ސަލާހްގެ ހަތަރު ގޯލާ އެކު ލިވަޕޫލަށް ބޮޑު މޮޅެއް

ސަލާހްގެ ގޯލަށް ފަހު އޭނާ އުފާފާޅުކުރަނީ: މިސްރާ އެކު ސަލާހް ވޯލްޑް ކަޕްގައި ވެސް ކުޅޭނެ --- ފޮޓޯ/ އޭޕީ

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލުން ރޭ ކުޅުނު މެޗުގައި ބޮޑު ތަފާތަކުން ވަޓްފޯޑު ބަލިކޮށްފި އެވެ.

ލިވަޕޫލް ރޭގެ މެޗުން މޮޅުވީ 5-0ގެ ނަތީޖާއަކުންނެވެ. މެޗުގައި މިސްރުގެ ތަރި މުހައްމަދު ސަލާހް ވަނީ ހަތަރު ގޯލް ޖަހައިފަ އެވެ.

މެޗުގެ ހަތަރު ވަނަ މިނެޓުގައި ލިވަޕޫލުން ވަނީ ލީޑު ނަގައިފަ އެވެ. ވަޓްފޯޑުގެ ދެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށް ފަހު ސަލާހް ފޮނުވާލި ބޯޅަ އަމާޒުކޮށްލީ ގޯލްގެ ތިރީ ކަނަށެވެ.

ފުރަތަމަ ހާފްގައި މޮޅަށް ކުޅެ، ގިނަ ހަމަލާތައް އުފެއްދީ ލިވަޕޫލުންނެވެ. އެގޮތުން ލިވަޕޫލްގެ ކުރިއަށް ކުޅޭ ސަލާހާއި ރޮބާޓޯ ފިރްމީނޯ އަދި ސަޑިއޯ މަނޭގެ ހަމަލާތައް ފާހަގަކޮށްލެވުނެވެ.

ލިވަޕޫލްގެ ކުރިއަށް ކުޅޭ ކުޅުންތެރިންގެ ހަލުވި ކުޅުން މި ސީޒަންގައި އަންނަނީ ފާހަގަ ކުރެވެމުން --- ފޮޓޯ/ އޭޕީ

މެޗުގެ 43 ވަނަ މިނެޓުގައި ސަލާހް ވަނީ ދެވަނަ ގޯލް ޖަހައި ލިވަޕޫލަށް ލީޑު ފުޅާކޮށްދީފަ އެވެ. ފުރަތަމަ ހާފް 2-0ގެ ނަތީޖާއަކުން ލިވަޕޫލް ކުރީގައި އޮވެ ނިންމާލި އިރު، ދެވަނަ ހާފް ފެށިގެން ހަތަރު ވަނަ މިނެޓުގައި ލިވަޕޫލްވަނީ އަނެއްކާ ވެސް ގޯލް ޖަހައިފަ އެވެ. ފިރްމީނޯ ކާމިޔާބުކުރި އެ ގޯލް ތަނަވަސްކޮށްދިނީ މެޗުގައި ހަތަރު ގޯލް ޖެހި ސަލާހެވެ.

ސަލާހް އޭނާގެ ހެޓްރިކް ފުރިހަމަކުރީ މެޗުގެ 77 ވަނަ މިނެޓުގަ އެވެ. ވަޓްފޯޑުގެ އޭރިއާ ތެރެއިން ތިން ކުޅުންތެރިއަކު ނައްޓާލުމަށް ފަހު ސަލާހް ތިރިތިރިން ގޯލްގެ ކަނަށް އަމާޒުކޮށްލި ބޯޅަ ދިފާއުކުރަން ކީޕަރު މަސައްކަތް ކުރި ނަމަވެސް އޭނާގެ މަސައްކަތްވީ ނާކާމިޔާބެވެ.

ބޮޑު ލީޑަކާއެކު ހަމަޖެހިލައިގެން ކުޅުނު ލިވަޕޫލުން ނަތީޖާ 5-0 އަކަށް ބަދަލުކޮށްލީ މެޗުގެ 85 ވަނަ މިނެޓުގަ އެވެ. އެ ގޯލްވެސް ކާމިޔާބުކޮށްދިނީ ސަލާހެވެ.

ރޭގެ މެޗުގައި ލިވަޕޫލްގެ ޗެމްބަލެން ބޯޅައާއެކު ކުރިއަށް ދަނީ --- ފޮޓޯ/ އޭޕީ

ރޭގެ މެޗުގައި ހަތަރު ގޯލް ޖަހައި ސަލާހް ވަނީ ޕްރިމިއާ ލީގުގެ ރަން ބޫޓު ހޯދުމަށް ފުރުސަތު ފަހިކޮށްފަ އެވެ. ލީގުގައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ ލިސްޓްގެ އެއްވަނައިގައި ސަލާހް އޮތީ 28 ގޯލާއެކުގަ އެވެ. ދެވަނައިގައި އޮތް ހެރީ ކޭން 24 ގޯލް ޖަހައިފައިވާ އިރު، އޭނާއަށް އަނިޔާވެ ލީގުގައި ބާކީ އޮތް މެޗުތައް ގެއްލޭނެ ކަމަށް މެޑިކަލް ޓީމުންވަނީ ބުނެފަ އެވެ.

އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ ރޭހުގެ ތިންވަނައިގައި މިވަގުތު އޮތީ މެންޗެސްޓާ ސިޓީގެ ސާޖިއޯ އަގުއޭރޯއެވެ. އޭނާވަނީ މިހާތަނަށް ލީގުގައި 21 ގޯލް ޖަހައިފަ އެވެ.

ރޭގެ މެޗުން މޮޅުވެ ލިވަޕޫލް ވަނީ ލީގު ތާވަލުގެ ތިންވަނައަށް ޖެހިލައިފަ އެވެ. ކުޅުނު 31 މެޗުން 63 ޕޮއިންޓާ އެކު ލިވަޕޫލް ތިންވަނާގައި އޮތް އިރު ހަތަރުވަނާގައި އޮތް ޓޮޓެންހަމްއަށް 30 މެޗުން ލިބެނީ 61 ޕޮއިންޓެވެ. ލިވަޕޫލްގެ ކުރިން ދެވަނާގައި މެންޗެސްޓާ ޔުނައިޓެޑް އޮތް އިރު ލީގު ތާވަލުގެ އެއްވަނާގައި ބޮޑު ލީޑަކާ އެކު އޮތީ މެންޗެސްޓާ ސިޓީ އެވެ.

comment ކޮމެންޓް