ރާއްޖޭގައި ޓީބީ ފެންނަ މިންވަރު އިތުރު، މިދިޔަ އަހަރު ބަލި ޖެހިފައިވާ 136 މީހުން ފެނިފައިވޭ!

ޖުމްހޫރީ މައިދާނުގައި ގިަނ އަދަދެއްގެ ބިދޭސީން --- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާޙް

ވޭތުވެދިޔަ ތިން އަހަރަށް ބަލާއިރު އަހަރުން އަހަރަށް ރާއްޖެއިން ޓީބީ ފެންނަ މިންވަރު އިތުރުވަމުންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނެފި އެވެ.

އެޗްޕީއޭއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ރާއްޖެއަކީ ޓީބީ ބަލި ޖެހިފައިވާ މީހުން ނިސްބަތުން މަދު ގައުމެއް ކަމަށެވެ. އެގޮތުން 1966 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި 12247 މީހަކު ޓީބީ ބަލި ޖެހިގެން ފަރުވާ ކުރުމަށް ރަޖިސްޓްރީ ކުރި ކަމަށް އެ އޭޖެންސީން ބުނެ އެވެ.

އެހެންނަމަވެސް ވޭތުވެދިޔަ ތިން އަހަރުގެ ތަފާސް ހިސާބު ތަކުން ދައްކާގޮތުން އަހަރުން އަހަރަށް ރާއްޖެއިން ޓީބީ ފެންނަ މިންވަރު އިތުރުވަމުންދާ ކަމަށާއި މިދިޔަ އަހަރު ވެސް އެ ބަލި ޖެހިފައިވާ 136 މީހުން ރާއްޖެއިން ފެނިފައިވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

ކޮންމެ އުމުރެއްގެ މީހަކަށްވެސް ޖެހިދާނެ ޓީބީ ނުވަތަ ޓިއުބަކިއުލޯސިސް އަކީ މައިކްރޯބެކްޓީރިއަމް ޓިއުބަކިއުލޯސިސް ކިއާ ބެކްޓީރިއާ ނުވަތަ ޖަރާސީމަކުން ޖެހޭ ބައްޔެކެވެ. އެ ބަލި އާންމުކޮށް ޖެހެނީ ފުއްޕާމެޔަށް ކަމަށް ވިޔަސް ހަށިގަނޑުގެ އެހެން ގުނަވަންތަކަށް ވެސް ޓީބީ ޖެހެއެވެ.

އެގޮތުން ގޮހޮރަށް، މައި ބަދަޔަށް، ކަށްޓަށް އަދި ލިމްފް ނޯޑްތަކަށް ވެސް ޓީބީ ޖެހިދާނެ އެވެ.

އެޗްޕީއޭ އިން ބުނީ، ޓީބީ ބަލި ޖެހުމުގެ ފުރުސަތު ބޮޑު އާބާދީ ތަކުގެ ތެރޭގައި ހިމެނޭ އެއް ބަޔަކީ ބިދޭސީން ކަމަށެވެ. އަދި ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ބިދޭސީން ހިއްސާކުރާއިރު މިހާރަށް އައިސް މީގެ ތެރެއިން ގިނަ ބައެއްގެ ގައިން ޓީބީ ބަލި ފެންނަމުންދާ ކަމަށް ނެޝަނަލް ޓީބީ ކޮންޓްރޯލް ޕްރޮގްރާމްގެ ތަފާސް ހިސާބު ތަކުން ދައްކާ ކަމަށް ވެސް އެ އޭޖެންސީން ބުނެއެވެ.

ރާއްޖެއިން ޓީބީ ފެންނަ މިންވަރު އިތުރުވަމުންދާއިރު މިއަހަރުގެ ތެރޭގައި ހެލްތު މިނިސްޓްރީން ވަނީ 2022 ގެ ނިޔަލަށް ރާއްޖެއިން ޓީބީ ނައްތާލުމުގެ މަސައްކަތް ފައްޓައި، އެކަމަށް ކަނޑައެޅި ގައުމީ ސްޓްރެޓެޖިކް ޕްލޭނެއް އިފްތިތާހް ކޮށްފައެވެ.

މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ރައީސް އަބްދުﷲ ޔާމީން އިފްތިތާހް ކޮށްދެއްވި އެ ލަނޑުދަނޑިއަކީ މި ސަރަހައްދުން އެފަދަ މަސައްކަތްތަކެއް ކުރުމަށް އިއުލާންކުރި ފުރަތަމަ ގައުމެވެ.

އަދި އެއީ ސަރަައްދީ ގޮތުން ޓީބީ ނައްތާލުމަށް ކަނޑައެޅިފައިވާ 2030 ލަނޑިދަނޑީގެ ކުރިއަށް ރާއްޖެއިން ޓީބީ ނައްތާލެވިގެން ދިއުން ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.

comment ކޮމެންޓް