ކްލަބު މޯލްޑިވްސް ކަޕަކީ ރާއްޖޭގެ ފުޓްސަލްއަށް އިންގިލާބެއް ގެނުވި މުބާރާތެވެ. އެތަކެއް ތަރިންނެއް އުފައްދަމުން އަންނަ ރާއްޖޭގެ އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތެވެ. އޮފީސްތަކާއި ކުންފުނިތަކަށް އަހަރު ތެރޭގައި އަންނަ އެންމެ މުހިންމު މުބާރާތްވެސް މެއެވެ.
މިއަހަރަކީ ކްލަބު މޯލްޑިވްސް ކަޕް މެދު ކެނޑުމެއް ނެތި ބާއްވާ 13 ވަނަ އަހަރެވެ. މިއީ އެ މުބާރާތުގެ ފިރިހެން ބައި ކުރިއަށްގެންދާ 13 ވަނަ އަހަރެވެ. އަދި މުބާރާތުގެ އަންހެން ބައި ކަމަށްވާ 18/30 ވުމަންސް ފުޓްސަލް ފިއެސްޓާ ކުރިއަށްގެންދާތާ މިއީ ނުވަވަނަ އަހަރެވެ.
ކްލަބު މޯލްޑިވްސް ކަޕާއެކު ގެނުވާ ފުޓްސަލް އީދުގެ ސަބަބުން، އެ މުބާރާތް މިހާރު ހާއްސަވަނީ އޮފީސްތަކާއި ކުންފުނިތަކަށް އެކަންޏެއް ނޫނެވެ. މުބާރާތަކީ މިހާރު ރާއްޖޭގައި އެންމެ ގިނަ ބަޔަކު ބަލަންދާ، ބަލަން ޝައުގުވެރިކަން ފާޅުކުރާވެސް އެއް މުބާރާތެވެ. ކްލަބު މޯލްޑިވްސްއަކީ މިހާރު އެތަކެއް ޒުވާނުން އިންތިޒާރު ކުރާ މުބާރާތެވެ. މުޅި ކުޅިވަރު އާއިލާގެ ލޯތައް ހުއްޓުވާލާ ފުޓްސަލް މުބާރާތެވެ. އެންމެ ޝަރަފުވެރި އަދި އެންމެ ވަރުގަދަ ތާރީހެއް އޮތް ފުޓްސަލް މުބާރާތެވެ.

މިދިޔަ އަހަރުގެ ކްލަބު މޯލްޑިވްސް ކަޕް ފަށުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ
މިއަހަރުގެ މުބާރާތުގައިވެސް ފިރިހެން 32 ޓީމު، އަންހެން ނުވަ ޓީމު ވާދަކުރާނެވެ. ވާދަވެރި އެތައް ކުޅުންތެރިންނެއް، ގައުމީ ފެންވަރުގެ އެތަކެއް ކުޅުންތެރިންނެއް، އެއް މަސް ދުވަހަކަށް ކުރިއަށްދާ އެ މުބާރާތުގައި ފެނިގެންދާނެއެވެ. ކްލަބު މޯލްޑިވްސް އެންމެ ހާއްސަވާ އެއް ސަބަބަކީވެސް އެއީއެވެ. ގައުމީ ޓީމާއި ފުރަތަމަ ޑިވިޝަންގައި ކުޅޭ އެތަކެއް ހުނަރުވެރި ކުޅުންތެރިންނެއްވެސް އެ މުބާރާތުގައި ފެނިގެންދާތީއެވެ. ކްލަބު މޯލްޑިވްސް ފަދަ މުބާރާތްތަކުގެ އެހީގައި މިހާރު ފުޓްސަލްގެ ތަރިންތަކެއްވެސް އުފައްދައިފިއެވެ. ފުޓްސަލްއިން މުޅި ރާއްޖޭގެ މަގުބޫލުކަން ހޯދި ޒުވާނުންތަކެއް އުފައްދައިފިއެވެ. މުބާރާތުގައި 574 ކުޅުންތެރިންގެ ހުނަރު ފެނިގެންދާނެ އިރު، ޓީމުތަކުގައި ބިދޭސީ ކުޅުންތެރިންވެސް ހިމެނޭނެއެވެ.
ކްލަބު މޯލްޑިވްސްއަކީ ގިނަ އޮފީސްތަކެއްގެ ކުޅިވަރު ކަލަންޑަރުގެ މެއިން އިވެންޓެވެ. އެ ހާއްސަކަން އޮފީތަކުން މުބާރާތަށް ދޭ މައިގަނޑު ސަބަބަކީ މުބާރާތުގެ އިންތިޒާމެވެ. އޮފީސްތަކުން މުބާރާތަށް ވާ ތައްޔާރީތަކާއ،ި ހޭދަކުރާ ވަގުތަށް މުބާރާތުގެ އިންތިޒާމްގެ ފުރިހަމަކަން ބައްދަލުވާތީއެވެ. އެތަކެއް ބެލުންތެރިންނަށް މުބާރާތް ފުރިހަމަކޮށް ގެނެސްދޭ ގެނެސްދިނުމުގެ ފަހަތުގައި މިއަހަރުވެސް 205 އޮފިޝަލުންގެ ޓީމެއް ހަރަކާތްތެރިވާނެއެވެ. 25 ރެފްރީން މުބާރާތުގައި ފެނިގެންދާނެއެވެ.

ނިއުރޭޑިއަންޓް އަދި ގައުމީ ޓީމުންވެސް ފާހަގަކޮށްލެވޭ ޑިފެންޑަރު މުހައްމަދު ރަޝީދު (ހޮކޭ) މިދިޔަ އަހަރު މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ
މިދިޔަ އަހަރުވެސް ކްލަބު މޯލްޑިވްސްގެ އަޑު ގަދަވެގެންދިޔައީ ފެނިގެންދިޔަ ކުލަގަދަ ފެށުމުގެ ރަސްމިއްޔާތާ އެކުގައެވެ. ހާއްސަކޮށް ކޮންމެ ޓީމަކުންވެސް ޖާޒީ ދައްކާލުމާއެކު ކުރިއަށްދާ ފެށުމުގެ ރަސްމިއްޔާތަށް ގިނަ ބަޔަކު މިދަނީ އިންތިޒާރު ކުރަމުންނެވެ. މިއަހަރުވެސް ޖާޒީ ދައްކާލުމާއެކު ފެށުމުގެ ރަސްމިއްޔާތު ރޭވިފައިވާއިރު މާފަންނު ކުޅިވަރު އެކުވެނީގެ މިނީ ގްރައުންޑުގައި އެ ރަސްމިއްޔާތު ފެށޭނީ މިރޭ 8:45 ގައެވެ. މޯލްޑިވިއަން އައިޑަލްއިން ވިދާލި ޝަލަބީ އިބްރާހީމާއި، އައިޝަތު ޖައިޝާ ވަހީދާއި ޝަޒާ އަބްދުލްރަޝީދުގެ އިތުރުން ޒުވާން ހުނަރުވެރިޔާ ރީހާން އަހުމަދުގެ ހުށަހެޅުންތައް މިރޭ ފެނިގެންދާނެއެވެ. އެ ހުރިހާ ހުށައެޅުންތަކަށް ފުރިހަމަކަން ގެނުވާނީ މިފަހަރު ކްލަބު މޯލްޑިވްސް ކަޕްގެ މުނިފޫހިފިލުވުމުގެ ބައިވެރިޔާ ބިދަބިންގެ ހުށަހެޅުމާވެސް އެކުގައެވެ.

މިދިޔަ އަހަރު ކްލަބު މޯލްޑިވްސް ކަޕްގެ ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ރާއްޖޭގެ ފަސްޓް ލޭޑީ މެޑަމް ފާތުމަތު އިބްރާހީމް -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ
މިއަހަރުގެ ކްލަބު މޯލްޑިވްސް ކަޕްގެ ޕްލެޓިނަމް ޕާޓްނަރުންނަކީ ތިލަފުށީ ކޯޕަރޭޝަނާއި، މައިލޯއާއި، ޒަމާންވީ މުއާސަލާތީ ކުންފުނި ދިރާގު އަދި ސުޒުކީ މެރިންއެވެ. އިންޝުއަރެންސް ޕާޓްނަރުންނަކީ އެލައިޑެވެ. އޮފިޝަލް ފޮޓޯގްރަފީ ޕާޓްނަރުންނަކީ ރާއްޖޭގައި ސްޕޯޓްސް ފޮޓޯގްރަފީގައި އެންމެންގެ އިތުބާރު ހޯދަމުން އަންނަ އިމޭޖްސް އެމްވީއެވެ. ޓެކްނިކަލް ޕާޓްނަރުންނަކީ ޕަބްލިކް ވޯކްސް ސާވިސްއެވެ. މުބާރާތުގެ އިޝްތިހާރުތައް އައިސް ޓީވީގެ އެހީތެރިކަމާއެކު ގެނެސްދޭއިރު، މުބާރާތުގެ ބްރޯޑްކާސްޓިން ޕާޓްނަރަކީ ޕީއެސްއެމްއެވެ. ޕްރިންޓް ޕާޓުނަރެއްގެ ގޮތުގައި ޕްރިންޓް ލެބް ހަރަކާތްތެރިވާއިރު، އޮންލައިން ޕާޓްނަރަކީ މޯލްޑިވްސް ސޮކާއެވެ. ކްލަބު މޯލްޑިވްސް ކަޕްގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މިއަހަރުވެސް ސަން އޮންލައިންއެވެ.

މިދިޔަ އަހަރުގެ ކްލަބު މޯލްޑިވްސް ކަޕް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ
މިދިޔަ އަހަރުގެ ކްލަބު މޯލްޑިވްސް ކަޕްގެ ޗެމްޕިއަނުންނަކީ މުޅިން އާ ޓީމެކެވެ. ފައިނަލްގައި އެމްޕީއެލް ބަލިކޮށް އެމްއާރްޑީސީން ތަށި ނެގީ މެޗުކުން ބަލިނުވެއެވެ. 18/30 ވުމަންސް ފުޓްސަލް ފިއެސްޓާގެ ތަށި ދިފާއުކުރަން މިއަހަރުގެ މުބާރާތަށް ނުކުންނަނީ ޓީމު ފެނަކައެވެ.
މިރޭ ކުޅޭނެ މެޗުތައް:
ކްލަބު މޯލްޑިވްސް ކަޕް
ކްލަބު އެމްއާރުޑީސީ - ކްލަބު އާސަންދަ / 22:15
18/30 ވުމަންސް ފުޓްސަލް ފިއެސްޓާ
ޓީމު ފެނަކަ - އުރީދޫ / 22:15