އައިއެފްސީން 2004 ވަނަ އަހަރު ކެރިއަރު ފެށި މުހައްމަދު އާރިފް (ބަކާ) އަކީ މިހާތަނަށް ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް މިޑްފީލަޑަރެވެ.
އުމުރުން 32 އަހަރުގެ ބަކާވަނީ ކެރިއަރުގެ ކުރީ ކޮޅުގައި ވީބީ އައްޑޫ އެފްސީގެ އިތުރުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބަށްވެސް ކުޅެފައެވެ.
މީގެ ކުރިން 2013 ވަނަ އަހަރުގެ ސީޒަންގައި ބަކާވަނީ ކްލަބު އީގަލްސްއަށްވެސް ކުޅެފައެވެ. 2015 ވަނަ އަހަރު މިޔަންމާގެ ކަމްބައުޒާ އެފްސީއަށްވެސް ކުޅުނު ބަކާ އެނބުރި ދިވެހި ލީގަށް އައިސް ގުޅުނީ ކްލަބު ވެލެންސިއާއެވެ.
ވޭތުވެދިޔަ ސީޒަންގެ މާލޭ ލީގުގައި ވިކްޓަރީ ސްޕޯޓްސް ކްލަބުގެ ޖާޒީގައި ބަކާ ފެނުނު ނަމަވެސް އެޓީމަށް ދިވެހި ޕްރިމިއާ ލީގުގެ ޖާގަ ގެއްލުމުން ދިވެހި ޕްރިމިއާ ލީގު ކުޅުމަށް ބަކާވަނީ މާޒިޔާއަށް ބަދަލުވެފައެވެ.
ގައުމީ ޓީމަށްވެސް ގިނަ ދުވަސްތަކެއް ވަންދެން ކުޅުނު ބަކާއަކީ 2008 ވަނަ އަހަރު ރާއްޖެއިން ސާފް ޗެމްޕިއަންޝިޕްގެ ތަށި ނެގި ޓީމުގައިވެސް ހިމެނިފައިވާ ކުޅުންތެރިއެކެވެ. ފަހަކަށް އައިސް ގައުމީ ޓީމުގެ ޖާގަ ބަކާއަށް ގެއްލުނު ނަމަވެސް އޭނާއަށް ގައުމީ ޓީމުން އަދިވެސް ޖާގަ ދޭންޖެހޭ ކަމަށް ގިނަ ބަޔަކު ބުނަމުން ދެއެވެ.
ބަކާގެ އުމުރުން 32 އަހަރު ނަމަވެސް މި ސީޒަންގައި އޭނާ ނުކުމެ ހުރީ ޗެލެންޖަކަށް ކަމަށް އީގަލްސްގެ ކޯޗު، މުހައްމަދު ޝިޔާޒް (މޯހަން)ވަނީ ބުނެފައެވެ. ލީގުގެ ފުރަތަމަ މެޗުގެ ޕްރެސްގައި މޯހަން ބުނީ ބަކާ އެނބުރި ކުރީގެ ފޯމަށް އައުމަށް އޭނާ ހުރީ ވަރަށް ވަރުގަދަ ހިތްވަރެއްގައި ކަމަށާއި، ހާއްސަކޮށް ފިޓްނަސް ރަނގަޅުކުރަން ބަކާ ގިނަ މަސައްކަތްތަކެއް ކުރި ކަމަށް މޯހަންވަނީ ބުނެފައެވެ.
މާލޭ ލީގުގައި އީގަލްސްއާ ދެކޮޅަށް ކްލަބު ގްރީން ސްޓްރީޓްސް ނުކުތް މެޗުގެ ކުރިން ވާހަކަ ދައްކަމުން ގްރީންގެ ކޯޗު އަލީ ސުޒޭން ބުނީ ބަކާއާއި އަސްހަދު އަލީ (އަޑޭ) ފަދަ ތަޖުރިބާކާރު މިޑްފީލްޑަރުންނަކީ ޓީމަށް ކޮންމެހެން ބޭނުންވާނެ ފަދަ ކުޅުންތެރިން ކަމަށެވެ.
"ލީޑާޝިޕް ހުރި ކުޅުންތެރިއެއް ޓީމަށް ބޭނުންވާނެ. ގްރީނުން ވަރަށް މަސައްކަތްކޮށްގެން އަޑޭ އެހުރީ ހޯދާފައި. ބަކާ އީގަލްސްއަށް ގެންގޮސްފައި އެވަނީވެސް އެތަކެއް ޒުވާން ކުޅުންތެރިންނެއްވެސް ލިބިފައި އޮއްވާ. އެއީ ހަމަ މޮޅަށް ކުޅޭ، ލީޑާޝިޕް ރަނގަޅު ކުޅުންތެރިއެއް ބޭނުންވާނެތީވެ. އެ ދެ ކުޅުންތެރިންނަކީވެސް އެއް ސްޓައިލަކަށް ކުޅޭ، ތަފާތު ކަންތައްތަކެއް ހުރި ދެ ކުޅުންތެރިން. ރާއްޖޭގެ އެންމެ ތަޖުރިބާކާރުވެސް ދެ ކުޅުންތެރިން. އެހެންވީމަ އެކަންވާނެ މެޗުގައި ފެނިގެންދާނެ ވަރަށް ރަނގަޅު ޗެލެންޖަކަށް،" ސުޒޭން ފާހަގަކުރިއެވެ.
ސީޒަންގައި އީގަލްސްއިން މިހާތަނަށް ކުޅުނު ތިން މެޗުން ހަތް ޕޮއިންޓާއެކު އެޓީމު ލީގު ތާވަލުގެ އެއްވަނައިގައެވެ. ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެފައިވާއިރު ބަކާގެ ކުޅުން މޯހަންވަނީ ފާހަގަކޮށްފައެވެ.
ގްރީން އަދި އީގަލްސް ވާދަކުރި މެޗު 2-1 ގެ ނަތީޖާއަކުން އީގަލްސް ކާމިޔާބުކުރިއިރު، މެޗަށްފަހު މޯހަން ބުނީ ބަކާގެ ފަރާތުން ފެނުނީ ވަރަށް މޮޅު ކުޅުމެއް ކަމަށެވެ.
"ބްރެޒިލް ކުޅުންތެރިޔާއަކީ ފުދޭވަރަކަށް ރަނގަޅު ކުޅުންތެރިއެއް. ވީޑިއޯތަކުން ބެލި ބެލުމުގެ ފެންވަރު އޭނާ ގައިގައި އެބަހުރި. މީގެ އިތުރަށްވެސް ނާއިމްގެވެސް މަސައްކަތު ރޭޓާ ކުޅުން ފާހަގަ ކޮށްލެވުނު. ދެން ބަކާގެ ކުޅުން ހަމަ ވަރަށް ވަރަށް ރަނގަޅޭ އަޅުގަނޑު ދަންނަވާނީ. ވަރަށް ރަނގަޅު ޑިސިޕްލިންނަކާ އެކީގައި، ވަރަށް ގިނަ ބޯޅަތަކެއް ހޯދާ، ރަނގަޅަށް ޕާސްކޮށްގެން މިކުޅުނީ. އެހެން ނަމަވެސް މެދުތެރެއިން ދެން ތިބި ކުޅުންތެރިންނަށް ތަންކޮޅެއް ދައްކޮށް ދިޔަ ދުވަހެކޭ ދެންނެވޭނީ،" މޯހަން ބުނެފައިވެއެވެ.
އީގަލްސްއިން މި ސީޒަންގައި ދައްކަމުންދާ ރަނގަޅު ކުޅުމަށް ބަކާގެ ތަޖުރިބާގެ ހިއްސާ ބޮޑުވެފައިވާއިރު، ހަމަ ޔަގީނުންވެސް އޭނާގެ އުންމީދަކަށް ވާނީ މިއަހަރު އޮންނަ ސާފް ޗެމްޕިއަންޝިޕަށް ދާ ގައުމީ ސްކޮޑުގައި ހިމެނުމެވެ. ލީގުގައި ދައްކާ ކުޅުން ދެމެހެއްޓިއްޖެނަމަ އޭނާއަށް އެފުރުސަތު ދޭން ޖެހޭނެކަން ގިނަ ދިވެހިން ގަބޫލުވެސް ކުރާނެއެވެ.