ހިތުގެ މައްސަލަ ހުންނަ ކުޑަކުދިންނަށް ހިލޭ ޑޮކްޓަރަށް ދެއްކޭ ކޭމްޕެއް ބާއްވަނީ

ޓައިނީ ހާޓްސްއިން ބޭއްވި އިވެންޓެއްގެ ތެރެއިން-- ސަން ފޮޓޯ/ އަލީ ނަސީރު

އުފެދުމުގައި ހިތުގެ މައްސަލަތައް ހުންނަ ކުދިންނަށް އަމާޒުކޮށް ޓައިނީ ހާޓްސް އޮފް މޯލްޑިވްސްއިން "ކެއާ ފޯ ޓައިނީ ހާޓްސް 2018"ގެ ނަމުގައި ކޭމްޕެއް ބޭއްވުމަށް ހަމަޖައްސައިފިއެވެ.

ޓައިނީ ހާޓްސްގެ ޑައިރެކްޓަރު މަރިޔަމް ހަނާ "ސަން" އަށް ވިދާޅުވީ، އެ ކޭމްޕް ކުރިއަށް ގެންދަނީ ހުޅުމާލެ ހޮސްޕިޓަލާ ގުޅިގެން އެ ހޮސްޕިޓަލުގައި ކަމަށެވެ.

ކޭމްޕް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުން ފެށިގެން އާދިއްތަ ދުވަހުގެ ނިޔަލަށެވެ. އެ ތިން ދުވަހު ހެނދުނުން ފެށިގެން ހަވީރަށް ކޭމްޕް ކުރިއަށް ދާނެ ކަމަށް ހަނާ ވިދާޅުވިއެވެ.

ހަނާ ވިދާޅުވީ ކޭމްޕްގައި، ހިތުގެ ބަލި ހުންނަ ކުދިން ބައްލަވާނީ އިންޑިއާގެ ކޮޗިންގެ އަމްރިތާ އިންސްޓިޓިއުޓް ފޯ މެޑިކަލް ސައިންސަސް ހޮސްޕިޓަލުގެ ދެ ޑޮކްޓަރުން ކަމަށެވެ. އަދި އުފެދުމުގައި ހިތުގެ މައްސަލަތައް ހުންނަ ކުދިން ޓައިނީ ހާޓްސްގައި ރަޖިސްޓްރީވެގެން، އެއްވެސް އަގަކާ ނުލައި ޑޮޮކްޓަރަށް ދެއްކުމުގެ ފުރުސަތު ލިބެގެން ދާނެ ކަމަށް ވެސް ހަނާ ވިދާޅުވިއެވެ.

ޑޮކްޓަރުން ބެއްލެވުމަށްފަހު، އިތުރު ފަރުވާާ ބޭނުންވާ ކުދިންނަށް ވެވެން އޮތް އެހީއެއް ވާނެކަމަށް ޓައިނީ ހާޓްސްއިން ބުންޏެވެ.

އުފެދުމުގައި ހިިތުގެ މައްސަލަތައް ހުންނަ ކުދިން ރާއްޖޭގައި ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އާންމުވެފައެވެ. ހަނާ ވިދާޅުވީ އުފެދުމުގައި ހިތުގެ މައްސަލަތައްް ހުންނަ 500 ކުދިން މިހާރުވެސް އެ ޖަމިއްޔާގައި ރަޖިސްޓްރީވެފައިވާ ކަމަށެވެ.

comment ކޮމެންޓް