މާލޭގެ މަގުުތަކަށް ކުނިއެޅުން ހުއްޓުވުމުގެ ގޮތުން އެންވަޔަރަމަންޓް ޕޮލިސް ތައާރަފުކުރަނީ

އެންވަޔަރަމަންޓް ޕޮލިސް ތައާރަފުކުރުމަށް ވެވުނު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: އެންވަޔަރަމަންޓު މިނިސްޓްރީ

"ސާފު ރާއްޖެ" އިނިޝިއޭޓިވްގެ ދަށުން ރާއްޖޭގެ ރަށްތައް ސާފު ރަށްތަކުގެ ގޮތުގައި ބޭއްވުމަށް ކުރަމުންދާ މަސައްކަތްތަކުގައި އެއްބާރުލުންދީ، މާލޭގެ މަގުތަށް ސާފުކޮށް ބަލަހައްޓައި، މަގުތަކަށް ކުނިއެޅުން ހުއްޓުވުގެ ގޮތުން އެންވަޔަރަމަންޓް ޕޮލިސް ތައާރަފް ކުރަން ނިންމައިފިއެވެ.

އެންވަޔަރަމަންޓް ޕޮލިސްގެ ހިދުމަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައްވުމުގެ ގޮތުން އެންވަޔަރަމަންޓު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެކަމާ ގުޅޭ އެއްބަސްވުމުގައި އެންވަޔަރަމަންޓު މިނިސްޓްރީގެެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ތޯރިގު އިބްރާހީމެވެ. އަދި މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން ސޮއި ކުރެއްވީ އެކްޓިން ޕޮލިސް ކޮމިޝަނަރު އަބްދުﷲ ނަވާޒެވެ.

އެންވަޔަރަމަންޓު މިނިސްޓްރީން ބުނީ މިއަދު ވެެވުނު އެއްބަސްވުމުގެ ދަށުން މާލޭގައި ގަވާއިދާ ޚިލާފަށް ކުނިއަޅާ ފަރާތްތައް ހުއްޓުވުމުގެ ގޮތުން ފުލުހުން މާލެ ޕެޓްރޯލްކޮށް ބަލަހައްޓާނެކަމަށެވެ.

ކުނި މެނޭޖްކުރުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)އަށް ޚާއްސަކުރެވިފައިވާ ޒޯންތަކުގެ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށްވެސް އެ އެއްބަސްވުމުގެ ދަށުން ހަމަޖެހިފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އެންވަޔަރަމަންޓް ޕޮލިސް ތައާރަފުކުރުމަށް ވެވުނު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: އެންވަޔަރަމަންޓު މިނިސްޓްރީ

ގަވާއިދާ ޚިލާފަށް ވެމްކޯގެ ޒޯންތަކުގައި ޕާކުކުރާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުމުގެ އިތުރުން ގަވާއިދާ ޚިލާފަށް ކުނި އުފުލާ މީހުންނާ މެދު ގަވާއިދުގައިވާ ގޮތުގެ މަތިން ފިޔަވަޅުއަޅައި، ބައިސްކަލުގައްޔާއި ގާޑިޔާތަކުގައި ގަވާއިދާއި ޚިލާފަށް ކުނި އުފުލަމުންދާނަމަ އެކަންވެސް ހުއްޓުވާނެ ކަމަށް އެންވަޔަރަމަންޓު މިނިސްޓްރީން ބުންޏެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެކްޓިން ޕޮލިސް ކޮމިޝަނަރު ނަވާޒް ވިދާޅުވީ ފުލުހުންގެ އަމާޒަކީ ކުރިއަށްއޮތްތަނުގައި އެންވަޔަރަމަންޓް ޕޮލިސްގެ ޚިދުމަތް ފުޅާކުރުން ކަމަށެވެ.

"މިކަމަކީ އަޅުގަނޑުމެން ދުރު ރާސްތާގައި އިންޓްރޮޑިއުސްކުރަން ގަސްތުކުރަން ކޮށްފައޮތް މަސައްކަތެއް. އިރާދަކުރެއްވިއްޔާ ދުުރު ނޫން މުސްތަގުބަލެއްގައި އެހެނިހެން ސިޓީތަކަށާއި އަދި ބޮޑެތި ސިޓީތަކަށްވެސް އަޅުގަނޑުމެން އެންވަޔަރަމަންޓު ޕޮލިސް ތައާރަފްކުރާނަން،" ނަވާޒު ވިދާޅުވިއެވެ.

comment ކޮމެންޓް