ބެހެމުންދިޔަ އޮޑީގެ ކެޔޮޅު އަޖައިބުވީ ސިފައިން ކުރި މަސައްކަތަށް!

ސ.މަރަދޫ ކޮންކޯޑް ދޯނި- ފޮޓޯ/ އެމްއެންޑީއެފް

ސ.މަރަދޫ ކޮންކޯޑް ދޯނި މިދިޔަ ހުކުރު ދުވަހުވެސް މަހަށް ފުރީ އެހެން ދުވަސްތަކެކޭ އެއްގޮތަށް މަސް ބާނައިގެން އަވަހަށް ރަށަށް އައުމަށެވެ. ހުކުރު ދުވަހުގެ އިރާކޮޅު 18:00 ހާއިރު އެ ދޯނި މަހަށް ފުރިިއިރު ދޯނިގައި 24 ފަޅުވެރިން ތިއްބެވެ.

އެ 24 ފަޅުވެރިންގެ ލީޑަރަކަށް ހުރީ އޮޑިދޯނި ފަހަރު ދުއްވުމުގައި 25 އަހަރު ދުވަހުގެ ތަޖުރިބާ ހުރި ކަނޑުފަޅުގެ އާޖުފާޖު އެނގޭ ތަޖުރިބާކާރު ކެޔޮޅެކެވެ. އިބްރާހިމް ޝަފީގްގެ ބެލުމުގެ ދަށުން އެ ދުވަހުވެސް ކޮންކޯޑް މަހަށް ނުކުތް އިރު ބޮޑު ހާދިސާއެއް ކުރިމަތިވެދާނެ ކަމަކަށް އޭނާ ހިއެއް ނުކުރެއެވެ.

"އެއީ ހަމަ އާދައިގެ ދުވަހެއް. މަހަށް ފުރީ 6 ޖަހާއިރު. ހުރިހާ ކުދިންވެސް އެ ދުވަހު މަހަށް ދިޔަ. އޮޑީގައި އުޅެނީ މުޅިންވެސް މަރަދޫ ކުދިން،" ޝަފީގު ކިޔައިދިނެވެ.

ކޮންކޯޑް ދޯނި މަހާ ވޭތޯ ދުއްވަމުންގޮސް މަރަދޫއިން ބޭރަށް ގާތްގަނަޑަކަށް 38 މޭލު ނުވަތަ 40 މޭލު ބޭރަށް ދުއްވުނުތަނާ އިންޖީނަށް މައްސަލައެއް ދިމާވެ އެދޯނި ބެހެން ފެށިއެވެ. އެއީ ގާތްގަނޑަކަށް ރޭގަނޑު 20:00 ހާއިރުއެވެ.

"ފިއުލް ޕަމްޕަށް މައްސަލަ ދިމާވެގެން އިންޖީނު ހުއްޓުނީ. ދެން މަސައްކަތް ކުރީ އިންޖީނު ހެދޭތޯ. އެހެން ތިއްބާ ގާތްގަނޑަކަށް 80 މޭލާއި ހިސާބަށް ދޯނި ބެހުނު،"

ސ.މަރަދޫ ކޮންކޯޑް ދޯނި -- ފޮޓޯ/ އެމްއެންޑީއެފް

ދޯނި ބެހެމުން ދާކަމުގެ މައުލޫމާތު ޝަފީގު އެންމެ ފުރަތަމަ ދިނީ އޭނާގެ އަންހެނުންނަށެވެ. ފިއުލް ޕަމްޕްގެ ހަލާކުވި ބައި ހެދޭނެކަމުގެ ޔަގީންކަން އޮތުމުން ޝަފީގަށް އެއީ މާބޮޑު މައްސަލައަކަށް ނުވިއެވެ. ނަމަވެސް އެކަން މައްސަލައަކަށްވެ ކަންބޮޑުވާ ހިސާބަށް ދިޔައީ އަންހެނުންނަށް ކުރި ފޯނު ކޯލުގައި ފިއުލް ޕަމްޕް ހަދާ ވާހަކަ ނުބުނެވޭތީއެވެ.

"އަންހެނުންނަށް ގުޅާފަ ބުނިން އިންޖީނު ހަލާކުވެގެން ބެހެމުންނޭ އޮޑި ދަނީ. އެކަމަކު ނުބުނެވޭ އިންޖީނު ހެދުމުގެ މަސައްކަތް ކުރިއަށްދާ ވާހަކަ. އެހާ ހިސާބުން އާއިލާއިން ކަންބޮޑުވެގެން ސިފައިންނަށް ގުޅީ،"

ޝަފީގު ކިޔައިދިން ގޮތުން އޮޑި ބެހެމުން ދިޔަ ވަގުތަކީ ފަޅުވެރިންނަށް އެހާ ބިރުވެރި ވަގުތެއް ނޫނެވެ. ހިތްވަރާއެކު މަސައްކަތްކުރީ ފިއުލް ޕަމްޕް ހެދޭތޯ ކަމަށް އޭނާ ކިޔައިދިނެވެ. އަދި އެވަގުތު ބަޔަކު އެ ދޯނި ހޯދާކަމެއްވެސް އެމީހުންނަކަށް ނޭންގެއެވެ.

"އަނެއްހެން ބިރުވެރި ވަގުތެއް ނޫން އެއީ. ހުސް ތަޖުރިބާ ތިބި ކުދިން މިތިބީ. އެންމެންވެސް އުޅުނީ އިންޖީނު ހަދަން. ކާނެ އެއްޗެއްސާއި ފެންވެސް ހުރި ފުދޭ ވަރަކަށް،"

ޝަފީގު ކިޔައިދިން ގޮތުން އެރޭ އެމީހުންނަށް އިންޖީނު މަރާމާތު ކުރެވި އަލުން އޮޑި ދުއްވަން ފެށުނެވެ. އަދި ދެންވެސް އެމީހުން ބެލީ އަނބުރާ މަސްވެރިކަމަށް ދެވޭތޯ ކަމަށާއި އިންޖީނު ހެދުނު ވާހަކަ އެއްވެސް މީހަކަށް ނާންގާ ކަމަށެވެ.

"މަސްބާނަން ދިޔައީ. ގާތްގަނޑަކަށް ފަސް ޓަނުގެ މަސް ބޭނުނު،"

ސިފައިންނަށް އެ ދޯނި ހޮނިހިރު ދުވަހުގެ ހެނދުނު ފެނުނީ މަސްބާނަން ތިއްބާ ކަމަށް ޝަފީގު ކިޔައިދިނެވެ. އަދި ހެލިކޮޕްޓަރު ދޯންޏާއި ވަރަށް ކައިރިއަށް ތިރިކޮށް ހާލު އޮޅުން ފިލުވިކަމަށް އޭނާ ކިޔައިދިނެވެ.

"ހެލިކޮޕްޓަރާއި ކޯސްޓްގާޑުން އަޅުގަނޑުމެން ހޯދަން ވަރަށް މަސައްކަތް ކުރި. އެންމެ ފުރަތަމަ އިންޖީނު ހުއްޓިގެން އޮޑި އޮތް ހިސާބަށްވެސް އެމީހުން ދިޔަ،" ޝަފީގު ކިޔައިދިނެވެ.

ކޮންކޯޑް ދޯނި ރާއްޖޭގެ މަސްކަނޑުތައް "ފަތަހަ" ކުރަމުންދާތާ މިހާރު 11 އަހަރުވީއެވެ. އެއްވެސް ހާދިސާއެއް މިހާތަނަށް ކުރިމަތިވެފައި ނުވާއިރު މިފަހަރު ދިމާވި ހާދިސާގައި އެ ދޯނީގެ މީހުން ސަލާމަތް ކުރުމަށް ސިފައިންނާއި ސަރުކާރުން ކުރި މަސައްކަތަށް ޝަފީގު ތައުރީފު ކުރިއެވެ.

"ވަރަށް ބޮޑަށް ޝުކުރު އަދާކުރަން އަޅުގަނޑުމެން ހޯދަންވެގެން ސިފައިން ކުރި މަސައްކަތައް. ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ދޯނީގެ ފަޅުވެރިން ސަލާމަތްކުރުމަށް ކުރި މަސައްކަތަށް ސާބަސް ދަންނަވަން،"

ޝަފީގު ބުނީ އަނެއްކާވެސް އެ ދޯނީގެ ދަތުރުތައް ފަށާފައިވާ ކަމަށެވެ. އަދި އެ ހާލަތުގައި ހުރިހާ ފަރާތަކުންވެސް ވެދިން އެހީއަށް ޝުކުރު އަދާ ކުރާ ކަމަށެވެ.

comment ކޮމެންޓް