ބައްދަލުކުރެއްވުމަކަށް ކިމް ދެއްވި ދައުވަތު ޓްރަމްޕް ގަބޫލުފުޅުކުރައްވައިފި!

(ކ) އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި (ވ) އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން --- ފޮޓޯ/ އޭއެފްޕީ

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންގެ ދައުވަތު ގަބޫލުކުރައްވައި، އޭނާއާ ބައްދަލުކުރެއްވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވައިފިއެވެ.

މިއަހަރު ދެކުނު ކޮރެއާގައި ކުރިޔަށް ދިޔަ ވިންޓަރ އޮލިމްޕިކްސްގައި އުތުރު ކޮރެއާއިންވެސް ބައިވެރިވެފައިވާ އިރު، ދެ ކޮރެއާއިން ބައެއް ކުޅިވަރުތަކުގައި ބައިވެރިވީ އެއް ޓީމެއްގެ ގޮތުގައެވެ. މީގެ އިތުރުން އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންގެ މަންދޫބެއްގެ ގޮތުގައި ކޮއްކޯފުޅު ކިމް ޔޯ ޖޮންގް ދެކުނު ކޮރެއާއަށް ވަޑައިގަތެވެ.

އޮލިމްޕިކްސްއަށް ފަހު ދެ ކޮރެއާގެ ގުޅުން ވަރަށް ބޮޑަށް ރަނގަޅުވެފައިވާ އިރު، މިދިޔަ ހަފްތާ ތެރޭގައި ދެކުނު ކޮރެއާގެ ވަފުދެއް ވަނީ އުތުރު ކޮރެއާއަށް ވަޑައިގެން، އެގައުމުގެ ލީޑަރު ކިމް ޖޮންގް އުންއާ ފުރަތަމަ ފަހަރަށް ބައްދަލުކުރައްވައިފައެވެ.

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން، ޑޮނަލްޑް ޓްރަމްޕަށް ބައްދަލުކުރެއްވުމަކަށް ދެއްވި ދައުވަތު ޓްރަމްޕަށް ފޯރުކޮށްދިނީ، ޕްޔޮންގްޔަންގަށް ވަޑައިގެންނެވި ދެކުނު ކޮރެއާގެ ވަފުދުގައި ހިމެނިވަޑައިގެންނެވި އެގައުމުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޗުންގް ޔުއި ޔޮންގެވެ.

ޓްރަމްޕް ވޮޝިންގްޓަންގައި ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޗުންގް ވިދާޅުވީ، ބައްދަލުވުމަކަށް ވަޑައިގަތުމަށް ޓްރަމްޕަށް ކިމް ދެއްވި ދައުވަތު ހިއްސާ ކުރައްވާފައިވާ ކަމަށެވެ.

އަދި އުތުރު ކޮރެއާ އޮތީ ނިއުކްލިއާ ޕްރޮގްރާމު ހުއްޓާލައި، އެތަކެތި ނައްތާލުމަށް ތައްޔާރަށް ހުންނެވިކަމަށް ލީޑަރު ކިމް ޖޮންގް އުން ވިދާޅުވި ވާހަކަވެސް ޓްރަމްޕަށް ދެންނެވި ކަމަށް ޗުންގް ވިދާޅުވިއެވެ.

ޗުންގް ވިދާޅުވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މިއަހަރުގެ މެއި މަހުގެ ތެރޭގައި ކިމް ޖޮންގް އުންއާ ބައްދަލުކުރައްވާނެކަމަށް ވިދާޅުވެފައި ކަމަށެވެ.

އިންސާނީ ހައްގުތަކާ ވަރަށް ބޮޑަށް ޚިލާފުވުމުގެ އިތުރުން ނިއުކްލިއާ ހަތިޔާރު ގެންގުޅެ، ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް ގިނަ ކަންތައްތަކެއް ކުރަމުން ދިއުމުން އުތުރު ކޮރެއާ ވަނީ ބައިނަލްއަގުވާމީ މަސްރަހުގައި ވަރަށް ބޮޑަށް އެކަހެރި ކޮށްފައެވެ.

comment ކޮމެންޓް