ރާއްޖޭގައި ގުރުއާނާ ބެހޭ ރިސާޗް ސެންޓަރެއް ގާއިމުކުރަން ސަރުކާރުން ނިންމައިފި

މީހަކު މިސްކިތުގައި ގުރުއާން ކިޔަވަނީ: ދިވެހި ރާއްޖޭގައި ގުރުއާނާ ބެހޭ ރިސާޗް ސެންޓަރެއް ގާޢިމު ކުރުމަށް ސަރުކާރުން ވަނީ ނިންމާފައި-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި ގުރުއާނާ ބެހޭ ރިސާޗް ސެންޓަރެއް ގާއިމު ކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

އިއްޔެ އިސްލާމިކް މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި އެފަދަ ސެންޓަރެއް ގާއިމު ކުރުމުގެ އެއްބަސްވުމުގައި ސޫދާންގެ ޔުނިވާސިޓީ އޮފް ގުރުއާން އެންޑް އިސްލާމިކް ސައިންސާއި ރާއްޖޭގެ ކީރިތި ގުރުއާނާބެހޭ މަރުކަޒުން ވަނީ ސޮއިކޮށްފައެވެ.

އެ އެއްބަސް ވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ރައީސް އިބްރާހިމް ރަޝީދު މޫސާއެވެ. ސޫދާންގެ ޔުނިވާސީޓީގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވާސީޓީގެ ޗާންސެލާރ އަހްމަދު ސައީދު ސަލްމާނެވެ.

އިއްޔެ ވެވުނު އެއްބަސްވުމުގެ ދަށުން ރިސާޗް ސެންޓަރެއް ގާއިމު ކުރުމުގެ އިތުރުން ގުރުއާނާ ބެހޭ އިލްމް ފުޅާ ކުރުމަށް ދެ ފަރާތުގެ ތަޖްރިބާ ހިއްސާ ކުރަން ވަނީ ހަމަޖެހިފައެވެ. މި އެއްބަސްވުމާ ހަމައަށް އައުމުގެ ކުރިން މިދިޔަ އަހަރު ގުރުއާނާ ބެހޭ މަރުކަޒުގެ ރައީސް އިބްރާހިމް މޫސާ ރަޝީދު ވަނީ ސޫދާނަށް ޒިޔާރަތް ކުރައްވައި މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ.

ސޫދާންގެ ޔުނިވާސިޓީ އޮފް ގުރުއާން އެންޑް އިސްލާމިކް ސައިންސް އަކީ އެ ގައުމުގެ ސަރުކާރުން ހިންގާ ޔުނިވާސިޓީއެކެވެ. އެ ޔުނިވާސިޓީގައި 41000 ދަރިވަރުން ކިޔވަމުންދާއިރު އެ ގައުމުގެ އެކި ހިސާބުގައި ޔުނިވާސިޓިގެ 13 ގޮތްޕެއް ވަނީ ގާއިމުކޮށްފައެވެ.

comment ކޮމެންޓް