މާލޭގައި ޕިއްޒާ ހަޓްގެ އައުޓްލެޓެއް ހުޅުވައިފިއެވެ.

މިރޭ ބޭއްވި ރަސްމިއްޔާތެއްގައި އެތަން ހުޅުވައިދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.
މާލޭ ސްކޮޔާ (ގާކޮށީ ޓާޓާ ފްލެޓު) ގައި ހުޅުވި މި އައުޓް ލެޓުން މާދަމާ ހެނދުނުން ފެށިގެން ކަސްޓަމަރުންނަށް ހިދުމަތް ދޭނެއެވެ.
މާލޭގައި ޕިއްޒާ ހަޓްގެ އައުޓްލެޓެއް ހުޅުވުން --- ސަން ފޮޓޯ: މުހައްމަދު އަފްރާހް
މާލޭގައި ޕިއްޒާ ހަޓް ހިންގަނީ އައިލެންޑް ފުޑް ޕްރައިވެޓް ލިމިޓެޑާއި އިންޑިއާގެ ގަމާ ޕިއްޒާކްރާފްޓް އޯވާ ސީސް ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗާ ކުންފުންޏަކުންނެވެ. ގަމާ ޕިއްޒާކްރާފްޓް އޯވާސީސް އަކީ އިންޑިއާ އާއި ސްރީލަންކާ ގައި 300 އަށް ވުރެ ގިނަ ކޭއެފްސީ އަދި ޕިއްޒާ ހަޓް އައުޓްލެޓު ހިންގަމުން އަންނަ ކުންފުންޏެކެވެ.
މިރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ފެންނަމުން މިދަނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ އިގްތިސާދީ ސިޔާސަތުގެ ދަށުން އިގްތިސާދީ ކުރިއެރުންތައް އަންނަތަން ކަމަށެވެ.
މާލޭގައި ޕިއްޒާ ހަޓްގެ އައުޓްލެޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު ސައީދު ވާހަކަދައްކަވަނީ ---- ސަން ފޮޓޯ: މުހައްމަދު އަފްރާހު
މިނިސްޓަރު ވިދާޅުވީ އަށްޑިހައިގެ އަހަރުތަކުގައި ރާއްޖެއަށް އިންޓަަނޭޝަނަލް ބޮޑެތި ބްރޭންޑުތައް ޓުއަރިޒަމް ދާއިރާ ގައި އިންވެސްޓު ކުރަން ޝައުގުވެރިކަން ފާޅުކުރުމުން ބުނަމުން ދިޔައީ އެ ބްރޭންޑުތައް ރާއްޖޭގައި ނުހިނގާނެ ވާހަކަ ކަމަށެވެ. އަދި ރާއްޖޭގައި ޓުއަރިޒަމްވެސް ތަރައްގީ ނުކުރެވޭނަކަމަށް ވާހަކަ ދެކެވުނު ދުވަސްތަކެއްވެސް ދިޔަކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ރައީސް ޔާމީނުގެ ހަތަރު އަހަރުގެ ވެރިކަމުގައި އިގްތިސާދީ ބޮޑެތި ކުރިއެރުންތައް ހޯދާފައިވާ ކަމަށާއި ވިޔަފާރީގެ ދާއިރާގައި ރާއްޖޭގައި ނުކުރެވޭނެކަމަށް ބުނި ގިނަ ކަންތައްތަކެއް ކުރެވެމުންދާތަން މިއަދު ފެންނަ ކަމަށް މިނިސްޓަރު ސައީދު ވިދާޅުވިއެވެ.
މާލޭގައި ޕިއްޒާ ހަޓްގެ އައުޓްލެޓެއް ހުޅުވުން --- ސަން ފޮޓޯ: މުހައްމަދު އަފްރާހު
"ދިވެހި ވިޔަފާރިވެރިންނަކީ ރާއްޖެ އާއި ރާއްޖެއިން ބޭރުގައިވެސް ވިޔަފާރި ކުރެވޭނެ ބައެއްކަން ދައްކަމުން ރާއްޖެ މިދަނީ ކުދި ގައުމުތަކަށް ނަމޫނާ ދައްކަމުން،" މިނިސްޓަރު ވިދާޅުވިއެވެ.
ޕިއްޒާ ހަޓް އަކީ "ޔަމް" ގެ ސަބްސިޑަރީ ބްރޭންޑެކެވެ. ޔަމްގެ ދަށުން ކޭއެފްސީ އަދި ޓެކޯ ބެލް ވެސް ހިންގައެވެ. ޕިއްޒާ ހަޓް ހިންގާ ގަމާ އައިލެންޑުން ބުނީ ކުރިއަށް އޮތްތަނުގައި ޔަމްގެ ދަށުން ހިންގާ ބްރޭންޑުތައް ރާއްޖެއަށް ގެންނާނެ ކަމަށެވެ. ޕިއްޒާ ހަޓް އަދި ކޭއެފްސީގެ އައުޓްލެޓުތައް މާލޭގެ އިތުރުން އާބާދީ ބޮޑެތި ރަށްރަށުގައި ހުޅުވާނެ ކަމަށް ގަމާ އައިލެންޑުން ބުނެއެވެ.
މާލޭގައި ޕިއްޒާ ހަޓްގެ އައުޓްލެޓެއް ހުޅުވި އިރު ގަމާ އައިލެންޑް ފުޑް ޕްރައިވެޓް ލިމިޓެޑުން ދަނީ މާލޭގައި ކޭއެފްސީގެ އައުޓްލެޓެއް އަވަސް މުސްތަގުބަލެއްގައި ހުޅުވުމަށް ތައްޔާރުވަމުންނެވެ.