ޖިންސީ ފުރައްސާރައިގެ މައްސަލަތަކުގައި މައިކްރޯސޮފްޓުގެ 20 މުވައްޒަފުން ވަޒީފާއިން ވަކިކުރި

އެއް އަހަރު ތެރޭ މައިކްރޯސޮފްޓުގެ މުވައްޒަފުންގެ ޖިންސީ ފުރައްސާރައިގެ 83 މައްސަލައެއް ހުށަހެޅުނު ކަމަށާއި އެ މައްސަލަތަކުގައި 20 މުވައްޒަފަކު ވަޒީފާއިން ވަކިކުރި ކަމަށް އެކުންފުނިން ބުނެފިއެވެ.

މައިކްރޯސޮފްޓުގެ ޗީފް ޕީޕަލްސް އޮފިސަރު ކެތުލޯން ހޯގަން އެކުންފުނީގެ މުވައްޒަފުންނާ ބައްދަލުކުރައްވައި ވިދާޅުވީ 2016 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން ހުސްވި 2017 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ޖިންސީ ފުރައްސާރައިގެ 83 މައްސަލަ ރިޕޯޓު ކުރެވުނު ކަމަށެވެ.

މައިކްރޯސޮފްޓު ކުންފުންޏަކީ މުވައްޒަފުންގެ މެދުގައި ތަފާތުކުރުންތައް ކުޑަކޮށް އަމާން މާހައުލެއްގައި ވަޒީފާ އަދާކުރުމުގެ ފުރުސަތު ހޯދައިދިނުމަށް މަސައްކަތް ކުރާ ކުންފުންޏެއް ކަމަށް ކެތުލީން ވިދާޅުވިއެެވެ.

މީގެ ކުރިން މައިކްރޯސޮފްޓުގައި މަސައްކަތް ކުރި މުވައްޒަފަކު ވަނީ އެތަނުގައި މިންތީގެ ތަފާތު ކުރުންތައް ގެންގުޅޭކަމަށްބުނެ ކޯޓަށް މައްސަލައެއް ހުށަހަޅައިފައެވެ. 2010 އިން 2016 އަށް 238 މައްސަލަ ހުށަހެޅުނު އިރު އެކުންފުނީގެ އެޗްްއާރުން ބަލާފައިވަނީ 118 މައްސަލަ ކަމަށްވެސް ކޯޓަށް މައްސަލަ ހުށަހަޅަމުން ބުނެފައިވެއެވެ.

އެކަމާ ގުޅިގެން ކެތުލީން ވިދާޅުވީ، ކުންފުނީގެ މުވައްޒަފުންގެ މެދުގައި ތަފާތު ކުރުން ނުގެންގުޅުމަކީ އިސްކަންދޭ ކަމެއް ކަމަށެވެ. އަދި މައްސަލަ ބަލާއިރު ހުށަހަޅާ މައުލޫމާތުގެ ތެދު ދޮގު ޔަގީންކުރާ ކަމަށާއި، މައުލޫމާތު ޔަގީން ކުރުމަށްފަހު ނޫނީ އެއްވެސް މުވައްޒަފަކާމެދު ފިޔަވަޅު ނާޅާނެ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް