"އާތު އަވާ"އަށް ފުރަ މާލެއިން ފިނި ތަރުހީބެއް!

އާތު އަވާގެ އެއްގަޑިއިރުގެ ތެރޭގައި މާލޭ ޖުމްހޫރީ މައިދާން ސަރަހައްދު --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރިޕޯޓް: މުހައްމަދު ސިމާއު އަދި މުއާވިއަތު އަންވަރު

އާތު އަވާގެ ގޮތުގައި މިއަހަރު ފާހަގަކުރަން ކަނޑައެޅި އެއްގަޑިއިރު ތެރޭގައި މާލެ ތެރެއަށް ނުކުމެލީމެވެ. އެއީ 8:30 އިން 9:30 އެވެ.

މާލޭގެ އެންމެ ކާރުބާރު ބޮޑު އެއް މަގު، މަޖީދީމަގު އެއްކޮޅުން އަނެއްކޮޅު އޮތީ ދިއްލައި އަޅާފައެވެ. ބަންދުކޮށްފައި ހުރި ފިހާރައެއް މެނުވީ ނިއްވާލައިފައެއް ނެތެވެ. ހަފްތާ ބަންދު ދުވަހެއް ކަމުން އާންމުން ވެސް ވިޔަފާރި ކުރުމުގައި އުޅުނީ ބުރަކޮށެވެ. މަޖީދީމަގުގައި އެންމެ ފާހަގަކޮށްލެވޭ އެއްތަން ކަމަށްވާ އޮލިމްޕަހުގައި ވެސް ނެތް ކުލައެއްގެ ލައިޓެއް މަދުވާނެ އެވެ.

ސައިކަލުގައި އެހެން ގޮސް ދެން އެޅުނީ ޖުމްހޫރީ މައިދާނާ ދިމާ ބޭރު މަގަށެވެ. އެންމެ ފާހަގަކޮށްލެވޭ ބިނާތައް ހުރި ސަރަހައްދުގައި ވެސް ތަފާތެއް ފެންނާކަށް ނެތެވެ.

ޒަމާނީ ފެންވަރަށް ހެދި އިއްޒުއްދީން ޖެޓީ އާއި އިސްލާމީ މަރުކަޒުގެ އިތުރުން ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސެއިން އާދަމް ބިލްޑިންގ އާއި ގައުމީ ބޮޑު ދިދަ ވެސް ހުރީ އަލިގަދަކޮށް ދިއްލައި އަޅާފައެވެ.

އާތު އަވާގެ އެއްގަޑިއިރުގެ ތެރޭގައި މާލެ ތެރެ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރައީސް އޮފީހާއި ސަރުކާރުގެ ބައެއް އޮފީސްތަކާއި ކުންފުނިތަކުގެ އިމާރާތްތައް ނިއްވާލާފައިހުރި ނަމަވެސް ގިނަ މުއައްސަސާތަކާއި ރާއްޖޭގެ ބޮޑެތި އަމިއްލަ ކުންފުނިތަކުގެ އޮފީސްތަކުން ރާއްޖޭގެ މަލަމަތި އޮތީ އަލިކޮށެވެ.

އޭގެ އިތުރުން ހުޅުލެ-މާލެ ގުޅާލައި ހަދާ ބުރިޖާއި މާފަންނުގައި ހުންނަ 25 ބުރީގެ އައިޖީއެމްއެޗް އިމާރާތް ވެސް މި ލިސްޓުގައި ފާހަގަކޮށްލަން ކޮންމެހެން ޖެހެއެވެ.

މާލެ ތެރޭގައި ހޭދަކުރި އެއްގަޑިއިރުގެ ތެރޭގައި ނަން ހިނގާ މަދު ރެސްޓޯރެންޓެއް ފިޔަވައި ވަގުތު ކޮޅު އައިސްގެން އުޅޭހެން ހިއެއްވެސް ނުވެއެވެ. ބައެއް ރެސްޓޯރެންޓުތަކުގެ އެތެރެ ނިއްވާލާފައި ހުރިއިރު، ދިއްލުންތައް ދިއްލާފައި ހުރީ ބެޓެރިން ދިއްލޭ އުއްބައްތި އާއި އާދައިގެ އުއްބައްތިންނެވެ.

މީގެ ކުރިން އިންޖީނުލީ އުޅަނދު ދުއްވުން މަނާކުރި ނަމަވެސް އާތު އަވާއާއެކު މާލެ ތެރެ މިރޭ އިތުރަށް ބާރުބޮޑެވެ.

އާތު އަވާގެ އެއްގަޑިއިރުގެ ތެރޭގައި މާލޭގެ ރެސްޓޯރެންޓެއްގެ އެތެރެ --- ސަން ފޮޓޯ/ މުއާވިއަތު އަންވަރު

ކޮންމެ އަކަސް މިއަހަރުގެ އާތު އަވާއަށް ފުރަ މާލެއިން ލިބިގެން ދިޔައީ ފިނި ތަރުހީބެކެވެ. ރާއްޖެއަކީ ތިމާވެށީގެ ނާޒުކު ގައުމެއް ކަމަށް ބުނާއިރު ތިމާވެށީގެ ގޮތުން ރާއްޖޭގައި ފާހަގަކުރާ އެންމެ ބޮޑު ކެމްޕެއިން ވެރިކަން ކުރާ މި މާލެއަށް އައިހެން ހީވެސް ނުވެއެވެ.

ދުނިޔޭގައި އިސްކަމެއްދޭ ބޮޑު ހަރަކާތެއް

އާތު އަވާ އަކީ މޫސުމަށް އަންނަމުންދާ ބަދަލުތަކުން ލިބިދާނެ ގެއްލުންތައް ކުޑަކުރުމުގެ ގޮތުން އެޅިދާނެ ފިޔަތަޅުތަކަށް ހޭލުންތެރިކުރުވަން ހިންގާ ބައިނަލްއަގްވާމީ ގޮތުން ދުނިޔޭގައި ހިންގޭ އެންމެ ބޮޑު ހަރަކާތެވެ. އެ ހަރަކާތުގެ ކަނޑައެޅޭ އެއްގަޑިއިރަށް ކަރަންޓް ބޭނުންކޮށްގެން ކޮންމެހެން ދިއްލަންޖެހޭ ދިއްލުންތައް ފިޔަވައި އެހެން ހުރިހާ ދިއްލުންތަކެއް ނިއްވާލަން ބާރު އަޅައެވެ.

މިއަހަރުގެ އާތު އަވާ ދުނިޔޭގެ އެކި ކަންކޮޅުތަކުން: އޮސްޓެރޭލިއާގެ ސިޑްނީގައި ހުންނަ ހާބަރު ބުރިޖު އާތު އަވާއަށް ނިއްވާލާފައި --- ފޮޓޯ/ މީސް މީޑިއާ

ދެހާސް އަށްވަނަ އަހަރުން ފެށިގެން ބައިނަލްއަގްވާމީ ފެންވަރެއްގައި އާތު އަވާ ފާހަގަކުރަމުންދާއިރު، އެގަޑިއަށް މުޅި ދުނިޔެ ހޭލާ ތިބެއެވެ. އެތައް ގައުމަކުން މިކަމުގައި ބައިވެރިވެ އެގައުމެއްގެ އެންމެ މަޝްހޫރު ބިނާތަކާއި އިމާރާތްތައް އެގަޑިއަށް ނިއްވާލައެވެ.

އެގޮތުން މިއަހަރުވެސް އިންޑިއާގެ ދިއްލީގައި ހުންނަ އިންޑިއާ ގޭޓާއި އޮސްޓްރޭލިއާގެ ސިޑްނީ އޮޕެރާ ހައުސް އަދި ހާބަރު ބްރިޖުގެ އިތުރުން ޖަޕާނުގެ މުޅި މަލަމަތި ފަދަ ތަންތަން ވަނީ ނިއްވާލައިފައެވެ.

ރާއްޖެއަށް ބެލިނަމަވެސް އާތު އަވާ ހަރަކާތަކީ 2009 ވަނަ އަހަރުން ފެށިގެން ވޭތުވެދިޔަ ނުވަ އަހަރުގައި ރާއްޖެއިން ކުލަގަދަ ކޮށް ފާހަގަކުރާ ހަރަކާތެކެވެ. ދިވެހިންނަށް އެއީ އަންނަ އުއްބައްތީގެ އީދެކެވެ. އެކުވެރިން ނުވަތަ އާއިލާތައް އެއްތަނަކަށް އެއްވެ އުއްބައްތި ދިއްލުމަކީ ސަގާފަތެކެވެ.

މިއަހަރުގެ އާތު އަވާ ދުނިޔޭގެ އެކި ކަންކޮޅުތަކުން: ދުބާއީގައި ހުންނަ ބުރުޖު ހަލީފާ އާތު އަވާއަށް ނިއްވާލާފައި --- ފޮޓޯ/ މީސް މީޑިއާ

އޭގެ އިތުރުން މީގެ ކުރީންނަމަ އާތު އަވާގެ ގޮތުގައި ފާހަގަކުރާ އެއް ގަޑިއިރަށް އިންޖީނުލީ އުޅަނދު ދުއްވުން މަނާކޮށް، ފައިމަގުގައި އުޅުމަށް ވެސް ސަރުކާރުން ބާރު އެޅިއެވެ.

އާތު އަވާ އަންނަ ކަމެއް ނޭނގެ

ރާއްޖޭގެ ތިމާވެށީގެ ނާޒުކު ކަމާއެކު އާތު އަވާއަކީ ޖައްވު ހޫނުވުމުގެ މައްސަލައާއި އޭގެ ސަބަބުން ދިމާވާ ތިމާވެށީގެ މައްސަލަތަކަށް ލުޔެއް ހޯދުމަށް ފަރުދީ ފެންވަރުގައި މަސައްކަތް ކުރުމަށް ހިތްވަރުދިނުމާއި އަމަލީ ގޮތުން މިކަމުގައި ބައިވެރިވުމަށް ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ލިބޭ ފުރުސަތެކެވެ.

އާތު އަވާގެ އެއްގަޑިއިރުގެ ތެރޭގައި މާލެ ތެރެ --- ސަން ފޮޓޯ/ މުއާވިއަތު އަންވަރު

ނަމަވެސް އާތު އަވާއާއެކު ރޭ މާލެ ތެރެއިން ފެނުނު މަންޒަރާއެކު ބައެއް ސޭޓުންނާއެކު ލައިޓްތައް ނުނިއްވަނީ ކީއްވެގެންތޯ އަހާލީމެވެ.

"އަހަރެމެންނަކަށް ނޭނގެ ކުރަންޖެހޭ ކަމެއް، އަހަރެމެން ވަރަށް ފޯރި ހުންނަ ކަންތައްތައް ތިއީ. އެނގޭނަމަ ނިއްވާލީސް. މީގެ ކުރީން ވަރަށް ފޯރިއާއެކު ކުރޭވިއްޔަ. މިހާރު ނޭނގޭތީވެ،" އާތު އަވާއާ ގުޅިގެން ފިހާރަ ނުނިންވަންތޯ އަހާލުމުން ގަލޮޅުގައި ހުރި ފިހާރައެއްގެ ސޭޓަކު ބުންޏެވެ.

އެހެން ސޭޓަކު ވެސް ބުނި ގޮތުގައި، އާތު އަވާކަން އެނގުނު ނަމަވެސް އެކަމަށް އެހާބޮޑު އަހައްމިއްޔަތު ކަމެއް ނުދޭތީވެ އެކަމާ ނޫޅުނީ ކަމަށެވެ. އަދި ބައެއް ސޭޓުން ބުނާގޮތުން އެމީހުން ނުނިއްވީ އެއީ ފަރަންޖީން ކުރާ ކަމަކަށްވާތީ، އެމީހުންގެ އާދަކާދަ އަށް ބޯނުލަނބާން ކަމަށެވެ.

އާތު އަވާގެ އެއްގަޑިއިރުގެ ތެރޭގައި މާލޭ ދިރާގު މައި އޮފީސް ސަރަހައްދު --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ސޭޓުންގެ ވާހަކަތައް މިހެން ހުރި ނަމަވެސް، ރާއްޖޭގައި މިހާރު ހިނގަމުންމިދާ ސިޔާސީ ހަލަބޮލިކަމަކީ ވެސް އާތު އަވާއަށް މީހުންގެ ސަމާލުކަން ނުދެވުނު ސަބަބަކަށް ވުން ބޮޑެވެ. ނުވަތަ ކަމާބެހޭ ފަރާތްތަކުން އެކަމަށް ބާރު ނާޅާކަން ވެސް ފާހަގަކޮށްލެވިދާނެ އެވެ.

comment ކޮމެންޓް