ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށް ދާދި ފަހުން ދޫކޮށްލި ސިފައިންގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް(އެސްޕީޖީ) ދެ އޮފިސަރުން ސިފައިންގެ ވަޒީފާ އިން ވަކިކޮށްފި އެވެ.
އެނގިފައިވާ ގޮތުގައި ސިފައިންގޭގެ ތެރޭގައި ހައްޔަރުކޮށް މީގެ ތިން ދުވަސްކުރިން ދޫކޮށްލާފައި ވަނީ ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރުގެ ކުރީގެ ބޮޑީގާޑު އަހްމަދު ޝާނީޒާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބޮޑީގާޑް ސިމާދު އަހުމަދު އެވެ. އެ ދެ އޮފިސަރުން ވެސް މިހާރު ވަނީ ސިފައިންގެ ވަޒީފާ އިން ވަކިކޮށްފަ އެވެ.
މިދިޔަ ފެބްރުއަރީ މަހު ފަސް ވަނަ ދުވަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ފަހު ވަނީ ބައެއް ސިފައިންނާއި ފުލުހުން ހައްޔަރުކޮށްފަ އެވެ. އަދި އޭގެ ތެރެއިން ބައެއް މީހުނަށްކޮށްފައި ވަނީ ސަރުކާރު ވައްޓާލަން ރޭވުމުގެ ތުހުމަތެވެ.
އެކަމާ ގުޅިގެން އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ އެމްއެންޑީއެފްގެ މުވައްޒަފުންނާ މެދު އަޅާ އިދާރީ ފިޔަވަޅުތަކާ ބެހޭ މައުލޫމާތާއި އެކި އެކި ސަބަބުތަކާ ހުރެ ވަޒީފާ އިން ވަކިވާ މުވައްޒަފުންގެ މައުލޫމާތަކީ މީޑިއާއަށް ހިއްސާކުރާ މައުލޫމާތެއް ނޫން ކަމަށެވެ.