މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ސްކޫލު ދަރިވަރުންނަށް ފަރު ދައްކާލަނީ

ފަރުކޮއި ޕްރޮގްރާމްގެ ދަށުން މުހްޔިއްދީން ސްކޫލުގެ ދަރިވަރުން ވިލިމާލެ ފަރުބަލާލުން ނިންމާލުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ އެޑިއުކޭޝަން މިނިސްޓްރީ

މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ސްކޫލުތަކުގެ ކުދިންނަށް ރާއްޖޭގެ ފަރުތައް ބަލާލުމުގެ ފުރުސަތު ފަހިކޮށްދޭނެކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

މުހިއްޔުއްދީން ސްކޫލުގެ ކުދިންނަށް ވިލިނގިލީގެ ފަރުދައްކާލައި ފަރުުތަކާމެދު ހޭލުންތެރިކަން އިތުރުކުރުމަށް ހިންގި "ފަރުކޮއި" ޕްރޮގްރާމް ނިންމުމަށް ވިލިމާލޭގެ ވޯޓާސްޕޯޓްސް ބީޗް ސައިޑްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވީ އެޑިއުކޭޝަން މިނިސްޓްރީގެ އަމާޒަކީ ކޮންމެ ދަރިވަރަކަށް ވެސް ފަރުތަކަކީ ކިހާ މުހިންމު އެއްޗެއްކަން ވިސްނައިދިނުން ކަަމަށެވެ.

"ކޮންމެ ކުއްޖަކަށް ސްނޯކަލް ކޮށްލާފައި ފަރު ފެނިގެން ދިޔުމުން އެކުދިންނަށް އެބަ ވިސްނޭ އަޅުގަނޑުމެންގެ ތިމާވެށިގެ މުއްސަނދިކަމާ، އެ ރައްކާތެރިކުރުމުގެ މުހިންމުކަން. އެކުދިން ލޯބިވާ އެއްޗެއް އެކުދިންނަށް ހިމާޔަތްކުރެވެނީ. އެގޮތުން އަޅުގަނޑުމެންނަށް ރާއްޖޭގައި މިއަހަރު ނިމުމުގެ ކުރިން މުޅި ރާއްޖޭގެ ކޮންމެ ކުއްޖަކަށް އެ ފަރު ބަލާލުމުގެ ފުރުސަތުތައް ސްކޫލުތައް މެދުވެރިވެގެން އަޅުގަނޑުމެންނަށް ފަހިކޮށްދެވޭނެ،" މިނިސްޓަރު ވިދާޅުވިއެވެ.

ފަރުކޮއި ޕްރޮގްރާމްގެ ދަށުން މުހްޔިއްދީން ސްކޫލުގެ ދަރިވަރުން ވިލިމާލެ ފަރުބަލާލުން ނިންމާލުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ އެޑިއުކޭޝަން މިނިސްޓްރީ

މިނިސްޓަރު ވިދާޅުވީ ފަރުތައް ކުދިންނަށް ދައްކާލުމުގެ އިތުރުން ރާއްޖޭގެ ފަރުތަކާއި މޫދުތައް ސާފުކުރުމުގެ މަސައްކަތްތައް ވެސް ރަށްރަށުގެ ސްކޫލުތަކުން މިއަހަރު ކުރިއަށް ގެންދިއުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ.

ތިމާވެއްޓަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން އޭޑިއުކޭޝަން މިނިސްޓްރީން ފެށި "ފަރުކޮއި" ޕްރޮގްރާމްގެ ދަށުން މުހްޔިއްދީން ސްކޫލުގެ 702 ދަރިވަރުންނަށް ވަނީ ވިލިމާލޭގެ ފަރުތައް ދައްކާލާފައެވެ.

ރާއްޖޭގެ އެއްވެސް ކުއްޖަކު ބާކީ ނުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ގެންގުޅޭ ސިޔާސަތުގެ ދަށުން މުހްޔިއްދީން ސްްކޫލުގެ ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ވެސް ވިލިމާލޭގެ ފަރުތައް ވަނީ ދައްކާލައިފައެވެ.

comment ކޮމެންޓް