ސްޕޯޓްސް ކައުންސިލް އެކުލެވެނީ 11 މެންބަރުންގެ މައްޗަށެވެ. ކައުންސިލްގައި ހިމެނެނީ ކުޅިވަރާބެހޭ ވުޒާރާއިން މިނިސްޓަރު އައްޔަންކުރައްވާ ދެ ބޭފުޅަކާއި، ކުޅިވަރާބެހޭ ވަޒީރު އައްޔަންކުރައްވާ އަންހެން ދެ ބޭފުޅަކާއި، ކުޅިވަރާބެހޭ ވަޒީރު އައްޔަންކުރައްވާ ގާނޫނީ ވަކީލަކާއި، އެޑިޔުކޭޝަން މިނިސްޓްރީ ތަމްސީލް ކުރުމަށް އެ ވުޒާރާގެ ވަޒީރު އައްޔަންކުރައްވާ މެންބަރަކާއި، ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުން އޮލިމްޕިކް ކުޅިވަރުތައް ތަމްސީލް ކުރުމަށް ދެ މެންބަރުންނާއި ނޮން އޮލިމްޕިކް ކުޅިވަރުތައް ތަމްސީލް ކުރުމަށް ދެ މެންބަރުން އަދި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ހިންގާ ކޮމިޓީން ކަނޑައަޅާ މެންބަރެކެވެ.

ސްޕޯޓްސް ކައުންސިލްގެ މައިގަނޑު މަސައްކަތަކީ ކުޅިވަރު އެސޯސިއޭޝަންތަކާ ގުޅޭ ކަންކަން ބެލެހެއްޓުމާއި އެތުލީޓުން ކުރިއަރުވައި ތަރައްގީކުރަން މަސައްކަތް ކުރުމެވެ. ސްޕޯޓްސް ކައުސިލްގެ ރައީސަކީ ރާއްޖޭގެ ކުޅިވަރަށް ގިނަގުނަ ހިދުމަތްތަކެއް ކުރައްވަމުން ގެންދަވާ އިބްރާހީމް އިސްމާއީލެވެ.