މުދާ އުފުލަން ކަނޑައެޅި ގަޑިތަކަށް ބަދަލުގެެނެސް ލުއިތަކެއް ދީފި

ގޭސް ޑެލިވަރީކުރާ ޕިކަޕެއް ---

މާލޭގެ މަގުތައް ތޮއްޖެހި އާންމުންނަށް ހިނގާބިގާވެ އުޅުމަށް ދަތިވަމުންދާތީ، މުދާ އުފުލަން ޓްރާންސްޕޯޓް އޮތޯރިޓީން ކުރިން ހަމަޖެއްސި ގަޑިތަކަށް ބަދަލުގެނެސް، މުދާ އުފުލާ ގަޑިތަކަށް ލުއިތަކެއް ދީފިއެވެ.

ޓްރާންސްޕޯޓް އޮތޯރިިޓީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވާގޮތުގައި އަންނަ އާދީއްތަ ދުވަހުން ފެށިގެން މާލެތެރެއަށް ވިއްކުމަށާއި އަދި ގުދަންކުރުމަށް ގަނޑުކޮށް އުފުލާ މުދަލާއި، ލަކުޑި، ދަގަނޑު ހިލަވެލި، ބިއްލޫރި، ސިމެންތި، އިމާރާތްކުރުމަށް ބޭނުންކުރާ ގަލާއި، ބުއިމަށް ބޭނުންކުރާ ފެނާއި އެހެނިހެން ބުއިންތައް އަދި މިނޫންވެސް މިފަދަ ތަކެތި އެއްތަނުން އަނެއްތަނަށް އުފުލަންވާނީ ހަވީރު 6:00 އިން ހެނދުނު 6:00 އަށެވެ.

އޭގެ އިތުރުން ޑެލިވަރީގެ ގޮތުގައި އުފުލާ ކައްކާ ގޭސް އުފުލޭނެ ގަޑިއެއް ކަމަށް ޓްރާންސްޕޯޓް އޮތީރިޓީން ކަނޑައަޅާފައިވަނީ ހެނދުނު 08:30 އިން 11:00 އަށް އަދި ހަވީރު 6:00 އިން ހެނދުނު 6:00 އަށެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ކުރިން ނެރުނު ގަވައިދުގައި ލަކުޑިއާއި ހިލަވެެލި އަދި ފެން ފަދަ މުދާ އުފުލޭނެ ގަޑިއެއް ކަމަށް ކަނޑައަޅާފައިވަނީ ރޭގަނޑު 10:00 އިން ހެނދުނު 6:00 އަށެވެ. ކައްކާ ގޭސް ޑެލިވާކުރެވޭނެ ގަޑިއެއްގެ ގޮތުގައި ކުރިން ކަނޑައެޅީ ހެނދުނު 08:30 އިން 11:00 އަށް އަދި ރޭގަނޑު 8:00 އިން ހެނދުނު 6:00 އަށެވެ.

މުދާ އުފުލަން ހަމަޖެއްސި ގަޑިތަކާ މެދު ޝަކުވާ ބޮޑުވުމުން ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ އެ ގަވައިދަށް އަމަލުކުރުން ފަސްކޮށްފައެވެ. އެ އޮތޯރިޓީން ގަވައިދަށް ބަދަލުތަކެއް ގެނެސްފައިވަނީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، ވިޔަފާރިވެރިންނާ ބައްދަލުކުރުމަށްފަހު ބޭއްވި މަޝްވަރާތަކަށް ފަހުއެވެ.

comment ކޮމެންޓް