އިއްޔެއަކީ ބައިނަލްއަގްވާމީ ފެންވަރުގައި ފާހަގަކުރެވޭ އޯޓިޒަމް ދުވަސްކަން ގިނަ ބަޔަކަށް އެނގިދާނެއެވެ. ދުވަސް ފާހަގަކުރުމަށް ނޫ ކުލައިން އިމާރާތްތަކާ އެއްޗެހި ދިއްލައި ނޫ ހެދުމުގައި އޮފީހަށް ނުކުތްނަމަވެސް މިކަމަކީ ކޮން ކަމެއްކަން އެނގެނީ ކިތައް މީހުންނަށް ބާއެވެ. އޯޓިޒަމްގެ ކުލަ ކުލައިން ހުރި ޕޯސްޓުތަކާއި ޝިއާރުތައް ޝެއާކޮށް ހަދާއިރު މިފަދަ ކުއްޖަކު ދެނެގަންނާނެ ގޮތާއި ހުރި ގޮންޖެހުންތައް ވިސްނައި ގަނެވޭ ހެއްޔެވެ؟
އިއްޔެ ހަމައެކަނި ދުވަހެއް ފާހަގަކޮށްލުމަކުން ފުދިގެން ވާކަށް ނެތެވެ. މިއީ މުޖުތަމައުގެ އަޅާލުމާއި އޯގާތެރިކަން ބޭނުންވާ ކުދިންކަން އެނގެން އެބަޖެހެއެވެ. އެފަދަ ކުދީން އަނބުރާ މުޖުތަމައުއަށް ގެނައުމަށް ތިމާއަށް ވެސް ކުރެވޭނީ ކޮންކަމެއްކަން ވިސްނައި މިއީ ކޮންކަމެއްކަން އަމިއްލައަށް ދެނެގަނެ، މިފަދަ ކުދިންގެ މައިންބަފައިންގެ ނިކަމެތި ހާލަތު ވަޒަންކޮށްލަން ޖެހެއެވެ.
އޯޓިޒަމްއަކީ ކޮބާ؟
އޯޓިޒަމްއަކީ ކުއްޖާގެ ސިކުނޑި ތަރައްގީވެ، ހެދިބޮޑުވުމުގައި ކުރިމަތިވާ އުނިކަމަކުން ކުއްޖާގެ ހެދިބޮޑުވުމުގައި ދިމާވާ މައްސަލައެކެވެ. އެކަމުގެ ސަބަބުން ކުއްޖާގެ ވާހަކަ ދެއްކުމާއި، މުވާސަލާތްކުރުން، މުއާމަލާތްކުރުން އަދި އިޖްތިމާއީ ގުޅުން އުފެއްދުމުގެ ހުނަރު ދަށްވެގެން ދެއެވެ. އުގެނުމާއި، ކަންކަމަށް ސަމާލުކަން ދިނުމަށް އަދި ހިއްސުތައް މަސައްކަތް ކުރާ ގޮތުގައި ވެސް ބައެއް ފަހަރު އޯޓިޒަމް ހުންނަ ކުދިންގެ ކިބައިގައި ތަފާތުތަކެއް ހުރެއެވެ. އޭގެ އަސަރު އެކި ކުދިންނަށް ކޮށްފައި ހުންނަނީ އެކިވަރަށެވެ.
އޯޓިޒަމް ކުރިމަތިވާ ހަގީގީ ސަބަބެއް އަދި ހޯދިފައިނުވާއިރު، ހަގީގީ ފަރުވާއެއް ވެސް މިހާތަނަށް ހޯދިފައެއްނުވެއެވެ. ނަމަވެސް އެނގޭހާ ވެސް އެއްޗަކީ އެފަދަ ކުދިންނަށް އަނބުރާ މުޖުތަމައުއަށް ނުކުތުމަށް އެހެން މީހުންގެ އަޅާލުމާއި އޯގާތެރިކަން ބޭނުންވާ ކަމެވެ.
ރާއްޖޭގެ ނިސްބަތުން އޯޓިޒަމް ކުދިންގެ އަދަދު މަދެކޭ ނުބުނެވޭނެއެވެ. އެހެންނަމަވެސް ތުއްތުކުދިންގެ އުމުރުން ފުރަތަމަ ދެ ތިން އަހަރުގެ ތެރޭގައި ފާހަގަކުރެވޭ ތަފާތެއް މައިންބަފައިންނަކަށް ގިނަ ފަހަރު ނޭނގެއެވެ. އެހެންކަމުން ތުއްތު ކުއްޖާގެ އެންމެ މުހިންމު ދުވަސްތައް ތަފާތު ފަރުވާތަކުގައި ނަގާލެވެއެވެ.
ތަފާތުތަކެއް ހުންނަ ނަމަ އެކަމަށް ސަމާލުކަން ދިނުން މުހިންމު
އޯޓިޒަމް ކުދިންގެ ހާއްސަ ޖަމިއްޔާ، މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަން (އެމްއޭއޭ)ގެ މެނޭޖިން ޑިރެކްޓަރު އަދި އޯޓިޒަމް ކުދިންގެ މިސް، އިފްހާމް ހުސެއިން (އިފޫ މިސް) ވިދާޅުވާ ގޮތުގައި ޅަފަތުގައި ކުއްޖާގެ ތަފާތުތަކެއް ދެނެގަނެވިއްޖެ ނަމަ އެކުއްޖަކު އަވަހަށް އަނބުރާ މާހައުލަށް ނެރުމަށް މަގުފަހިވެއެވެ.
"ހެދިބޮޑުވުމުގެ ހެލްތު ކާޑު ވެސް ފުރުއްވާނަމަ ވާނެ ގޮތަކީ އެނގޭނެ ކުއްޖާގެ އެއްވެސް މައްސަލައެއް ދިމާވާނަމަ. މިސާލަކަށް ތަންކޮޅެއް ލުއިވުން ނުވަތަ ބޮޑުވާންޖެހޭ ވަރަށް ބޮޑުނުވާ ނަމަ. މިކަހަލަ މައްސަލަތަކަށް ދިމާވެއްޖެނަމަ އަވަހަށް ޑޮކްޓަރަކަށް ދައްކާފައި ލަފާ ހޯދަން ޖެހޭ. އެހާހިސާބުން ދެނެގަނެވިއްޖެ ނަމަ ގްރޭޑު އެކަކަށް ދާއިރު އެކުއްޖަކަށް އެއްވެސް ޗެލެންޖަކާ ނުލާ އުޅެވޭނެ،" އިފޫ މިސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ކޮންމެ މަންމައަކަށް ވެސް އެކުއްޖަކު ގެންގުޅޭއިރު ތަފާތު ހުންނަނަމަ އެކަން އެނގޭނެ ކަމަށެވެ. ނަމަވެސް ބައެއް ހާލަތްތަކުގައި އެކުއްޖާގެ ތަފާތެއް ހުންނަކަން ގަބޫލުކުރަން ދަތިވެ، ފަރުވާކުރުން ލަސްކުރާ ކަމަށާއި އެއީ ރަނގަޅު ގޮތް ނޫން ކަމަށެވެ.
"ބައެއް ފަހަރު ގަބޫލުކުރަން ދަތިވޭ. ހަތަރު ކަޅި ހަމަ ނުކުރި ނަމަވެސް އެކަހެރިކޮށް ކުޅެން އުޅުނަސް ވާހަކަ ނުދެއްކުނަސް ބޭނުންވޭ ވާހަކަ ދައްކާނޭ. މަޑުކޮށްލާނީއޭ. ލަސްކޮށްލުމަކީ ރަނގަޅު ކަމެއް ނޫން. ދެން ބައެއް ފަހަރު ލޭބަލްވާން ވެސް ބޭނުން ނުވަނީ އޭނާގެ ދަރިފުޅަކީ އޯޓިސްޓިކް ކުއްޖެކޭ،" އިފޫ މިސް ވިދާޅުވިއެވެ.
އޯޓިޒަމް ހުންނަ ކުދިންގެ ކިބައިން ފެނިދާނެ ކަންކަން
ކަމުގެ ތަޖުރިބާކާރުން ބުނާގޮތުގައި އޯޓިޒަމްގެ އަލާމާތްތައް ފާހަގަކުރެވެން ފަށަނީ ކުއްޖާގެ އުމުރުން ދޭއް ނުވަތަ ތިންވަނަ އަހަރުގެ ތެރޭގައެވެ. ނަމަވެސް ބައެއް ކުދިން ތުއްތު އިރުވެސް އެކަހަލަ ބައެއް އަލާމާތްތައް ފާހަގަވެދާނެއެވެ. އެފަދަ ކުދިންގެ ކިބައިން ފެނިދާނެ ބައެއް ކަންކަމުގެ ތެރޭގައި:
- އުމުރުން 1 އަހަރުވާއިރު ވެސް ނަމުން ގޮވާލުމުން ނުބެލުން
- އުމުރުން 14 މަސް ފުރިގެން ދިޔަ އިރުވެސް ސަމާލުކަން ދީގެން ވަކި އެއްޗަކަށް އިނގިލި ދިއްކޮށް ނުހެދުން
- އުމުރުން 18 މަސް ފުރިދިޔަސް ކުޑަކުދިން އާންމުކޮށް ކުޅޭ ކުޅިވަރުތައް ނުކުޅުން ނުވަތަ އެކަމުގައި ބައިވެރިނުވުން
- ކައިރީގައި ހުރެގެން ވާހަކަ ދައްކާއިރު ހަތަރުކަޅި ހަމަކޮށް ނުބެލުން
-
އެކަނި ވަކިން ތަންތަނުގައި އިނުމަށް ލޯބިކުރުން
- އަމިއްލަ އިހުސާސްތައް ހާމަކޮށް ނުދެވުން
- ވާހަކަ ދެއްކުމުގެ ހުނަރު ދަށްވުން
- ވާހަކަ ދައްކަން ފަށާ އުމުރު މަތިވުން
- އެއް ބަހެއް ނުވަތަ ލަފުޒެއް ތަކުރާރުކޮށް ކިޔަމުން ގެންދިއުން
- ކުރާ ސުވާލުތަކަށް ނުގުޅޭ ޖަވާބު ދިނުން
- ކުދިކުދި ކަންތައްތަކުން އަވަހަށް ރުޅި އައިސް ޖަވާބު ދިނުން
- ފާރުގައި ހުންނަ ގަޑި ފަންކާ ފަދަ ތަކެތި ދެއްކުމުން ނުބެލުން
- ކިތައްމެ ވަރަކަށް ސަމާސާ ކުރިޔަސް ހީވެސް ނުލުން
- އެހެން ކުދިން ކޮޕީ ކުރުން
- ބުރުމާ، މިކްސްޗަރު ފަދަ ތަކެތި ޖެއްސުމުން ރުޅިއައުން
- އެއްކަމެއް ތަކުރާރުކޮށް އެއްގޮތަކަށް ކުރަމުން ގެންދިއުން
- ކުރަމުން އައި ކަމެއް ބަދަލުވުމުން އެކަމަށް ހޭނެން އުނދަގޫވުން
- އެހެން މީހުން ގައިގައި އަތްލައި އުރައި ހެދުމުން ހިތްހަމަނުޖެހުން
އުޅުމުގައި ހުންނަ އާދަޔާ ހިލާފު ކަންކަން
- ކުޅޭ އެއްޗެތި ފަދަ ތަކެތި އެއް ރޮނގަކަށް އެތުރުން
- ކޮންމެ ފަހަރަކު ކުޅޭ އެއްޗެތި ބޭނުންކޮށްގެން އެއްގޮތަކަށް ކުޅެހެދުން
- އެކި އެއްޗެހީގެ ވަކި ބައިބައި ދެކެ ލޯބިވުން ނުވަތަ ގަޔާވުން (މިސާލަކަށް ދުއްވާ އެއްޗެއްގެ ފުރޮޅު)
- އަތްތިލަބަޑި ޖެހުމާއި ހަށިގަނޑު އެކި ގޮތްގޮތަށް ހަރަކާތްކުރުން (ވަށްބުރަށް ވާހެން އެނބުރުން، ބޯގުޑުވުން، ކޮނޑުއެރުވުން)
އެހެނިހެން އަލާމާތްތައް
- މާބޮޑަށް ހަލަނިވުން
- ކަންކަމަށް ސަމާލުކަން ދިނުން ކުޑަވުން
- ބައެއް ފަހަރު މާބޮޑަށް ރޅިގަދަވެ މައިތިރިނުވެގެން އުޅުން
- ކަންކަމާ ހިތްހަމަނުޖެހި، ގޮތްދޫނުކޮށް، ރުޅިއައިސް، ހަޅޭލަވައި ބޮޑާހާކާ ހެދުން
- ރަނގަޅަށް ނުނިދުން
- ތަފާތު އެއްޗެހި ކެއުން
- އެކިއެކި ކަންކަން ކުރުމަށް ބިރުނުގަތުން
ނޭދެވޭ ބަސްތައް ބުނެވޭއިރު ވިސްނަވާ
މުޖުތަމައުން ނުކުޅެދުންތެރިކަން ހުންނަ ކުދިން ބަލައިނުގަތުމަކީ އެފަދަ ކޮންމެ ކުއްޖެއްގެ ބެލެނިވެރިއެއްގެ ވެސް ހިތާމައެކެވެ. މަދުން ނަމަވެސް އެފަދަ ކުދިންނަކީ ބަލި ނުވަތަ މޮޔަ ކުއްޖަކަށް ހެދެއެވެ. ފާޅުގައި އެފަދަ ކުދިން ރަނގަޅު ނުވާނެއޭވެސް ބުނެފައި ވުމަކީ ލިބޭ ހިތްދަތި ކަމެކެވެ.
ހާއްސަކޮށް އޯޓިޒަމް ކުދިންނަކީ ބޭރު ފުށުން ނުކުޅެދުންތެރިކަމެއް ފެންނަން ނުހުންނަ ކުދިންނެވެ. އެހެންކަމުން އެފަދަ ކުދިންގެ ފަރާތުން ފެންނަ ކަމަކުން ބަދު ބަސްތައް އަންނަ އަންނަކަމީ އިފޫ މިސް އަބަދުވެސް ދައްކަވާ ވާހަކައެކެވެ. ނަމަވެސް އޭނާ ވިދާޅުވީ މިހާރު އެކަން މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމަށެވެ.
"އޯޓިޒަމް ކުދިންނަކީ ބޭރު ފެށުން ނުކުޅެދުންތެރިކަން ހުންނަ ކުދިންނެއް ނޫން. އެހެން ހުރެފަ ޓަސްލާފައި ބިހޭވިއާއަށް އައިސްދާނެ ބަދަލެއް. އެކަހަލަ ބިހޭވިއޭއަށް އަންނަ އިރަށް އާންމުންގެ ސަމާލުކަން އެބަދޭ. ދެން ބައެއް ބޭފުޅުން ބުނެދާނެ މިއީ ކިހިނެއް ބަލައި ބޮޑުކޮށްފައި ހުރި ކުއްޖެއްބާއޭ. މިކަހަލަ ނޭދެވޭ ބަސްތައް އަދިވެސް އާދޭ،" އިފޫ މިސް ވިދާޅުވިއެވެ.
އޯޓިޒަމް ފަދަ ކުދިންނާ އެއްގޮތަށް ކަރިކިއުލަމް ބައްޓަން ކުރުން މުހިންމު
ކުރިން މާލޭގައި ނަމަ ދެތިން ސްކޫލެއްގައި ފިޔަވައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަކަށް ކިޔެވުމުގެ ފުރުސަތު ފަހިވެފައެއް ނޯވެއެވެ. އެކަމުގެ ފަންނީ ޓީޗަރުންވެސް މަދެވެ. ނަމަވެސް މިއަހަރުގެ ތެރޭގައި ތައާރަފުވެގެން އައި އިންކުލޫސިވް އެޑިއުކޭޝަން ނުވަތަ ހުރިހާ ކުދިންނަށްވެސް ބައިވެރިވޭ ތައުލީމީ ނިޒާމުގެ ތެރެއިން އޯޓިޒަމް ފަދަ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވެސް އެހެން ކުދިންނެކޭ އެއް ކުލާހެއްގައި ކިޔެވުމުގެ ފުރުސަތު މިވަނީ ފަހިވެފައެވެ.
އެއީ ގިނަ ބެލެނިވެރިންނަށް ލިބުނު ހިތްހަމަ ޖެހުމެކެވެ. ގިނަ ބައެއް ފަރާތުން ތައުލީމީ ނިޒާމަށް ވެސް ތައުރީފު ރައްދުވި ކަމެކެވެ. ނަމަވެސް އެކަމުގެ ފަންނީ މާހިރުންގެ ކަންބޮޑުވުންތަކެއް އެބަ ހުއްޓެވެ.
އިފޫ މިސް ފާހަގަކުރެއްވި ގޮތުގައި އޯޓިޒަމް ހުންނަ ކުދިންނަކީ ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކުދިންނަށް ވީ ނަމަވެސް، މިހާރު އޮންނަ ގޮތުން އެފަދަ ކުދިންނަށް ދޭންޖެހޭ ސަމާލުކަން މަދެވެ. އަދި މިފަދަ ކުދިންނަކީ އެހެން ކުދިންނެކޭ ހިލާފަށް ތަފާތުތަކެއް ހުރި ކުދިންނަށް ވާއިރު އެ ކުދިންގެ ހުނަރު ދެނެގަތުން މުހިންމުކަމަށް ވިދާޅުވިއެވެ.
"މިފަދަ ކުދިންނަށް ސްކޫލުގައި ހާއްސަ ސަމާލުކަމެއް ދޭންޖެހޭ. ސަމާލުކަން ދޭންޖެހޭއިރު އެންމެ ޓީޗަރަކަށް 30 ކުދިން ގެންގުޅެމުން ތަންކޮޅެއް އުދަނގޫވޭ ވަގުތު ދޭން. އަސްލު މިކުދިންގެ ހުނަރު ދެނެގަނެފައި މިކުދިންނަށް މަސައްކަތް ކޮށްދޭން ޖެހެނީ. ކަރިކިއުލަމް އެޑަޕްޓް ކުރަންޖެހޭ. މިކުދިންނަށް ގުޅޭގޮތަށް ފިލާވަޅުތައް ބައްޓަން ކުރަންޖެހޭ،" އިފްހާމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ތައުލީމީ މަންހަޖު މިހާރު އޮންނަ ގޮތުން ހުރިހާ ކުދންނާ ގުޅޭގޮތަށް ބައްޓަން ވެފައި އޮތް ނަމަވެސް ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށްދޭ ފިލާވަޅުތަކަށް ކުދިކުދި ބަދަލުތަކެއް ގެނެސް، އެފަދަ ކުދިން ޝައުގުވެރިކަން ހުންނަ މާއްދާތައް ފާހަގަކޮށް އެއަށް އަހުލުވެރިކުރުވަން ޖެހޭ ކަމަށެވެ.
އެހެން ނޫންނަމަ އެކުއްޖަކު ކިޔަވަން ފޫހިވެ ސަމާލުކަމެއް ނުދެވޭނެ ކަމަށް އިފޫ ފާހަގަކުރެއްވިއެވެ.
"ނުގުޅޭ އެއްޗެއް ކިޔަވައިދެންޔާ، ކިހިނެތްތޯ ސަމާލުކަމެއް ދޭނީ. ކުއްޖާގެ ކޮންކޮން ދާއިރާތަކަކުންތޯ ކުއްޖާގެ ހުނަރުވެރިކަން ހުރީ ބަލައި، އެ ދާއިރާއަކުން ކުއްޖާ ކުރިއަށް ގެންދިއުން. ހުރިހާ މާއްދާތަކެއް ކިޔަވައިދިނުމަކީ މުހިންމު ކަމެއް ނޫން،" އިފޫ މިސްގެ ކަންބޮޑުވުން ހިއްސާކުރެއްވިއެވެ.
އޭނާ އިތުރަށް ފާހަގަކުރެއްވީ، ކުއްޖާ ވީހާވެސް ގިނަ އިރު ސްކޫލުގައި ގެންގުޅެވޭނެ ގޮތް ހެދުމަކީ ސްކޫލުގެ އިތުރުން ބެލެނިވެރިޔާގެ ވެސް ޒިންމާއެއް ކަމަށެވެ.
އެގޮތުން ބެލެނިވެރިޔާއާއި ސްކޫލާ އަދި އެކުއްޖަކު ފަހުން ގެންދާ ސެންޓަރަކާ ގާތް ގުޅުމެއް ބާއްވައި އެކުއްޖަކު ހާސިލުކުރަން ބޭނުންވާ ކަމެއް ހާސިލުކުރުމަށް ހުރިހާ ފަރާތްތަކުން ވެސް ގުޅިގެން މަސައްކަތްކުރުން މުހިންމު ކަމަށް ވިދާޅުވިއެވެ.
"އެ ކުއްޖެއްގެ ގޯލްތައް ޖެހޭނެ ހުރިހާ ބޭފުޅުންވެސް ޝެއާ ކޮށްފައި ކޮމަން ގޯލަކަށް ކޮލާބެރޭޓިވް މަސައްކަތްކުރަން. އޭރުން ކުއްޖާގެ ނަތީޖާ ނެރެވިގެންދާނެ،"