ބަންދުގައި ތިބޭ މީހުންނާ ވަކީލުން ބައްދަލުކުރުމުގެ އުސޫލަށް ބަދަލުތަކެއް ގެނެސްފި

ގާނޫނީ ވަކީލުންތަކެއް ބޭއްވި ނިއުސް ކޮންފަރެންސެއްގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ފުލުހުންގެ ބަންދުގައި ތިބޭ މީހުންނާއި ގާނޫނީ ވަކީލުން ބައްދަލުކުރުގެ އުސޫލަށް ބަދަލުތަކެއް ގެނެސްފިއެވެ.

އެ އުސޫލަށް ބަދަލުގެނެސްފައިވާކަން ހެޑް އޮފް ކަސްޓޯޑިއަލް ޑިޕާޓްމަންޓް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ނާފިޒު ސޮއިކުރައްވައި މިއަދު ވަނީ އެންގުމެއް އަންގާފައެވެ.

އެ އެންގުމުގައި ވާގޮތުން އެ އުސޫލަށް ބަދަލުތަކެއް ގެނެސްފައި ވަނީ ވަކީލުންގެ ފުރުސަތު ބޭނުންކުރުން އެއްދުވަހުން އަނެއްދުވަހަށް ގިނަވަމުންދާތީ ބަންދުގައި ތިބޭ މީހުން ވަކީލުންނާ ބައްދަލުކުރުމަށް އޮންނަ ފުރުސަތުތައް ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ވީއެންމެ ފުޅާމިނެއްގައި ދިނުމުގެ ގޮތުންނެވެ.

ޖުމްލަ ދިހަކަމެއް ފާހަގަ ކޮށްފައިވާ އެ އާއުސޫލުގައި ވާގޮތުން، ބަންދުގައިހުރި މީހާއަށް ވަކީލަކު އައްޔަން ކޮށްދެވޭނީ އޭނާ އެކަމަށް އެދުމުން އޭނާ އެދޭ ވަކީލެއް ނުވަތަ އޭނާގެ އިމީޑިއެޓް ފެމިލީގެ މެމްބަރަކު އެކަމަށް އެދުމުން އެ ބޭފުޅަކު އެދޭ ވަކީލެކެވެ. އަދި އާއިލާގެ ފަރާތުން އަންނަ ވަކީލު އައްޔަން ކުރެވޭނީ އާއިލާ އިން އައްޔަން ކުރަން ބޭނުންވާ ވަކީލެއްގެ ނަން ބަޔާންކޮށް ވަކީލު އައްޔަންކޮށްދިނުމަށް އެދި ލިޔެފައިވާ ސިޓީއަކާއި، ސިޓީ ދިންފަރާތުގެ އައިޑީކާޑުގެ ކޮޕީ ހިފައިގެން އައުމުންނެވެ.

ބަންދުގައިވާ މީހާއާ ވަކީލު ބައްދަލުކުރެވޭ ދުވަސްތަކާ ބެހޭގޮތުން އާއުސޫލުގައިވަނީ، ހުކުރު ހޮނިހިރު ފިޔަވައި ކޮންމެ ދުވަހަކު ބައްދަލުކުރެވޭނެ ކަމަށެވެ. ހުކުރު ހޮނިހިރުގައި ބައްދަލުކުރެވޭނީ ބަންދުގައިހުރި މީހާއާ ގުޅޭ އެއްވެސް އަޑުއެހުމެއް އެއިންދުވަހެއްގައި ނުވަތަ ޖެހިގެން އަންނަ ދުވަހުގައި ކޯޓުގައި އޮންނަ ނަމަ ނުވަތަ އެނޫންވެސް ކޮންމެހެން ބައްދަލުވުމެއް ދޭންޖެހޭކަމެއް އޮތްކަމަށް ފެނިއްޖެ ހިނދެއްގައި ކަމަށް އެ އުސޫލުގައިވެއެވެ.

އާ އުސޫލުގެ ދަށުން ވަކީލާއި ބަންދުގައިވާ މީހާއާއެކު ބޭއްވޭ ބައްދަލުވުމަކީ 30 މިނެޓެވެ. އަދި ބައްދަލުވުން ބާއްވަން ހުއްދަ ދެވޭނެ ވަގުތަކީ ހެނދުނު 9:00 އިން ހަވީރު 5:00 އާ ދެމެދުގެ ވަގުތެއްގައި ހުސްވަގުތުތައް ހުރި މިންވަރަކުން ކަމަށްވެސް އާއުސޫލުގައި ފާހަގަ ކޮށްފައިވެއެވެ.

ބަންދުގައި ތިބޭ މީހުންނާއި ވަކީލުން ބައްދަލު ކުރުމުގެ އުސޫލަށް ބަދަލު ގެނެސްފައި މިވަނީ އިދިކޮޅު ކޯލިޝަނަށ ނިސްބަތްވާ ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކުރަމުންދާ ދުވަސްވަރެއްގައެވެ.

comment ކޮމެންޓް