މެޓްރޯފްލެކްސް ޖިމްއާ އެކު މެޑިކަލް އެސޯސިއޭޝަނުން އެއްބަސްވުމެއްގައި ސޮއިކޮށްފި

މެޓްރޯފްލެކްސްއިން މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަން އާއެކު އެއްބަސްވުމެއްގައި ސޮއިކުރުން -- ސަން ފޮޓޯ

މެޓްރޯފްލެކްސް ޖިމް އާއި މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަން އާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ރޭ މެޓްރޯފްލެކްސްގައި ބޭއްވި ކުޑަ ރަސްމިއްޔާތުގައި އެ އެއްބަސްވުމުގައި މެޓްރޯފްލެކްސްގެ ފަރާތުން ސޮއި ކުރެއްވީ މެޓްރޯފްލެކްސްގެ ޑިރެކްޓަރު އަހުމަދު ޒިޔާން އަބްދުއްރަހުމާން އެވެ. އަދި މެޑިކަލް އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ އެސޯސިއޭޝަންގެ ރައީސް ޑރ. އަލީ ޝާހިދު އެވެ.

އެ އެއްބަސްވުމަށްފަހުގައި "ސަން" އާ ވާހަކަފުޅު ދައްކަވަމުން މެޑިކަލް އެސޯސިއޭޝަންގެ ރައީސް ޝާހިދު ވިދާޅުވީ، އެ އެއްބަސްވުމަކީ އެ ޖަމިއްޔާގެ މެންޑޭޓްގެ ދަށުން ޑޮކްޓަރުން ދުޅަހެޔޮ ސިއްހަތެއްގައި ބޭތިއްބުމާއި ޑޮކްޓަރުންގެ މެދުގައި އެކުވެރިކަން އާލާކޮށް ބަދަހިކުރުމުގެ ގޮތުން ކުރި އެއްބަސްވުމެއް ކަމަށެވެ.

އެ އެއްބަސްވުމުގެ ދަށުން މެޓްރޯފްލެކްސް ޖިމްއިން އެ އެސޯސިއޭޝަންގެ މެންބަރުންނަށް ހާއްސަ އަގުތަކެއްގައި ޖިމްގެ ހިދުމަތް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޑރ. ޝާހިދު ވިދާލުވީ ކުރިއަށް އޮތްތަނުގައި އިތުރު ތަންތަނާ އެކު މިފަދަ އެއްބަސްވުންތަކުގައި ސޮއިކުރާނެ ކަމަށެވެ.

comment ކޮމެންޓް