ސައްޓު: މިހުރީ ގައުމީ ޓީމަށް ކުޅުމުގެ އުންމީދުގައި!

މާލޭ ލީގުގައި ޓީސީއާއި ވެލެންސިއާ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުގައި ސައްޓުވަނީ ދެ ގޯލް ޖަހައިފައި --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ބ. އޭދަފުއްޓަން އުފަން އުމުރުން 29 އަހަރުގެ އިޝާން އިބްރާހީ (ސައްޓު)ގެ ނަމަކީ ރާއްޖޭގެ ފުޓުބޯޅާގައި އާއްމުވަމުން އަންނަ ނަމަކަށް ވެއްޖެ އެވެ. ކުރިން ވެސް އަތޮޅު ފުޓުބޯޅައިގެ އިތުރުން ފުޓްސަލްގެ އެކިއެކި މުބާރާތްތަކުގައި ސައްޓުގެ ނަން ގަދަ ނަމަވެސް، އޭނާގެ ނަން ގަލޮޅު ދަނޑަށް އައީ މީގެ ދެ އަހަރެއް ކުރިންނެވެ.

ދެހާސް ސޯޅަ ވަނަ އަހަރުގެ އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ކާމިޔާބުކުރި އޭދަފުށީ ޓީމުގައި މުހިއްމު ރޯލެއް އަދާކުރި ސައްޓު، އެ މުބާރާތުގެ ފައިނަލް ކުޅެލަން ގަލޮޅުު ދަނޑަށް ނުކުތް ނަމަވެސް މާ ބޮޑަށް މީހުންނަށް ފާހަގައެއް ނުވެ އެވެ. އެހެން ނަމަވެސް މިދިޔަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕުން ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވި ށ. މިލަންދޫ ޓީމުން އެންމެ އަލިގަދަކޮށް ވިދާލި ކުޅުންތެރިއަކީ ސައްޓުއެވެ.

2016 ވަނަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގެ ތެރެއިން ---ސަން ފައިލް ފޮޓޯ: މުހައްމަދު އަފްރާހް

މިލަންދުއަށް ލީގުގައި ކުޅެދިން 13 މެޗުން އަށް ގޯލް ޖަހި ސައްޓު ވަނީ ގދ. ތިނަދޫކޮށް ރީތި ގޯލެއް ޖަހައި މޯލްޑިވްސް ފުޓުބޯލް އެވޯޑުގެ ޖޫލީ އެވޯޑަށްވެސް ވާދަކޮށްފައެވެ. ދިވެހި ޕްރިމިއާ ލީގުގައި ދެއްކި މޮޅު ކުޅުމާ އެކު ރާއްޖޭގެ ބޮޑެތި ކްލަބުތަކުން ސައްޓުގެ ސޮއި ހޯދުމަށް މަސައްކަތް ކުރި އިރު، ސައްޓު ބޭނުންވީ ޓީސީ ސްޕޯޓްސް ކްލަބަށް ކުޅުމަށެވެ.

ޓީސީއާ އެކު ފުރަތަމަ ވެސް އޭއެފްސީ ކަޕް ޕްލިމިނަރީ ބުރު އަދި ކޮލިފައިން ކުޅުނު ސައްޓުއަށް މިހާރު ވެސް މުޅިން އާ ތަޖުރިބާތަކެއް ލިބިއްޖެ އެވެ. ޓީސީއަށް މާލޭ ލީގުގެ ފެށުން ދަށްކޮށް ދިޔަ ނަމަވެސް އެންމެފަހުން އެޓީމު ކުޅުނު މެޗުން މޮޅުވީ 3-0ގެ ނަތީޖާއަކުންނެވެ.

ކްލަބު ވެލެންސިއާއާ ދެކޮޅަށް އެންމެ ފަހުން ޓީސީ ކުޅުނު މެޗުގައި އެޓީމު ޖެހި ތިން ގޯލްގެ ތެރެއިން ދެ ގޯލް ކާމިޔާބުކޮށް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ސައްޓު އެވެ.

މާލޭ ލީގުގައި ޓީސީއާއި ވެލެންސިއާ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ޓީސީ މޮޅުވީ 3-0ގެ ނަތީޖާއަކުން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

މެޗަށް ފަހު "ސަން ސްޕޯޓްސް"އަށް ވާހަކަ ދައްކަމުން ސައްޓު ބުނީ އިންޑިވިޖުއަލް ކުޅުމަށް ވުރެ ބޮޑަށް ހިތްހަމަ ޖެހެނީ ޓީމުން ދެއްކި ކުޅުމަށް ކަމަށެވެ.

"އިންޑިވިޖުއަލް ކުޅުމަށް ވުރެ ޓީމުން ކުރި މަސައްކަތް ފާހަގަކުރެވުނީ. ޓީސީއަށް ފެށުން ދިޔައީ ރަނގަޅަކަށް ނޫން. އެކަމަކު މި މެޗުގައި ވަރަށް މޮޅަށް ކުޅެފި ޓީސީ. މުޅި ޓީމު ވަރަށް ރަނގަޅަށް މަސައްކަތް ކޮށްފި،" ސައްޓު ބުންޏެވެ.

ސައްޓު ބުނީ އިންޑިވިޖުއަލީ އޭނާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިފައި ވަނީ ޓީމުގެ ފަރާތުން ވެސް މޮޅު ކުޅުމެއް ފެނުމުން ކަމަށާއި އޭނާގެ ފޯމްގެ ހިއްސާ އެންމެ ބޮޑީ ޓީސީން ކަމަށެވެ.

މާލޭ ލީގުގައި ޓީސީއާއި ވެލެންސިއާ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ޓީސީ މޮޅުވީ 3-0ގެ ނަތީޖާއަކުން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ފަހަކަށް އައިސް ރާއްޖޭގެ ގައުމީ ޓީމަށް ކުޅުންތެރިން ނެގުމަކީ ސަޕޯޓަރުންގެ އެންމެ ބޮޑު ފާޑުކިޔުންތަކެއް އަމާޒުވާ އެއް ކަމެވެ. އަލަށް ގައުމީ ޓީމާ ހަވާލުވި ޕީޓާ ސެގަޓްގެ އާ ވިސްނުންތަކާ އެކު ރާއްޖޭގެ ގައުމީ ޓީމުތަކަށް ބޮޑެތި އިންގިލާބުތަކެއް ގެންނަން މަސައްކަތް ކުރަމުންދާ ދަނޑިވަޅުގައި ގައުމީ ޓީމަށް އެރުމަށް އެތައް ކުޅުންތެރިންނެއް އަންނަނީ އުންމީދު ކުރަމުންނެވެ.

"އަދި ގައުމީ ޓީމަށް ނޭރެވުނަސް އެއީ މައްސަލައެއް ނޫން. އަހަރެން އަދި މި ކުޅެން ފެށީ ލީގުގައި. އެކަމަކު ބޭނުންވާ ކަމެއް އެއީ ކުރާ އުންމީދެއް އެއީ ގައުމީ ޓީމަށް ކުޅެލުމަކީ. ގައުމު ތަމްސީލުކޮށް ގައުމީ ޖާޒީގައި ކުޅެލުމަކީ،" ގައުމީ ޓީމަށް އެރުމާ މެދު ސައްޓުގެ ވިސްނުން ހުރިގޮތް އޭނާ ކިޔައިދިނެވެ.

comment ކޮމެންޓް