ވާށޭ މަށާ އެކީ އަދި މީ ލޯތްބަކީ އަނެއްކާވެސް އޮލިމްޕަހަށް

ވާށޭ މަށާ އެކީ އަދި މީ ލޯތްބަކީ ގެ ޕޯސްޓަރެއް---

އެންމެ ފަހުން ބޭއްވި ދިވެހި ފިލްމު އެވޯޑްސްގެ އެންމެ މޮޅު ޑައިރެކްޓަރަކަށް ހޮވުނު އަލީ ޝިފާއު ޑައިރެކްޓް ކުރި ދެ ފިލްމު ކަމަށްވާ "ވާށޭ މަށާ އެކީ" އަދި "މީ ލޯތްބަކީ" އިތުރު ޝޯ ތަކެއް ދައްކަން ނިންމައިފިއެވެ.

އަސަރުގަދަ ލޯބީގެ ކަންތައްތަކެއް ފެނިގެންދިޔަ "ވާށޭ މަށާ އެކީ" ވެގެން ގޮސްފައިވަނި ނިމިގެންދިޔަ ދިވެހި ފިލްމު އެވޯޑްސްގައި ބައިވެރި ކުރި ފިލްމުތަކުގެ ތެރެއިން އެންމެ މޮޅު ފިލްމަށެވެ.

ދެމަފިރިއެއްގެ ދެމެދުގައި ހިނގާ އަސަރުގަދަ ކަންތައްތަކެއް ފެނިގެންދާ އެ ފިލްމުގެ ތަރިންގެ ތެރޭގައި ޖުމައްޔިލް ނިމާލް، މަރިޔަމް މަޖުދާ، މުހައްމަދު ފައިސަލް، އަހްމަދު ސުނީ، ހަމްދާން ފާރޫގް ޝާފިއު އިބްރާހިމް (ފުބޫ) ފަދަ ތަރިން ހިމެނެއެވެ.

ދެހާސް ސަތާރަ ވަނަ އަހަރު ރިލީޒްކުރި "މީ ލޯތްބަކީ"ގެ ވަދާއީ ޝޯ ތަކެއް ވެސް އޮލިމްޕަހުގައި ވަނީ ދައްކާފައެވެ.

ރޮމޭންޓިކް ކޮމެޑީ އަކަށް ތައްޔާރު ކުރި މީ ލޯތްބަކީގެ ޕްރޮޑިއުސަރަކީ މުހައްމަދު އަލީ (މޮގާ) އެވެ.

"މީ ލޯތްބަކީ" އިން ހެއްވާ މަޖާ އަދި ރޮއްވާލާ މަންޒަރުތައް ފެނިގެން ދިޔައެވެ.

އެ ފިލްމުގައި ފެނިގެންދާ ބައެއް ތަރިންނަކީ މަރިޔަމް އައްޒަ، ޖުމައްޔިލް ނިމާލް، އަހްމަދު ސުނީ، އިބްރާހިމް އަމަން އަދި އާދަމް ރިޒްވީ އެވެ.

މޮގާ ބުނީ ޑާކްރެއިން އެންޓަޓެއިންމަންޓްގެ އެ ދެ ފިލްމު ބަލައިލަން އަދިވެސް ގިނަ ބަޔަކު އެދެމުންދާތީ ފިލްމު އަނެއްކާ ވެސް އޮލިމްޕަހުގައި އަޅުވަން ނިންމީ ކަމަށެވެ.

އޮލިމްޕަހުގައި "ވާށޭ މަށާ އެކީ" އަދި "މީ ލޯތްބަކީ"ގެ އެއް ޝޯ ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.

"ވާށޭ މަށާ އެކީ ގެ ޝޯ ދެއްކުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 12 ވަނަ ދުވަހު. އޭގެ އަނެއް ރޭ އެއީ 13 ވަނަ ދުވަހު މީ ލޯތްބަކީ އޮލިމްޕަހުގައި އަޅުވާނެ،" މޮގާ ބުންޏެވެ.

ދެ ފިލްމުގެ ޓިކެޓް ވިއްކުން އަންނަ ބުރާސްފަތި ދުވަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށް ވެސް މޮގާ، ސަންއަށް ބުންޏެވެ.

comment ކޮމެންޓް