މަހުލޫފު މާފުށީ ޖަލަށް ބަދަލުކޮށްފި

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު --- ސަންފައިލް ފޮޓޯ

ފުލުހުން ހައްޔަރުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ދޫނިދޫ ޖަލުން މާފުށީ ޖަލަށް ބަދަލުކޮށްފި އެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކުރި މަހުލޫފު ފަސް ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އަމުރުކޮށްފަ އެވެ. އެ އަމުރުގައި ބުނެފައިވަނީ މަހުލޫފު ބަހައްޓަން ޖެހޭނީ ރިމާންޑް ޖަލެއްގައި ކަމަށެވެ.

މަހުލޫފުގެ މައްޗަށް ފުލުހުން ކުރަނީ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުނު ކަމުގެ ތުހުމަތެވެ. އެ ތުހުމަތު ކުރަނީ ފެބުރުއަރީ ތިންވަނަ ދުވަހު ހަވީރުގެ ވަގުތެއްގައި މަހުލޫފާއި އިތުރު ބަޔަކު އިސްވެ ތިބެ މާފުށީ ޖަލު ކުރިމައްޗަށް އެއްވެ މުޒާހަރާކުރަން ތިބި މީހުންގެ ތެރެއިން ބަޔަކު ޖަލުގެ މައި ގޭޓް މައްޗަށް އަރައި ގޭޓް ތަޅުވައި އެތެރެއަށް ވަންނަން މަސައްކަތް ކޮށްފައިވާތީ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން ތަހުގީގީ އިދާރާއަކަށް ދޮގު މައުލޫމާތު ދިން ދެ މައްސަލައެއް ވެސް ފުލުހުން ދަނީ ބަލަމުންނެވެ. އެއީ މަހުލޫފު ކުރި ދެ ޓްވީޓަކާ ގުޅިގެންނެވެ.

comment ކޮމެންޓް