ސާކް ބިޒްނަސް ލީޑާޒް ކޮންކްލޭވްގައި ރާއްޖެ ތަމްސީލުކުރައްވަނީ ޑރ. ޝަކީލާ އަދި މިންނު

ސިމްޑީ ގްރޫޕުގެ ސީއީއޯ އަދި ކުރީގެ ހެލްތު މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ (ކ)، ވިމެން އިން މެނޭޖްމެންޓް މޯލްޑިވްސްގެ ރައީސާއަދި ސަން މީޑިއާ ގްރޫޕުގެ ސީއޯއޯ މިންހާ ފާއިޒް ރަޝާދު (ވ) -- ސަން ފައިލް ފޮޓޯ

ސާކްގެ ވިޔަފާރިވެރިންގެ ޖަމިއްޔާ (ސާކް ސީސީއައި)އިން އިންތިޒާމުކުރާ ހަވަނަ ސާކް ބިޒްނަސް ލީޑާސް ކޮންކްލޭވް މާދަމާ، ނޭޕާލްގެ ވެރިރަށް ކަތުމަންޑޫގައި ފަށާނެއެވެ.

ތިން ދުވަހަށް ދެމިގެންދާ މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ދެ ބޭފުޅަކު ބައިވެރިވެއެވެ. އެއީ ސިމްޑީ ގްރޫޕުގެ ސީއީއޯ އަދި ކުރީގެ ހެލްތު މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާއާއި، ވިމެން އިން މެނޭޖްމެންޓްގެ ރައީސާ މިންހާ ފާއިޒް ރަޝާދެވެ.

މި ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުވެސް ބައިވެރިވެވަޑައިގަންނަވާ ގޮތަށް ކުރިން އޮތީ ހަމަޖެހިފައެވެ. ނަމަވެސް މިނިސްޓަރ ބައިވެެރިވެވަޑައިގަތުން ފަހުން ވަނީ ކެންސަލްވެފައެވެ.

މި ކޮންކްލޭވުގައި ބައިވެރިވާ އެހެން ބޭފުޅުންގެ ތެރޭގައި ނޭޕާލްގެ ބޮޑުވަޒީރު ކަޑްގާ ޕްރަސާދު އޯލީއާއި، ސްރީލަންކާގެ ކުރީގެ ރައީސާ ޗަންދްރިކާ ބަންޑާރަނަޔަކަ ކުމާރަތުންގައާއި ނޭޕާލްގެ ކުރީގެ ބޮޑުވަޒީރު ޕުޝްޕާ ކަމާލް ދަހަލްއާއި، ސާކްގެ ސެކްރެޓަރީ ޖެނެރަލް އަމްޖަދު ހުސައިން ސިއާލް، އަދި ސާކްގެ އަށް ގައުމުގެ އިގްތިސާދާއި ވިޔަފާރިއާ ބެހޭ ވަޒީރުން ހިމެނެއެވެ.

ކޮންކްލޭވުގެ ފުރަތަމަ ދުވަހު، އެ ހަރަކާތް ފެށުމުގެ ރަސްމިއްޔާތަކާއި ޖާފަތެއް އޮންނަ އިރު، ދެވަނަ ދުވަހާއި ތިންވަނަ ދުވަހު ކުރިޔަށް ދާނީ ޕެނަލް ޑިސްކަޝަންތަކެވެ. ސަން މީޑިއާ ގްރޫޕުގެ ސީއޯއޯކަންވެސް ކުރައްވާ ވިމެން އިން މެނޭޖްމެންޓް މޯލްޑިވްސްގެ ރައީސާ މިންހާ ފާއިޒް ރަޝާދު ބައިވެރިވެވަޑައިގަންނަވާ ޕެނަލް ޑިސްކަޝަންގެ މައުޟޫއަކީ ދެކުނު އޭޝިއާގެ ގައުމުތަކުގެ ޓޫރިޒަމް ޕްރޮމޯޓުކުރުމާއި ތަރިކަ ބްރޭންޑުކުރުމެވެ.

އެ ޑިސްކަޝަންގައި ބައިވެރިވެވަޑައިގަންނަވާ ޕެނަލިސްޓުންނަކީ ބޫޓާންގެ ޓޫރިޒަމް ކައުންސިލްގެ ޑިރެކްޓަރު އައުމް ޗިމީ ޕެމްއާއި، ނޭޕާލްގެ ޓޫރިޒަމް ބޯޑުގެ ސީއީއޯ ޑީޕަކް ރާޖް ޖޯޝީއާއި، ދަ ވޯލްޑް ބޭންކް ގްރޫޕުގެ ސީނިއާ ޓޫރިޒަމް ސްޕެޝަލިސްޓެއް ކަމުގައިވާ ސިންގަޕޫލުގެ ވޫޓަރ ޝަލްކެންއެވެ. ހަމަ އެއާ އެކު އެދުވަހު އޮންނަ، ދެކުނު އޭޝިއާގައި އަންހެނުން ބާރުވެރިކުރުމުގެ މައުޟޫއަށް ބާއްވާ ޕެނަލް ޑިސްކަޝަންގައި ސިމްޑީ ގްރޫޕުގެ ޗެއާމަން އަދި ކުރީގެ ހެލްތު މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ ބައިވެރިވެވަޑައިގަންނަވާނެއެވެ.

ކޮންކްލޭވްގެ ތިންވަނަ ދުވަހު، ސާކްގެ ގައުމުތަކުގެ އިގްތިސާދާއި ވިޔަފާރިއާ ބެހޭ ވަޒީރުންގެ ޕެނަލް ޑިސްކަޝަން އޮންނާނެއެވެ. ޕެނަލް ޑިސްކަޝަންގެ މައުޟޫއަކީ ވިޔަފާރިއާއި އިގްތިސާދީ މަސައްކަތްތައް ވަރުގަދަކޮށް، ސަރަހައްދީ އިގްތިސާދު ވަރުގަދަކުރުމެވެ.

comment ކޮމެންޓް