ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުކަމަށް ޗެނަލް 13 ގެ ނިއުސް ހެޑްގެ މަގާމުގައި ހުންނެވި ގއ. ވިލިނގިލި، ވިލާޑިސޯސަން، އަމްޖަދު ވަހީދު އައްޔަނު ކުރުމަށް މަޖިލީހުން ފާސްކޮށްފިއެވެ.
އެމްބީސީގެ މެމްބަރު ކަމަށް އަމްޖަދު އައްޔަނު ކުރުމަށް މަޖިލީހުން ފާސް ކޮށްފައި ވަނީ މިއަދު ހަވީރު ބޭއްވި ޖަލްސާގައި ވޯޓު ލި 36 މެމްބަރުންގެ އިއްތިފާގުންނެވެ.
ރައީސް ޔާމީން މަޖިލީހަށް ފޮނުއްވި ސިޓީގައި ވަނީ އެމަނިކުފާނު އިސްކަންދެއްވާ ތަރުތީބުން ބޭފުޅުންގެ ލިސްޓެއް ފޮނުއްވާ ކަމަށެވެ. އަދި އެ ލިސްޓުން މަޖިލީހަށް ފެންނަ ނަމެއް ފާސްކޮށް ދިނުމަށް ވެސް ވަނީ އެދިވަޑައިގެންފަ އެވެ.
ރައީސް މަޖިލީހަށް ފޮނުއްވި ނަންތައް ތަރުތީބުން
- އަމްޖަދު ވަހީދު، ވިލާޑި ސޯސަން، ގއ. ވިލިނގިލި
- މުހައްމަދު ޝަމީމް، ހ. ޕްރިޓީވިލާ،
- މުހައްމަދު ސައުޒަމް، ކީސްވިލާ، ރ. އިނގުރައިދޫ
- މުހައްމަދު އަސްލަމް، އާލިޔާ، ހއ. ދިއްދޫ
- މަޖުދު ރަޝީދު، އޮޓާގޯ، ނ. މަނަދޫ
ބްރޯޑް ކާސްޓިން ކޮމިޝަނުގެ މެންބަރުކަމަށް ބޭފުޅަކު އައްޔަނު ކުރުމަށް މަޖިލީހަށް ފޮނުއްވާފައި މިވަނީ މިހާރު އެކޮމިޝަނުގެ މެންބަރު މުހައްމަދު އަސްލަމްގެ ދައުރު ހަމަވާތީ އެވެ. މުހައްމަދު އަސްލަމް އެކޮމިޝަނަށް އައްޔަނުކުރެއްވީ 2013 ވަނަ އަހަރުގެ މާޗު މަހުގެ 13 ވަނަ ދުވަހު އެވެ. މެންބަރެއްގެ ދައުރަކީ ފަސް އަހަރެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުގައި ތިއްބަވަނީ ހަތް މެންބަރުންނެވެ. އަސްލަމްގެ އިތުރުން ދެން ތިއްބަވަނީ އެ ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބުއާއި މެމްބަރު ޒީނާ ޒާހިރު އާއި ހަސަން ނަބާހު އާއި އައިމިނަތު ސަރާހަތުގެ އިތުރުން ފާތިމަތު ޒައިނާ އަދި އިސްމާއިލް ސޮފްވާނެވެ.
ބްރޯޑްކޮމްގެ މެމްބަރު ކަމަށް އައްޔަން ކުރެއްވި އަމްޖަދަކީ މިއަދު ނޫހާއި ދިޓީވީގައި ގިނަ ދުވަސްތަކެއްް ވަންދެން ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.