ދުނިޔޭގެ ފެނުގެ ދުވަހާ ގުޅިގެން، ފެނާއި ނަރުދަމާއަށް ހޭލުންތެރިކަން އިތުރުކުރުމަށް 2017 ވަނަ އަހަރު ފެށި "ފެންފަހި" ޕްރޮގްރާމްގެ ދަށުން، އެންވަޔަރަމަންޓް މިިނިސްޓްރީން ތިން ޕްރޮގްރާމެއް މިއަދު އިފްތިތާހްކޮށްފިއެވެ.
"ފެންފަހި ނިއުސްލެޓަރ"، "ކޮމިއުނިކޭޝަން ޕްލޭން" އަދި "އިންސްޓަގުރާމް ފޮޓޯ ކޮންޕެޓިޝަން" ޕްރޮގްރާމް އިފްތިތާހްކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ޕްރޮގްރާމްތައް އިފްތިތާހްކޮށްދެއްވީ އެންވަޔަރަމަންޓް މިނިސްޓަރު ޠާރިޤު އިބްރާހިމްއެވެ.
ފެނުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެއަހަރަކުވެސް މާޗް 22 ވަނަ ދުވަހެވެ.
ފެންފަހި ނިއުސްލެޓާގެ ދަށުން ފެނާއި ނަރުދަމާގެ މަސައްކަތްތަކުގެ ތެރެއިން ކުރިއަށް ގެންދެވޭ މަޝްރޫޢުތަކާއި ހިންގޭ ތަފާތު ޕްރޮގްރާމްތަކުގެ މައުލޫމާތު އާންމުންނާއި ކަމާބެހޭ ބޭފުޅުންނަށް ފޯރުކޮށްދިނުމަށް ހަމެޖެހިފައިވާ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުންޏެވެ.
މިއަދު އިފްތިތާހް ކުރި ފެންފަހި ކޮމިއުނިކޭޝަން ޕްލޭންގެ ދަށުން، ފެންފަހި ކެމްޕެއިންގެ ދަށުން ހިންގޭ އެކިއެކި ހަަރަކާތްތަށް ރާވައި ކުރިއަށް ގެންދާނެގޮތުގެ ލުއިފޮތެއްވެސް ވަނީ އިފްތިތާހްކޮށްފައެވެ.
އެ ފޮތުގައި ރައްޔިތުންނަށް ދޭން ބޭނުންވާ މެސެޖުތައް ދިނުމާއި ފެނާއި ނަރުދަމާއަށް އަހުލުވެރިކަމުގައި ގެންގުޅެންޖެހޭ އުކުޅުތަކުގެ އިތުރުން ވާކްޝޮޕްތައް ކުރިއަށް ގެންދާނެގޮތުގެ މައުލޫމާތު ހިމަނައިފައިވާ ކަމަށްވެސް އެންވަޔަރަމަންޓް މިނިސްޓްރީން ބުންޏެވެ.
ފެނުގެ ދުވަހާ ގުޅިގެން މިއަދު އިފްތިތާހުކުރި އިންސްޓަގްރާމް ފޮޓޯ ކޮމްޕެޓިޝަނަށް ފޮޓޯ ހުށަހެޅުމުގެ ފުރުސަތު ކުރިއަށް އޮތް ތިރީސް ދުވަހަށް ހުޅުވާލައިފައިވާ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުންޏެވެ. އެ މުބާރާރަށް މިއަހަރު ކަނޑައަޅާފައިވާ ތީމަކީ " ދަ އާންސާ އިޒް ނޭޗާ" އެވެ. އިންސްޓަގްރާމަށް ފޮޓޯ ޕޯސްޓްކުރާއިރު ބޭނުންކުރާނޭ ހޭޝްޓެގަކީ fenfahi# އެވެ.