ބީޗު ވޮލީ މުބާރާތުގައި ރާއްޖޭގެ ޒުވާން އަންހެން ޓީމަށް ވަރުގަދަ ފެށުމެއް

ރާއްޖޭގެ އަންހެން ޓީމު މިޔަންމާއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ ވީއޭއެމް

އޭޝިއާގެ 19 އަހަރުން ދަށުގެ ބީޗު ވޮލީ މުބާރާތުގެ އޭޝިއަން ޒޯންގައި ރާއްޖޭގެ ޒުވާން އަންހެން ބީޗު ވޮލީ ޓީމުން މިޔަންމާގެ މައްޗަށް ކުރި ހޯދައިފިއެވެ.

ތައިލެންޑުގެ ނަކޯން ޕަތޯމްގައި މިއަދު ފެށި މުބާރާތުގެ އަންހެން ޑިވިޝަންގައި ރާއްޖެ ހިމެނިފައިވަނީ ޕޫލް ސީގައެވެ. ރާއްޖޭގެ އިތުރުން އެ ޕޫލްގައި ހިމެނެނީ ޖަޕާނާއި މިޔަންމާ އަދި ހޮންކޮންގެވެ.

ރާއްޖޭގެ އަންހެން ޓީމުގައި ހިމެނޭ އާމިނަތު ރުފެއިދާ އާއި ޝާނިޔާ އަހުމަދު ނިޒާމް މިއަދު ކުޅުނު މެޗުގައި ވާދަކުރީ މިޔަންމާގެ ކައިގް އަދި ލެއީގެ ޓީމާއެވެ.

އެ މެޗު ރާއްޖޭގެ ޓީމުން ކާމިޔާބުކުރީ 2-0ގެ ނަތީޖާއަކުންނެވެ. މެޗުގެ ސެޓުތައް ރާއްޖެއިން ގެންގޮސްފައިވަނީ 16-21 އަދި 11-21 އިންނެވެ.

ރާއްޖެ ހިމެނޭ ޕޫލްގައި ދެން ކުޅުނު މެޗުގައި ޖަޕާނުން ވަނީ ފަސޭހަކަމާއެކު ހޮންގްކޮންގް ބަލިކޮށްފައެވެ.

އެ މުބާރާތުގައި ރާއްޖެއާއި ހޮންކޮންގް ވާދަކުރާ މެޗުވެސް މިއަދު އޮންނާނެއެވެ. އެ މެޗުން ރާއްޖެ މޮޅުވެއްޖެ ނަމަ ކުއާޓާގެ ޖާގަ ލިބޭނެއެވެ.

އޭޝިއާގެ 19 އަހަރުން ދަށުގެ ބީޗު ވޮލީ މުބާރާތުގެ ފިރިހެން ޑިވިޝަންގައި ރާއްޖެ ވާދަކުރަނީ ޕޫލް ޖީގައެވެ. އެ ޕޫލްގައި ރާއްޖޭގެ އިތުރުން ވާދަކުރަނީ އޮމާނާއި ސިންގަޕޫރެވެ.

ރާއްޖޭގެ ފިރިހެން ޓީމުގައި ހިމެނޭ ދެ ކުޅުންތެރިންނަކީ ޝާމިލް ހުސެއިން އާއި އާދަމް ޝަނީފެވެ. އެ ދެކުޅުންތެރިން މިއަދު ވަރުގަދަ އޮމާނާ ދެކޮޅަށް ކުޅުނު މެޗުން ބަލިވީ ސީދާ ދެ ސެޓުންނެވެ.

އޮމާނުން ސެޓުތައް ގެންދިޔައީ 21-14 އަދި 21-12 އިންނެވެ.

ރާއްޖޭގެ ފިރިހެން ޓީމުން ސިންގަޕޫރާ ދެކޮޅަށް ނުކުންނަ މެޗުވެސް މިއަދު އޮންނާނެއެވެ.

މުބާރާތުގައި މިއަދުގެ ރާއްޖޭގެ ފިރިހެން ޓީމުން އޮމާނާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ ވީއޭއެން

އޭޝިއާގެ 19 އަހަރުން ދަށުގެ ބީޗު ވޮލީ މުބާރާތުގައި ވާދަކުރުމަށް އަންހެން އަދި ފިރިހެން ދެ ކުޅުންތެރިން ތައިލެންޑަށް ގޮސްފައިވާ އިރު، އެ ހަތަރު ކުދިންނަކީވެސް މިދިޔަ އަހަރު ކަލާސް އެވޯޑު ހޯދައި، ސަރުކާރުގެ ސްކޯލާޝިޕްގެ ދަށުން މިހާރު މާލޭގައި ކިޔަވަމުންދާ ދަރިވަރުންނެވެ.

އޭޝިއާގެ 19 އަހަރުން ދަށުގެ ބީޗު ވޮލީ މުބާރާތަކީ، އޭޝިއާ ސަރަހައްދުން ޔޫތު އޮލިމްޕިކްސް ގޭމްގެ އިތުރުން ދުނިޔޭގެ 19 އަހަރުން ދަށުގެ ބީޗު ވޮލީ މުބާރާތުގެ ކޮލިފިކޭޝަނަށްވެސް ކުޅޭ މުބާރާތެވެ. އެ މުބާރާތުގެ އަންހެން އަދި ފިރިހެން ޑިވިޝަންގެވެސް އެންމެ މޮޅު ތިން ޓީމު، ޔޫތު އޮލިމްޕިކްސްއަށާއި ދުނިޔޭގެ 19 އަހަރުން ދަށުގެ ބީޗު ވޮލީ މުބާރާތަށް ކޮލިފައިވާނެއެވެ.

comment ކޮމެންޓް