މާފިނޮޅުގައި އެއާޕޯޓެއް ތަރައްގީކުރަނީ

ހއ. މާފިނޮޅު---

ހއ. މާފިނޮޅުގައި އެއާޕޯޓެއް ތަރައްގީކުރަން ނިންމައިފިއެވެ.

ރީޖަނަލް އެއާޕޯޓްސް އިން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މާފިނޮޅުގައި އެއަރޕޯޓެއް ތަރަށްޤީ ކުރުމަށް ބޭނުންވާތީ އެ އެއާޕޯޓު ތަރައްޤީކުރުމަށް އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސަސްމަންޓެއް ހެދުމަށް ބޭނުންވާ ކަމަށެވެ.

ރީޖަނަލް އެއާޕޯޓްސް އިން ވަނީ މާފިނޮޅުގައި އެއާޕޯޓު ތަރައްގީކުރަން ނިންމާފައިވާތީ އެއާޕޯޓު އެޅުމަށް އީއައިއޭ ހަދައިދޭނެ ފަރާތެއް ހޯދުމަށް މިދިޔަ މަހުގެ 28 ގައިވެސް އިއުލާނުކޮށްފައެވެ.

އެ އިއުލާނުގެ މުއްދަތު ހަމަވުމުން މިއަދު ކުރި އިއުލާނުގައި ބުނެފައިވަނީ އީއައިއޭ ހަދައިދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް މައުލޫމާތު ދިނުން މިމަހުގެ 18 ވަނަ ދުވަހުގެ 13:30 ގައި ރީޖަނަލް އެއަރޕޯޓްސް ގައި އޮންނާނެ ކަމަށެވެ.

އަދި މިމަހުގެ 21ގެ ކުރިން އެ މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅަން ޖެހޭނެ ކަމަށްވެސް އިއުލާނުގައިވެއެވެ.

ހ. ހޯރަފުށި ކައިރީ އޮންނަ މާފިނޮޅުގައި އެއާޕޯޓެއް ތަރައްގީކުރަން ނިންމާފައިވާއިރު ހއ. ހޯރަފުށީ ކައިރީގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތް މިއަހަރު ތެރޭގައި ފެށިގެން ދާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަނީ މިއަހަރުގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައެވެ.

comment ކޮމެންޓް