ދެ ވަނަ ލެގު ވެސް ކާމިޔާބުކޮށް، މާބައިދޫން އަތޮޅު ޗެމްޕިއަންކަން ހޯދައިފި

މާބައިދޫން ލ. އަތޮޅުގެ ޗެމްޕިއަންކަން ހޯދައި އައްޑަނަ އުފުލާލަނީ --- ފޮޓޯ/ ފަޒީލް ގްރަފީ

އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ލ. އަތޮޅު ބުރުގެ ދެވަނަ މެޗު ވެސް ކާމިޔާބުކޮށް މާބައިދޫން އަތޮޅު ޗެމްޕިއަންކަން ހޯދައިފި އެވެ.

މި އަހަރުގެ މިނިވަން ޗެމްޕިއަންޝިޕް މުބާރާތުގައި ލ. އަތޮޅުން ބައިވެރިވެފައި ވަނީ ކުނަހަންދު އާއި މާބައިދޫ އެކަންޏެވެ. އެހެން ކަމުން އެ އަތޮޅު ބުރުގައި ކުޅުމަށް ހަމަޖެހިފައި ވަނީ ހޯމް އަދި އަވޭ އުސޫލުން ދެ މެޗެކެވެ.

ކުނަހަންދޫ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު މާބައިދޫން ކާމިޔާބުކުރީ 2-0ގެ ނަތީޖާއަކުންނެވެ. އިއްޔެ މާބައިދޫގައި ކުޅުނު ދެވަނަ ލެގުގެ މެޗު މާބައިދޫން ކާމިޔާބުކުރީ 1-0ގެ ނަތީޖާއަކުންނެވެ.

މެޗުގައި މައިބައިދޫގެ ހަމައެކަނި ގޯލް އެޓީމަށް ކާމިޔާބު ކޮށްދިނީ ހުސައިން ޝަފްރާޒެވެ.

ދެ މެޗު ވެސް ކާމިޔާބުކޮށް 3-0ގެ އެގްރިގޭޓް ނަތީޖާއަކުން ލ. އަތޮޅުގެ ޗެމްޕިއަންކަން މާބައިދުއަށް ލިބިފައިވާ އިރު، އެޓީމު ވަނީ ޒޯން ހަތެއްގެ ޒޯން ބުރަށް ކޮލިފައިވެފަ އެވެ.

އެ ޒޯންގައި ހިމެނޭނީ ލ. އަތޮޅުގެ ޗެމްޕިއަނުންނާއި ތ. އަތޮޅުގެ ޗެމްޕިއަނުންނެވެ.

comment ކޮމެންޓް