ފާރިސްއާ ދެކޮޅަށް ދައުލަތުން ހުށަހެޅި އޯޑިއޯ ބަލައި ނުގަންނަން ކޯޓުން ނިންމައިފި

މިއަދު އޮތް ޝަރީއަތައް ފާރިސް މައުމޫން ކޯޓަށް ހާޒިރުކުރުމަށް މާލެ ގެނައިސްފައި --- ސަން ފޮޓޯ: ފަޔާޒު މޫސާ

ރިޝްވަތު ދިން ކަމުގެ ދައުވާ އުފުލާފައިވާ ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ފާރިސް މައުމޫންއާ ދެކޮޅަށް ދައުލަތުން ހުށަހެޅި އޯޑިއޯ އެނަލަސިސް ރިޕޯޓް ނުނަގަން ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

މިއަދު ހަވީރު އޮތް އެ ޝަރީއަތުގައި އޯޑިއޯ އެނަލިސިސް ރިޕޯޓްގެ އިތުރުން ފާރިސްއާ އެކު ހައްޔަރުކުރި އަހްމަދު ޝާފިއުގެ ތަހުގީގް ބަޔާން ވެސް ނުނަގަން އެ މައްސަލަ ބައްލަވާ ގާޒީ އަހުމަދު ހައިލަމް ވަނީ ނިންމާފައެވެ.

އޯޑިއޯ އެނަލިސް ރިޕޯޓް ނުނެގުމަށް ނިންމާފައިވަނީ ފާރިސްގެ ވަކީލުން ފާހަގަކުރި ފަދައިން އެ ރިޕޯޓަކީ ގާނޫނާގެ ތެރެއިން ހޯދާފައިވާ ރިޕޯޓެއް ކަމަށް ދައުލަތަށް ސާބިތުކޮށްދެވިފަ ނުވާތީއެވެ. އޯޑިއޯ ރިޕޯޓާ ގުޅިގެން ފާރިސްގެ ވަކީލުން ވިދާޅުވީ އެ އޯޑިއޯ ރިޕޯޓަކީ ގާނޫނާ ހިލާފަށް ހޯދާފައިވާ ރިޕޯޓެއް ކަމަށާއި ގާނޫނާ ހިލާފަށް ހޯދާފައިވާ ރިޕޯޓެއް ޝަރީއަތައް ބަލައިނުގަނެވޭނެ ކަމަށެވެ.

ސަބަބެއްގެ ގޮތުގައި ފާރިސްގެ ވަކީލު ފާހަގަކުރީ ދެ މީހެއްގެ ދެމެދު ހިނގާ ޒާތީ މުއާމަލާތަކީ ކޯޓުގެ އަމުރަކާ ނުލައި އަޑުނޭހޭނެ އެއްޗެއްކަން ގާނޫނު އަސާސީގައި ބުނެފައިވާ ކަމަށާއި އެހެން ކަމުން ފާރިސްއާ ދެކޮޅަށް ދައުލަތުން ހުށަހެޅި އޯޑިއޯ އަކީ ފުލުހުންގެ އިންޓަލިޖެންސްއަށް ލިބިފައިވާ ވީޑިއޯ އަކުން ނަގާފައިވާ އޯޑިއޯ އެއް ކަމަށެވެ.

ދައުލަތުގެ ވަކީލާ ވެސް ވަނީ އެ އޯޑިއޯ ނަގާފައިވަނީ ކޯޓު އަމުރަކާ ނުލާ ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން ގާޒީ ހައިލަމް ނިންމެވީ އެ އޯޑިއޯ އާއި އޯޑިއޯ އެނަލިސިސް ތައްޔާރުކުރި ފުލުސް އޮފިސަރުގެ ހެކިބަސް މިއަދުގެ ޝަރީއަތުގައި ނުނެގުމަށެވެ.

ފާރިސްއާ ދެކޮޅަށް ޝާފިއު ދީފައިވާ ތަހުގީގު ބަޔާން ވެސް ޝަރީއަތައް ބަލައި ނުގަތުމަށް ވަނީ ނިންމާފައެވެ. ސަބަބެއްގެ ގޮތުގައި ގާޒީ ހައިލަމް ވިދާޅުވީ އެ މައްސަލާގައި ހެކި ހާމަކުރުމަށް ދިން ފުރުސަތުގައި ޝާފިއު ޝަފަވީ ހެއްކެއްގެ ގޮތުގައި އަޅާފައިނުވާ ކަމަށާއި ދައުލަތުން ހުށަހަޅާފައިވަނީ ޝާފިއު ދީފައިވާ ބަޔާން އެކަނި ކަމަށެވެ. ކްރިމިނަލް ކޯޓުން މީގެ ކުރިން ނިންމާފައިވަނީ މީހެއްގެ ބަޔާން ހެއްކެއްގެ ގޮތުގައި ބަލައިގެންނާނީ އެމީހެއްގެ ހެކި ބަސް ވެސް ނެގުމަށްފަހުގައި ކަމަށެވެ.

ޝާފިއުގެ ބަޔާން ހެއްކެއްގެ ގޮތުގައި ކޯޓުން ބަލައިނުގަތުމަށް ނިންމުމުން ފާރިސްގެ ފަރާތުން ވަނީ މީގެ ކުރިން ނެގުމަށް އެދިފައިވާ 62 ހެކިންގެ ހެކިބަސް ނުނެގުމަށް ވެސް ނިންމާފައެވެ. ނަމަވެސް ފާރިސްގެ ދިފާއުގައި ހުށަހަޅާފައިވާ 11 ކިތާބީ ހެކިންގެ ހެކިބަސް ނެގުމަށް ވަކީލުން ވަނީ އެދުފައެޗެ.

މިއަދުގެ ޝަރީއަތް ނިންމާލަމުން ގާޒީ ހައިލަމް ވަނީ އެ މައްސަލާގައި މާދަމާ ވެސް އަޑުއެހުމެއް ބާއްވާނެ ކަން އިއުލާންކުރައްވާފައެވެ. މާދަމާގެ އަޑު އެހުމުގައި އޮންނާނީ ފާރިސްގެ ފަރާތުން ހުށަހަޅާފައިވާ ކިތާބީ ހެކިންނާ ގުޅޭ ގޮތުން ވާހަކަ ދެއްކުމެވެ.

comment ކޮމެންޓް