ޗައިނާއާ ދެކޮޅަށް ކުޅުނު މެޗުގައި ހެދި ހެޓްރިކާއެކު ވޭލްސް ގައުމީ ޓީމަށް އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ ރެކޯޑު ގެރެތު ބޭލް މުގުރާލައިފިއެވެ.
ވޭލްސްއިން ޗައިނާއާ ދެކޮޅަށް މިއަދު ކުޅުނު އެކުވެރިކަމުގެ މެޗުން އެޓީމު މޮޅުވީ 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. ޗައިނާގައި ކުޅުނު އެ މެޗަކީ ވޭލްސްގެ ގައުމީ ޓީމާ ރަޔަން ގިގްސް ހަވާލުވިފަހުން ކުޅުނު ފުރަތަމަ މެޗެވެ.
މެންޗެސްޓާ ޔުނައިޓެޑްގެ ލެޖެންޑް ގިގްސް، ވޭލްސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވެފައި ވަނީ މިއަހަރުގެ ޖެނުއަރީ މަހުގައެވެ.
ޗައިނާގެ ގުއާންޒީ ސްޕޯޓްސް ކޮމްޕްލެކްސްގައި މިއަދު ކުޅުނު މެޗުގައި ރެއާލް މެޑްރިޑްގެ ފޯވަޑް، ގެރެތު ބޭލް ހެޓްރިކް ހަދާފައިވާ އިރު، ބާންލީއަށް ކުޅެމުން އަންނަ ސޭމް ވޯކްސް ވަނީ ދެ ގޯލް ޖަހައިފައެވެ. ވޭލްސްގެ އަނެއް ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ލޯން އެއްބަސްވުމުގެ ދަށުން ހަލް ސިޓީއަށް ކުޅެމުން އަންނަ ހެރީ ވިލްސަންއެވެ.
މިއަދުގެ މެޗުގައި ބޭލް ހެދި ހެޓްރިކާއެކު އޭނާވެފައި ވަނީ ވޭލްސް ގައުމީ ޓީމަށް އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާއަށެވެ. އޭނާ މުގުރާލައިފައިވަނީ ލިވަޕޫލް ލެޖެންޑް އިއާން ރަޝް ހަދާފައިވާ ރެކޯޑެކެވެ. 1980 އިން 1996 ވަނަ އަހަރާ ހަމައަށް ވޭލްސް ގައުމީ ޓީމަށް ކުޅުނު ރަޝް ހަދާފައިވާ ރެކޯޑަކީ 73 މެޗުން 28 ގޯލް ޖަހައިގެން ހަދާފައިވާ ރެކޯޑެކެވެ. ބޭލް 29 ގޯލް ޖަހައިފައިވަނީ 69 މެޗުންނެވެ.
ބޭލް ވޭލްސްގެ ގައުމީ ޓީމަށް ފުރަތަމަ މެޗު ކުޅެފައިވަނީ 2006 ވަނަ އަހަރުގައެވެ. 2007 ވަނަ އަހަރުން 2013 ވަނަ އަހަރާ ހަމައަށް ބޭލް އޭނާގެ ކްލަބު ކެރިއަރު ހޭދަކޮށްފައިވަނީ އިނގިރޭސި ވިލާތުގެ ޓޮޓެންހަމްގައެވެ. 2007 ވަނަ އަހަރު ބޭލް މިހާރު ކުޅެމުންދާ ކްލަބު، ރެއާލްއަށް ބަދަލުވީ 100 މިލިއަން ޕައުންޑުގެ ރެކޯޑު އަގެއްގައެވެ.
ވޭލްސް ގައުމީ ޓީމާއެކު 2016 ވަނަ އަހަރުގެ ޔޫރޯގެ ސެމީ ފައިނަލަށް ބޭލް ދަތުރުކޮށްފައިވާ އިރު، އެ މުބާރާތުގައި ބޭލް ވަނީ މޮޅަށް ކުޅެ މުހިންމު ތިން ގޯލްވެސް ޖަހައިދީފައެވެ.