ސްޕޯޓްސް ކައުންސިލުގެ ރައީސްކަމަށް ނާހިދު އައްޔަން ކޮށްފި

ކުޅިވަރު ކައުންސިލުގެ ރައީސްއަކަށް އައްޔަން ކުރި އިބްރާހިމް ނާހިދުއާއި އޮލިމްޕިކް ކޮމިޓީގެ ޖެނެރަލް ސެކެއްޓަރީ މަރްޒޫގް މިދިޔަ އައިއޯއައިޖީގެ ތެރެއިން --- ފޮޓޯ//އެމްއޯސީ

ދިވެހި ރާއްޖޭގެ ކުޅިވަރުތަކާ ބެހޭ އެންމެ ފަހުގެ ނިންމުން ނިންމާނެ ތަނެއްގެ ގޮތުގައި ބައިނަލް އަގުވާމީ ޖަމިއްޔާ، ޖަމާއަތްތަކުން ވެސް ކަނޑައަޅާފައިވާ ސްޕޯޓްސް ކައުންސިލުގެ ރައީސްގެ މަގާމަށް އިބްރާހިމް ނާހިދު އައްޔަންކުރައްވައިފިއެވެ.

ކުޅިވަރުގެ ހިދުމަތްތެރިޔާ އިބްރާހިމް އިސްމާއިލް ރަސްމީކޮށް ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީގައި އޮންނަ ސްޕޯޓްސް ކައުންސިލްގެ ޗެއާމަންގެ މަގާމުން ރިޓަޔާ ކުރައްވަން ނިންމަވައި، އެކަން މިނިސްޓަރު މަހްލޫފަށް އަންގަވައިފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 28 ގަ އެވެ. އަދި އިބްރާޙިމް އިސްމާއިލްގެ ރިޓަޔަމެންޓް ގަބޫލު ކުރައްވާ އެކަން ބަލައިގެންފައިވާ ކަން މަހްލޫފް އިއުލާން ކުރެއްވި އިރު މިއަދު ވަނީ ހުސްވެފައިވާ ކުޅިވަރު ކައުންސިލުގެ ރައީސްގެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވައިފަ އެވެ.

އެ މަގާމަށް މިއަދު އައްޔަން ކުރީ ކުރީގެ މަޝްހޫރު ބާސްކެޓްބޯޅަ ކުޅުންތެރިޔާ އަދި ކޯޗު ނާހިދު އެވެ. މީގެ ކުރިން ކުޅިވަރު ކައުންސިލްގެ ނައިބުގެ ގޮތުގައި ހަރަކާތްތެރިވި ނާހިދު އަކީ ވެސް ކުޅިވަރުގެ އެތައް ހަރަކާތްތަކެއްގައި ގިނަ ދުވަސްތަކެއްވަންދެން މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.

އެގޮތުން 2008 ވަނަ އަހަރުން 2013 ވަނަ އަހަރަށް ބާސްކެޓްބޯޅަ އެސޯސިއޭޝަނުގެ ހިންގާ ކޮމިޓީގައި މަސައްކަތް ކުރެއްވުމުގެ އިތުރުން، 13 އަހަރު ބާސްކެޓްބޯޅައިގައި ޚިދުމަތް ކުރެއްވި ބޭފުޅެކެވެ. ފީބާ އިންޓަނޭޝަނަލް ކޯޗިންގ ލައިސަންސް ހޯދާފައިވާ ނާހިދު ވަނީ ގައުމީ ބާސްކެޓްބޯޅަ ޓީމުގެ ކެޕްޓަންކަން ކުރެއްވުމުގެ އިތުރުން، ގައުމީ ބާސްކެޓްބޯޅަ ޓީމަށް ކޯޗުކަންވެސް ކޮށްދެއްވާފައެވެ. އަދި އެކި ކުލަބުތަކަށް ކޯޗުކަން ކޮށްދެއްވާ، ގިނަ ކާމިޔާބުތަކެއް ބާސްކެޓްބޯޅައިން ވަނީ ހޯއްދަވާފައެވެ.

މީގެ އިތުރުން ނާހިދު ވަނީ ޖަކަޓާގައި 2018 ވަނަ އަހަރު ބޭއްވި އޭޝިއަން ގޭމްސް އާއި، 2019 ވަނަ އަހަރު މޮރިޝަސްގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އާއި، 2019 ވަނަ އަހަރު ކަތަމަންޑޫގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި ރާއްޖެއިން ބައިވެރިވި ކޮންޓިންޖެންޓުގެ ޗެފް ޑި މިޝަނަރަކީވެސް ނާހިދެވެ.

އަދި އެހެންމެ މިހާތަނަށް ރާއްޖޭގައި ބޭއްވިގެން ދާނެ އެންމެ ބޮޑު ބައިނަލް އަގުވާމީ ކުޅިވަރުގެ ހަރާކާތް ކަމަށްވާ 2023ގެ އައިއޯއައިޖީގެ ބިޑް ކޮމިޓީގައިވެސް ނާހިދު ވަނީ މަސައްކަތް ކުރައްވާފައިވެއެވެ.

ކުޅިވަރާ ބެހޭ އެންމެ މަތީ މަޖިލީސްގައި ޖުމްލަ 11 މެންބަރުން އައްޔަން ކޮށްފައި ތިބެއެވެ. އެގޮތުން އެސޯސިއޭޝަންތައް ތަމްސީލުކުރާ ހަތަރު މެންބަރުންނާއި، ކުޅިވަރާ ބެހޭ ވުޒާރާގެ ތެރެއިން ވަޒީރު އައްޔަން ކުރައްވާ ދެ މެންބަރުންނާއި، ދެ އަންހެން މެންބަރުންނާއި، ޤާނޫނީ ވަކީލަކާއި، ތައުލީމާ ބެހޭ ވުޒާރާ ތަމްސީލުކުރައްވާ މެންބަރަކާއި، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ކަނޑައަޅާ މެންބަރެއް މި މަޖިލީހުގައި އިންނާނެ އެވެ.

comment ކޮމެންޓް