ޗައިނާގެ ސްޕޭސް ލެބް ދެކުނު ޕެސިފިކް ކަނޑަށް ވެއްޓިއްޖެ

ޗައިނާގެ ސްޕޭސް ލެބް ވަނީ ރާޑަރުން ޓްރެކްކޮށްފައި. އެލެބް ވަނީ މިއަދު ދުނިޔެއަށް ވެއްޓިފައި --

ޗައިނާއިން ބޭނުން ކުރުން ހުއްޓާލާފައިވާ ސްޕޭސް ލެބް ޓިއަންގޮންގް-1 ސައުތު ޕެސިކް ކަނޑުގެ ސަރަހައްދަކަށް ވެއްޓިއްޖެ ކަމަށް ޗައިނާއާއި އެމެރިކާއިން ބުނެފިއެވެ.

ޗައިނާއިން 2011 ވަނަ އަހަރު ލޯންޗު ކުރި ޓިއަންގޮންގް-1ގެ ގިނަ ބައިތައް ވަނީ ދުނިޔޭގެ އެޓްމޮސްފިއާއަށް ވަނުމާ އެކު އަނދައިގެން ގޮސްފައި ކަމަށް ޗައިނާގެ މޭންޑް ސްޕޭސް އިންޖިނިއަރިން އޮފީހުން ބުންޏެވެ.

ޓިއަންގޮންގް-1 އެންމެ ފަހުން ބޭނުންކޮށްފައި ވަނީ 2013 ވަނަ އަހަރުއެވެ. އަދި ޗައިނާގެ އެންމެ ފުރަތަމަ އަންހެން އެސްޓްރޮނޯޓުންގެ ތެރޭގައި ހިމެނޭ ވަންގް ޔަޕިންގް ވަނީ އެސްޕޭސް ލެބުން ޗައިނާގެ ދަރިވަރުންނަށް ލެކްޗާއެއް ދީފައެވެ.

ނަމަވެސް މިދިޔަ އަހަރު ޗައިނާއިން ވަނީ 2016 ވަނަ އަހަރުގެ މާޗު މަހުން ފެށިގެން ޓިއަންގޮންގް-1 މަސައްކަތް ކުރުން ހުއްޓާލާފައިވާ ކަމަށް ބުނެފައެވެ. އަދި 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެގައުމުން ވަނީ ދެވަނަ ސްޕޭސް ލެބެއް ލޯންޗުކޮށްފައެވެ.

ޗައިނާއިން ދަނީ 2022 ވަނަ އަހަރު ބޭނުން ކުރަން ފެށުމަށްޓަކައި، ސްޕޭސް ސްޓޭޝަނެއް ލޯންޗުކުރުމުގެ މަސައްކަތް ކުރަމުންނެވެ. (ބީބީސީ)

ގުޅޭ ޓެގު
comment ކޮމެންޓް