ކެފޭ ރެސްޓޯރަންޓް މެންދަމު އެކަކަށް، ޕެޓްރޯލް ޝެޑްތައް 12 ޖަހާއިރު ބަންދުކުރަން ނިންމައިފި

މާލޭގެ ރެސްޓޯރަންޓެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކެއިންބުއިމުގެ ޚިދުމަތްދޭ ހޮޓާ، ކެފޭ، ރެސްޓޯރަންޓްތަކާއި، ޕެޓްރޯލް ޝެޑްތައް ބަންދުކުރާ ގަޑިތަކަށް އިކޮނޮމިކް މިނިސްޓްރީން ބަދަލު ގެނެސްފިއެވެ.

މިހާރު ނިންމާފައިވާ ގޮތުން އޭޕްރީލް އެއް ވަނަ ދުވަހުން ފެށިގެން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ބަންދުކުރާނީ، މެންދަމު 1:00ގައެވެ. އަދި ޕެޓްރޯލް ޝެޑްތައް ބަންދުކުރާނީ މެންދަމު 12:00ގައެވެ.

ކުރިން ކެފޭ، ރެސްޓޯރަންޓް ފަދަ ތަންތަން މެންދަމު 12:00ގައި ބަންދުކުރަން ޖެހެއެވެ. އަދި ޕެޓްރޯލް ޝެޑްތައް ރޭގަނޑު 10:00ގައި ބަންދުކުރެއެވެ.

އިކޮނަމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާދަމް ތައުފީގު، ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވިދާޅުވީ، މުދާ އުފުލާ ގަޑިތަކަށް ގެނައި ބަދަލާ ގުޅިގެން، މިއަދުން ފެށިގެން ކެފޭ، ރެސްޓޯރަންޓް ތަކާއި، ޕެޓްރޯލް ޝެޑްތައް ބަންދުކުރާ ގަޑިތަކަށް ބަދަލުގެންނަން އެ މިނިސްޓްރީން ނިންމީ ކަމަށެވެ.

"ހޮޓާ ރެސްޓޯރެންޓް ފަދަ ތަންތަން ކުރިން ބާރަޖެހުމާ ހަމަޔަށް މިހުރީ. ނަމަވެސް މިހާރު އައި ބަދަލާ ގުޅިގެން ރޭގަނޑު އެކެއް ޖެހުމާ ހަމަޔަށް ހުޅުވާފަ ބެހެއްޓޭނެ،" ޢާދަމް ތަޢުފީޤް ވިދާޅުވިއެވެ.

"ޕެޓްރޯލް ޝެޑްތައްވެސް ބާރަ ޖަހަންދެން ހުޅުވާފަ ބެހެއްޓޭނެ."

އެފްއެސްއެމް ފިއުލް ސުޓޭޝަނުން ހިދުމަތް ދެނީ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އޭނާ ވިދާޅުވީ، ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނަށް މި ބަދަލު ގެނެވުނު ނަމަވެސް ކުރިންވެސް ހަމަޖެހިފައިވާ ގޮތަށް ފިހާރަތައް ރޭގަނޑު ދިހައެއް ޖަހާއިރުގައި ބަންދުކުރަންޖެހޭނޭ ކަމަށެވެ.

"އެހެންނަމަވެސް ވިޔަފާރިވެރިން ސްޓޮކް ރިޕްލޭސްކުރުމަށްޓަކައި ވިޔަފާރިތައް ހުޅުވިފައި ބެހެއްޓިދާނެ. އެހެންނަމަވެސް ވިޔަފާރިކުރުން މަނާވާނެ،" ތައުފީގު ވިދާޅުވިއެވެ.

ތައުފީގު ވިދާޅުވީ، މުދާ އުފުލުމުގެ ވަގުތަށް ޓްރާންސްޕޯޓް އޮތޯރިޓީން ގެނައި ބަދަލަަށް ދެމެހެއްޓެނިވި ގޮތެއްގައި އަމަލުކުރުމަށް ވިޔަފާރިވެރީންނާއި އާންމު ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ.

މިހާރު މާލެ ތެރެއަށް ވިއްކުމަށާއި ގުދަންކުރުމަށް، ގަނޑުކޮށް އުފުލާ މުދަލާއި، ލަކުޑި، ދަގަނޑު، ހިލަ، ހިލަވެލި، ބިއްލޫރި، ސިމެންތި، އިމާރާތްކުރުމަށް ބޭނުންކުރާ ގަލާއި، ބުއިމަށް ބޭނުންކުރާ ފެނާއި އެހެނިހެން ބުއިންތައް އަދި އެނޫންވެސް އެންމެހާ ތަކެތި އެއްތަނުން އަނެއްތަނަށް އުފުލޭނީ ހަވީރު 6:00 އިން ފެށިގެން ހެނދުނު 6:00 އާ ދެމެދު ވަގުތެއްގައެވެ.

ޑެލިވަރީގެ ގޮތުގައި އުފުލާ ކައްކާ ގޭސް އުފުލޭނެ ގަޑިއެއް ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައަޅާފައިވަނީ ހެނދުނު 8:30 އިން ފެށިގެން 11:00 އަށް އަދި ހަވީރު 6:00 އިން ފެށިގެން ހެނދުނު 6:00 އަށެވެ.

މުދާއުފުލާ ގަޑިތަކަށް ބަދަލު ގެނައުމާއެކު، ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރި ނަމަވެސް، އާންމު ގޮތެއްގައި ގިނަ ބަޔަކު ދަނީ މިއީ ރަނގަޅު ނިންމުމެއް ކަމަށްބުނަމުންނެވެ.

comment ކޮމެންޓް