ކަޅުފަހަލަފުށީގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 22.4 މިލިއަން ޑޮލަރު ދައްކަން ހުކުމް ކޮށްފި

ޖަސްޓިސް ބިލްޑިން --- ސަން ފައިލް ފޮޓޯ/ އިހްތިޝާމް މުހައްމަދު

ޓޫރިސްޓު ރިސޯޓެއް ތަރައްގީކުރުމަށް މީގެ 12 އަހަރު ކުރިން ދޫކޮށްފައިވާ ތ. ކަޅުފަހަލަފުށީގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 22.4 މިލިއަން ޑޮލަރު (345 މިލިއަން ރުފިޔާ) ދައްކަން ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.

ސިވިލް ކޯޓުން މިދިޔަ ބުދަ ދުވަހު ކުރި ހުކުމްގައި ބުނެފައި ވަނީ 2005 ވަނަ އަހަރުގެ މެއި މަހުގެ ފަސް ވަނަ ދުވަހު ޓޫރިޒަމް މިނިސްޓްރީ އާއި އޭޝިއާ ޕްރައިވެޓް ލިމިޓެޑާއެކު ވެފައިވާ ލީސް އެގްރީމެންޓުގެ ދަށުން 2009 ވަނަ އަހަރުން ފެށިގެން 2015 ފެބްރުއަރީ މަހުގެ ނިޔަލަށް އެރަށުގެ ކުލީގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ ދައްކާފައިނުވާ ކަމަށެވެ.

ހުކުމްގައިވާ ގޮތުން ކުލީގެ ގޮތުގައި ދައްކަންޖެހެނީ 11،140،447.64 މިލިއަން ޑޮލަރެވެ. އަދި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ކުލި ނުދެއްކުމުން ޖޫރިމަނާ އާއި އިންޓްރަސްޓްގެ ގޮތުގައި އަރާފައި ވަނީ 11،323،963.88 މިލިއަން ޑޮލަރު ކަމަށް ވެސް އެ ހުކުމްގައިވެ އެވެ.

އެހެންކަމުން ޖުމްލަ 22،464،411.52 މިލިއަން ޑޮލަރަކީ އެ ފައިސާ ދައްކައި ޚަލާސްކުރުމާ ހަމައަށް އަރަމުންދާ ޖޫރިމަނާ އާއި އިންޓްރެސްޓާ އެކު އޭޝިއާ ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑުން ދައްކަން ޖެހޭ ފައިސާއެއްކަން ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީއަތަށް ސާބިތުވާ ކަމަށް ވެސް އެ ހުކުމްގައިވެ އެވެ.

އެ ފައިސާ ދެއްކުމުގެ ގޮތުން ކޮންމެ މަހަކު ވެސް އެ މަހަކަށް ޖެހޭވަރު މިދިޔަ އަންގާރަ ދުވަހުން ފެށިގެން ތިން މަސް ތެރޭގައި އެ ފައިސާ ދައްކައި ޚަލާސްކުރުމަށް ސިވިލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.

comment ކޮމެންޓް