މޯލްޑިވްސް ކްލީން އެންވަޔަރަމެންޓް ޕްރޮޖެކްޓް އިފުތިތާހުކޮށްފި

ސާފުރާއްޖެ ސަރަހައްދީ މަހާސިންތާ ފެށުން ---- ފޮޓޯ :އެންވަޔަރަމެންޓް މިނިސްޓްރީ

މޯލްޑިވްސް ކްލީން އެންވަޔަރަމެންޓް ޕްރޮޖެކްޓް އިފްތިތާހުކޮށްފި އެވެ.

އެ ޕްރޮޖެކްޓް އިފްތިތާހު ކުރީ ސާފު ރާއްޖެ ސަރަހައްދީ މަހާސިންތާ ޒޯން ހަތަރެއް އަދި ފަހެއް ފެށުމަށް މިއަދު މުލަކު އަތޮޅު މުލީގައި ބޭއްވި ރަސްމިއްޔަތެއްގަ އެވެ. އެ ޕްރޮޖެކްޓަކީ ވޯލްޑް ބޭންކުގެ ހިލޭ އެހީގެ ދަށުން މައިގަނޑު ގޮތެއްގައި ޒޯން ހަތަރެއް އަދި ފަހެއް ހިމެނޭ ގޮތަށް ކުރިއަށްގެންދާ ސަރަހައްދީ މަޝްރޫއެއް ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީ އިން ބުންޏެވެ.

އެ މަޝްރޫއުގެ ދަށުން 2008 އިން 2016 އަށް ކުރިއަށް ގެންދިޔަ މޯލްޑިވްސް އެންވަޔަރަމެންޓަލް މެނޭޖްމެންޓް ޕްރޮޖެކްޓް ގެ ދަށުން ނ.، ރ.، ބ.، އަދި ޅ. އަތޮޅަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ކުނި މެނޭޖުކުރުމުގެ ޕްރޮގްރާމް އިތުރަށް ތަރައްގީ ކުރުމަށް އެހީތެރިވާނެ ކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ.

މޯލްޑިވްސް ކްލީން އެންވަޔަރަމެންޓް ޕްރޮޖެކްޓް ކުރިއަށް ގެންދާނީ ހަ އަހަރުގެ މުއްދަތަކަށެވެ. އެ މަޝްރޫއަށް ވޯލްޑް ބޭންކުން 17.5 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދޭނެ އެވެ.

ޒޯން ހަތަރަކާއި ފަހެއްގައި ހިމެނޭ ހުރިހާ ރަށެއްގައި ރަށު ފެންވަރުގެ ކުނި މެނޭޖުކުރާ ނިޒާމުތައް ގާއިމުކޮށް ރަށުން ބޭރުކުރަންޖެހޭ ކުނި ރައްކާތެރިގޮތެއްގައި މެނޭޖުކުރުމަށް ސަރަހައްދީ މަރުކަޒެއް ގާއިމް ކުރުމުގެ މަސައްކަތް ވެސް މި ޕްރޮޖެކްޓުގެ ދަށުން ކުރިއަށް ގެންދާނެ ކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ.

ސާފު ރާއްޖެ ސަރަހައްދީ މަހާސިންތާ ކުރިއަށް ދާނީ މިއަދުން ފެށިގެން މި މަހުގެ 29 ގެ ނިޔަލަށެވެ. އެ މަހާސިންތާގައި ސަރަހައްދުގެ ހުރިހާ ރަށަކުން ޖުމްލަ 90 ބޭފުޅުން ބައިވެރިވެ އެވެ.

comment ކޮމެންޓް