ރާއްޖޭގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ "ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް"ގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް މިއަހަރު ވެސް ސަން އޮންލައިން ހަމަޖައްސައިފިއެވެ.
މިހާތަނަށް ގޯލްޑަން ފުޓްސަލް ޗެލެންޖު ބޭއްވި ތިން އަހަރުގެވެސް އެ މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރުންނަކީ ސަން މީޑިއާ ގްރޫޕެވެ.
އޮންލައިން މީޑިއާ ޕާޓްނަރަކަށް ސަން އޮންލައިން ހަމަޖެއްސުމަށް މިއަދު ސަން ޓީވީ ސްޓޫޑިއޯގައި ބޭއްވި ހަފްލާއެއްގައި ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
ސަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސަން މީޑިއާ ގްރޫޕްގެ ޑެޕިއުޓީ މާކެޓިން މެނޭޖަރު މަރިޔަމް ހަޝްމާ ޔޫސުފެވެ. އަދި ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ އެސޯސިއޭޝަންގެ ރައީސް ރިލްވާން މޫސާއެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން ރިލްވާން ވިދާޅުވީ، އޮންލައިން މީޑިއާ ޕާޓްރަނަރަކަށް ސަން މީޑިއާ ހަމަޖެހިގެން ދިޔަ ކަމަށްޓަކައި ސަން މީޑިއާގެ ހުރިހާ މުއައްޒަފުންނާއި ހީވާގި ސްޕޯޓްސް ޓީމަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި ނިމިދިޔަ ތިން އަހަރުވެސް އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން ކަމަށާއި އެކަމަށްވެސް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށް ރިލުވާން ވިދާޅުވިއެވެ.
ރިލުވާން ވިދާޅުވީ މިއަހަރުގެ މުބާރާތްވެސް ކުރިއަށްދާނީ ކުރީ އަހަރުތަކެކޭ އެއްފަދައިން ކަމަށާއި މުބާރާތަކީ ފޯރިގަދަ އަދި ކޮލިޓީގެ ގޮތުން ތަފާތު މުބާރާތަކަށް ވެގެންދާނެ ކަމަށެވެ.
ސަން މީޑިއާ ގްރޫޕްގެ ފަރާތުން ވާހަކަ ދައްކަވަމުން ހަޝްމާ ވިދާޅުވީ އަނެއްކާވެސް ގޯލްޑަން ފުޓްސަލް ފަަދަ ބޮޑު މުބާރާތެއްގެ އޮންލައިން މީޑިއާގެ ފުރުސަތު ލިބުނީތީ ވަރަށް ބޮޑަށް އުފާކުރާ ކަމަށެވެ.
މިއަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖު ފެށުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ ނުވައެއްގައެވެ. ކުރީ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް ޗެމްޕިއަން ޓީމަށް ހުށަހަޅާފައިވަނީ 65،000 ރުފިޔާއެވެ. އަދި ރަނަރަޕް ޓީމަށް ހުށަހަޅާފައިވަނީ 25،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ.
ގޯލްޑަން ފުޓްސަލް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ހުޅުވާލެވިފައިވާ އިރު، ޓީމުތައް ބައިވެރިވުމުގެ އެންމެ ފަހު ތާރީހަކީ އޭޕްރީލް މަހުގެ 15އެވެ.
މިއަހަރުވެސް މާލެ އަދި ފުއައްމުލަށް ސިޓީ ފިޔަވާ ކޮންމެ ރަށަކުންވެސް އެރަށަކަށް ނިސްބަތްވާ އެއް ޓީމު މުބާރާތުގައި ބައިވެރިކުރޭނެއެވެ. މާލެއާއި ފުއައްމުލަކުގެ ކޮންމެ އަވަށަކުން ޓީމެއް ނެރުމަށް ފުރުސަތު ހުޅުވާލެވިފައިވާ އިރު، މިއަހަރުވެސް ރަށްރަށް ބައިވެރިކުރުވާއިރު އިސްކަން ދޭނީ ފުރަތަމަ ފޯމު ހުށައަޅާ ޓީމަށް ކަމަށް ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ފަރާތުން ބުނެފައިވެއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގެ މިއަހަރުވެސް ޓައިޓަލް ސްޕޮންސަރަކީ ސޮނީ ސްޕޯޓްސްއެވެ.