގެ ދައުވާ ކޮށްފަވެ.

އޭގެ ސަބަބުން ރައީސް ޕުޖިޑެމޮންއާއި އިތުރު ފަރާތްތަކުން ވަނީ ސްޕެއިން ދޫކުރައްވާ ބެލްޖިއަމްއަށް ވަޑައިގެންފައެވެ.

މިދިޔަ މަހުގެ 25ގައި ޖަރުމަނުން ޕުޖިޑެމޮން ހައްޔަރު ކުރީ ފިންލެންޑަށް ޒިޔާރަތް ކުރެއްވުމަށް ފަހު އެނބުރި ބެލްޖިއަމްއަށް ވަޑައިގެންނެވި މަގުމަތީގައެވެ.

ޖަރުމަނުގެ ކޯޓުން ނިންމި ގޮތުގައި ޕުޖިޑެމޮން އަމަލީ ގޮތުން ހަމަނުޖެހުމެއްގައި ބައިވެރިވެވަޑައިގެންފައި ނުވާތީ އޭނާގެ މައްޗަށް ގައުމަށް ގައްދާރުވުމުގެ ދައުވާ ކުރަން ޖަރުމަނުގެ ގާނޫނުން ތަން ނުދެއެވެ. އެހެންކަމުން އެދައުވާގައި ޕުޖިޑެމޮން ސްޕެއިންއަށް ފޮނުވާ ނުލެވޭނެއެވެ.

ނަމަވެސް އެކޯޓުން ދަނީ ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރި މައްސަލައިގައި ޕުޖިޑެމޮން ސްޕެއިންއާ ހަވާލު ކުރަން ޖެހޭތޯ މިހާރު ބަލަމުންނެވެ.

ސްޕެއިންގެ ސަރުކާރުން ވަނީ ޖަރުމަނުގެ ކޯޓުގެ ނިންމުމަށް އިހުތިރާމުކުރާ ކަމަށް ބުނެފައެވެ.

ކެތަލޯނިއާއިން އިންތިހާބަށް ފަހު މިނިވަންކަން އިއުލާން ކުރި ނަމަވެސް ސްޕެއިންގެ ސަރުކާރުން ވަނީ އެނިންމުން ބާތިލުކޮށް ކެތަލޯނިއާގެ ސަރުކާރު އުވާލާފައެވެ.

(ބީބީސީ)

comment ކޮމެންޓް