މ. މަޑުއްވަރީގައި މިއަދު ފަތިހުން ފެށިގެން ކަރަންޓު ނެތް ކަމަށާއި ރަށުގެ ހުރިހާ މުއައްސަސާތަކުން ދެމުން އައި ހިދުމަތްތައް ހުއްޓުމަކަށް އައިސްފައިވާކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.
މަޑުއްވަރީ ކައުންސިލްގެ ނައިބު ރައީސް ހަސަން މަހާސީން "ސަން" އަށް ވިދާޅުވީ ރަށުން ކަރަންޓު ކެނޑޭ މައްސަލަ ދިމާވެފައިވާތާދެތިން ދުވަސް ވެއްޖެ ކަމަށެވެ.
"މިހާރު ދެތިން ދުވަސް ވެއްޖެ ކަރަންޓު ކެނޑޭ މައްސަލަ ދިމާވާތާ. ރޭ ވެސް 2:45 ހާއިރު ކަރަންޓު ކެނޑޭން ފެށީ. އިރުކޮޅަކުން އައިސްފަ ގޮސްފަ އެކަހަލަ ގޮތަކަށް ދިޔައީ. ރަށުގެ ކުޑަކުދިންނާ ބޮޑެތި މީހުންވެސް ނުނިދާ. މިއަދު ހެނދުނު ހައެއް ޖަހާކަށް ހާއިރު ދިޔަގޮތަށް އަދިވެސް ކަރަންޓު ނާދޭ،"
މަހާސީން ވިދާޅުވީ ކަރަންޓު ކެނޑިފައިވާތީ އެރަށު ސްކޫލުގެ އެލްކޭޖީ ކުދިންނަށް ސްކޫލު ކިޔެވުން ނުބާއްވާ ކަމަށާއި ރަށުގެ މުވައްސަސާތަކުންދޭ ޚިދުމަތްތައްވެސް ހުއްޓުމަކަށް އައިސްފައިވާ ކަމަށެވެ.
މިދިޔަ އަހަރުގެ ތެރޭގައިވެސް މަޑުއްވަރީ އަށް ކަރަންޓުގެ މައްސަލަ ދިމާވި ކަމަށާއި އާ ޕެނަލް ބޯޑެއް ހަރުކޮށްގެންވެސް އެކަމަށް ހައްލެއް ލިބިފައިނުވާ ކަމަށް ކައުންސިލްގެ ނައިބު ރައީސް ވިދާޅުވިއެވެ.
"ޖަނަރޭޓަރުގެ މައްސަލަ އެއްކޮށް ހައްލު ނުވަނީސް ކަރަންޓުގެ މައްސަލައަށް ހައްލެއް ލިބޭނެކަމުގެ އުއްމީދެއް ނެތް،" މަހާސީން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެއަތޮޅު މުލަކުން ފެނަކައިގެ ޓީމެއް ގޮސް ޖަނަރޭޓަރަށް ދިމާވި މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
"ރަށްރަށުން އެއްޗެހި ގެނެސްގެން މަރާމާތު މި ކުރަނީ. އެގޮތަށް މަރާމާތު ކުރުމުން ދެތިން ދުވަހު ހުރެފަ އަލުން މި މައްސަލަ އެބ ކުރިމަތިވޭ،" މަޑުއްވަރީ ރައްޔިތުން ބޭނުންވަނީ ރަށަށް އެކަށީގެންވާ ވަރުގެ ޖަނަރޭޓަރެއް އެރަށަށް ގެނެސް ކަރަންޓު މައްސަލައަށް ހައްލެއް ލިބުން ކަމަށް ކައުންސިލްގެ ނައިބު ރައީސް ވިދާޅުވިއެވެ.
"މިއަދު ރައްޔިތުން އިންޖީނުގެއަށް ގޮސް ހިތްހަމަ ނުޖެހުން ފާޅުކުރި.ރަށުގެ އެކި ސަރަހައްދު ތަކަށް އެކި ވަގުތުތަކުގަ ކަރަންޓު ދޭތީ. އެއީ ކުއްލިއަކަށް ކަރަންޓު ކެނޑޭ އެބަ އެގޮތަށް ކަރަންޓު ދިނުމުން، ދެން ވާގޮތަކީ އިލެކްޓްރޯނިކް ސާމާނުތައް ހަލާކުވަނީ. އެހެންވެ ރައްޔިތުން އެދުނީ ކަރަންޓުގެ މައްސަލަ ހައްލު ނުކުރެވެނީސް ކަރަންޓު ނުދޭ،"
މަޑުއްވަރީ ގައި ކަރަންޓު ނެތްތާ 18 ގަޑިއިރު ވެފައިވާއިރު ރައްޔިތުން ތިބީ މައްސަލައަށް ހައްލެއް ލިބޭނެ ކަމުގެ އިންތިޒާރުގައެވެ. އެރަށުގައި ކަރަންޓު ދޭން ބޭނުންކުރަނީ 80 ކިލޯވޯޓުގެ ޖެނެރޭޓަރެކެވެ. އެރަށުގެ އާބާދީ އަކީ 735 އެވެ.
މަޑުއްވަރީގައި ކަރަންޓުގެ މައްސަލައެއް އުޅޭކަމަށް ފެނަކަ ކޯޕަރޭޝަނުންވެސް ވަނީ ބުނެފައެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއެވެ.