ބާކީ ހުރި ފުޑްކޯޓުތައް ބީލަމަށް ހުޅުވާލައިފި

މާލޭގެ ހުޅަނގު ދެކުނު ފަރާތު ހާބަރު ސަރަހައްދުގައި އެސްޓީއޯ އިން ތަރައްގީކުރާ ޒަމާނީ ފުޑް ކޯޓުތައް ފެންނަ ފޮޓޯއެއް --- ފައިލް ފޮޓޯ/ މިނިސްޓަރު މުއިއްޒުގެ ޓުވިޓާ އެކައުންޓް

ހާބަރު ސަރަހައްދުގައި އެސްޓީއޯ އިން ތަރައްގީކޮށްފައިވާ ފުޑްކޯޓުތަކުގެ ތެރެއިން މިހާރު ކުއްޔަށް ދޫނުކޮށް ހުރި ފުޑްކޯޓުތަކަށް ބިޑު ހުށަހަޅަން ހުޅުވާލައިފި އެވެ.

ހާބަރު ސަރަހައްދުގައި އެސްޓީއޯ އިން ވަނީ ޒަމާނީ ފެންވަރަށް 26 ފުޑްކޯޓު ތަރައްގީކޮށްފަ އެވެ. އެތަންތަނުގައި ފާޚާނާގެ އިތުރުން އަތްދޮންނާނެ ތަންތަން ވެސް ވަނީ ގާއިމްކޮށްފަ އެވެ.

ފުޓްކޯޓުތަކަށް ބިޑް ހުށަހަޅާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި 100،000 ރުފިޔާ ހުށަހަޅަން ޖެހެ އެވެ. ބިޑު ޕްރޮޕޯޒަލް ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 25 ވަނަ ދުވަހެވެ. ފުޑްކޮޓުތައް ކުއްޔަށްދެނީ އަކަފޫޓެއް 53 ރުފިޔާ އަށެވެ.

ކުއްޔަށް ދޭން ހުޅުވާލާފައި ވަނީ އަމީނީމަގަށްވާ ގޮތަށް ހުންނަ ދެ ބްލޮކުން ހަތަރު ފުޑްކޯޓު އަދި އިއްޒުއްދީން މަގަށް ވާގޮތަށް ހުންނަ ފުޑްކޯޓުތަކުން ފަސް ޔުނިޓެވެ. އޭގެ ތެރޭގައި 1660 އަކަ ފޫޓާއި 960 އަކަފޫޓުގެ ބްލޮކުތައް ވެސް ހިމެނެ އެވެ.

ފުޑް ކޯޓަށް ބޭނުންވާ މޭޒާއި ގޮނޑި އަދި ބެންޗު ފޯރުކޮށްދޭނެ ކަމަށް އެސްޓީއޯ އިން ބުނެ އެވެ. އެތަނުގައި ގޮނޑި މޭޒު އަތުރާނެގޮތް އެސްޓީއޯ އިން ކަނޑައަޅާފައިވާ ކަމަށް އެކުންފުނިން ބުނެ އެވެ.

comment ކޮމެންޓް