''އުރީދޫ ނެކްސްޓް'' ވައިބާއަށް

އުރީދޫ ނެކްސްޓް ވައިބާއަށް ތައާރަފުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ އުރީދޫ

އުރީދޫގެ ޑިޖިޓަލް އެންގޭޖްމަންޓް ޕްލެޓްފޯމް "އުރީދޫ ނެކްސްޓް" ވައިބާ އަށް ތައާރަފްކޮށްފިއެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެކުންފުނިން ވަނީ މި ހިދުމަތް ފޭސްބުކް މެސެންޖާއަށް ތައާރަފްކޮށްފައެވެ.

މިރޭ އުނިމާ ގްރޭންޑުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ހިދުމަތް ތައާރަފްކޮށްފައިވާއިރު އުރީދޫ މޯލްޑިވްސްގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވީ މިއީ ޑިޖިޓަލް މޯލްޑިވްސް އިނިޝިއޭޓިވްގެ ދަށުން އެކުންފުނިން ކުރިއަށް އެޅި ފިޔަވަޅެއް ކަމަށެވެ.

"އުރީދޫ ނެކްސްޓް" އަކީ އާޓިފިޝަލް އިންޓެލިޖެންސް އާއި އަމިއްލަ އަށް ކަންކަން ދަސްކޮށް، ތަރައްގީވާނެ ގޮތަށް މެޝިން ލާނިން ހިމެނޭ ޕްލެޓްފޯމެކެވެ.

މިއީ ސިލިކަން ވެލީގެ ޓެކްނޮލޮޖީ ކުންފުންޏެއް ކަމަށްވާ ފާސްޓްފޯވާޑް.އޭއައިއާ ގުޅިގެން ދޭ ހިދުމަތެކެވެ.

މިރޭގެ ރަސްމިއްޔާތުގައި ވަނީ އެ ހިދުމަތް ބޭނުންކުރާގޮތް ދައްކާލައިފައެވެ. އުރީދޫ ނެކްސްޓް އަށް ހާއްސަ ކިއުއާރު ކޯޑް ވައިބާ އިން ސްކޭން ކުރުމުން ޗެޓް ސްކްރީނެއް ހުޅުވޭނެ އެވެ. އެ ޗެޓް ވިންޑޯގައި ރައްޓެހިންނާ ވާހަކަ ދެއްކޭ ގޮތަށް އުރީދޫގެ ހިދުމަތްތައް ހޯދުމަށް ޗެޓްކޮށް، އޮޕްޝަންތައް އިތުރަށް ބަލައި ހެދޭނެ އެވެ. އެގޮތުން ބެލެންސް ބަލައި ޑޭޓާ ބޭނުންކުރި މިންވަރާ ބާކީ ވެސް ބެލޭނެއެވެ.

comment ކޮމެންޓް