ރާއްޖެއިން ޓީބީ ނައްތާލުމަށް ގައުމީ ފެންވަރުގެ ސްޓިއަރިން ކޮމެޓީއެއް އެކުލަވާލައިފި

ޓީބީ ނައްތާލުމުގެ ގައުމީ ފެންވަރުގައި ކުރާ މަސަައްކަތް ވިލަރެސް ކުރުމަށް އެކުލަވާލި ހައިލެވެލް ސްޓިއަރިން ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ޑަބްލިއުއެޗްއޯ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ކަންޓްރީ ރެޕްރެޒެންޓޭޓިވް ޑރ. އަރްވިންދް މާތުރަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ސެޓްފިކެޓް ހަވާލުކޮށްދެއްވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދެހާސްބާވީސް ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއިން ޓީބީ ނައްތާލުމުގެ ގައުމީ ފެންވަރުގައި ކުރާ މަސަައްކަތް ވިލަރެސް ކުރުމަށް ގިނަ މުއައްސަސާތަކެއް ހިމެނޭ ގޮތަށް ހައިލެވެލް ސްޓިއަރިން ކޮމެޓީއެއް އެކުލަވާލައިފި އެވެ.

އެ ސްޓިއަރިން ކޮމެޓީއަކީ 2022 ގެ ނިޔަލަށް ރާއްޖެއިން ޓީބީ ނައްތާލުމަށް މިއަހަރުގެ ތެރޭގައި އިފްތިތާހްކުރި ނެޝަނަލް ސްޓްރެޓެޖިކް ޕްލޭންގައި ހިމެނޭ ކަންކަން ޖުމްލަ ގޮތެއްގައި ބަލައި ކޯޑިނޭޓް ކުރާނެ އެންމެ އިސް ފަރާތެވެ.

ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ސްޓިއަރިން ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަށް ވަނީ އެކަމުގެ ލިޔުން ހަވާލުކޮށްފައެވެ. އެ ލިޔުން ހަވާލުކޮށްދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމެވެ.

މިއަދު ރަސްމީކޮށް އިފްތިތާހްކުރި ސްޓިއަރިން ކޮމެޓީގައި ހިމެނޭ ފަރާތްތަކަކީ:

  • ޑަބްލިއުއެޗްއޯ
  • ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)
  • އާސަންދަ ކޮމްޕެނީ ލިމިޓެޑް
  • އައިޖީއެމްއެޗް
  • އޭޑީކޭ ހޮސްޕިޓަލް
  • ދިވެހި ރެޑް ކްރެސެންޓް (އެމްއާރުސީ)
  • މޯލްޑިވްސް ޕޮލިސް ސާވިސް
  • އެމްއެންޑީއެފް
  • ކަރެކްޝަނަލް ސާވިސް
  • ޖެންޑާ މިނިސްޓްރީ
  • އެޑިއުކޭޝަން މިނިސްޓްރީ
  • އެކޮނޮމިކް މިނިސްޓްރީ
  • ޓޫރިޒަމް މިނިސްޓްރީ
  • ފިނޭންސް މިނިސްޓްރީ
  • ހޯމް މިނިސްޓްރީ
  • މޯލްޑިވްސް އިމިގްރޭޝަން

ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހެލްތު މިނިސްޓްރީގެ ހެލްތު މިނިސްޓަރު ޑރ. އާއިޝަތު ރަމީލާ ވިދާޅުވީ، ގިނަ މުއައްސަސާތަކެއް ބައިވެރިވެގެން ހެދިފައިވާ ހައިލެވެލް ސްޓިއަރިން ކޮމެޓީ އެއް އެކުލަވާލުމުގެ އެއް ބޭނުމަކީ ޓީބީ ކަހަލަ ބައްޔެއް ނައްތާލުމަކީ ހަމައެކަނި ހެލްތު މިނިސްޓްރީގެ މަސައްކަތަކުން ނިންމާލެވޭނެ ކަމަކަށް ނުވާތީ ކަމަށެވެ.

އެގޮތުން ގައުމީ ފެންވަރުގައި އެކުލަވާލި ސްޓެރެޓިކް ޕުލޭންގައި އެކި މުއައްސަސާތަކުން، ވަކިމުއްދަތެއްގެ ތެރޭގައި ހާސިލް ކުރަންޖެހޭނެ ކަންތައްތަކެއް ކަނޑައެޅިފައިވާއިރު، ހައިލެވެލް ނޭޝަނަލް ސްޓިއަރިން ކޮމެޓީގައި ހިމެނިވަޑައިގަންނަވާ އެ މުއައްސާތައް ތަމްސީލް ކުރައްވާ ބޭފުޅުންގެ ފަރާތުން އެކަމަށް އެއްބާރުލުން ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.

ދެހާސް ބާވީސްވަނަ އަހަރުގެ ކުރީން ރާއްޖެއިން ޓީބީ ނައްތާލުމުގެ މަސައްކަތް ފަށައިފާއިރު، 2030 ވަނަ އަހަރާ ހަމައަށް މުޅި ދުނިޔެއިން ޓީބީ ނައްތާލުމަކީ ދެމެހެއްޓެނިވި ތަރައްގީގެ އެޖެންޑާގައި ހިމެނި، ފުރިހަމަ ސިއްހަތާއި ދުޅަހެޔޮކަން ހިމެނޭ ލަނޑުދަނޑިއެކެވެ.

comment ކޮމެންޓް