އިނގިރޭސި ވިލާތުގެ ޓޮޓެންހަމް ފޯވަޑް ހެރީ ކޭންގެ ކުޅުމާއި، ފުޓުބޯޅަ ލެޖެންޑް ގެބްރިއަލް ބަޓިސްޓޫޓާގެ ކުޅުމާ ވައްތަރުކަމަށް ޔުވެންޓަސްގެ ކެޕްޓަން ޖިއާންލޫޖީ ބުފަން ބުނެފިއެވެ.
ބަޓިސްޓޫޓާއަކީ 1990ގެ އަހަރުތަކުގެ އިތުރުން 2000ގެ އަހަރުތަކުގެ ކުރީ ކޮޅުގައިވެސް ދުނިޔޭގައި ކުޅުނު އެންމެ މޮޅު އެއް ފޯވަޑެވެ. ފީފާ ވޯލްޑް ކަޕް އަދި ކޮޕާ އެމެރިކާ ފަދަ މުބާރާތްތަކުގައިވެސް އާޖެންޓީނާއާއެކު މޮޅު ކުޅުމެއް ދެއްކި ބަޓިސްޓޫޓާވަނީ ސެރެއާ އޭ ގައިވެސް ގިނަ ގޯލްތަކެއް ޖަހައިފައެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16ގައި ޔުވެންޓަސްއާއި ޓޮޓެންހަމް އިޓަލީގައި ކުޅުނު ފުރަތަމަ ލެގުގެ ފުރަތަމަ ހާފް ނިމުނިއިރު 2-0 ގެ ނަތީޖާއަކުން ލީޑުގައި އޮތީ ޔުވެންޓަސްއެވެ. އެހެން ނަމަވެސް ޓޮޓެންހަމްއިންވަނީ ފަހަތުންއަރައި އެއްވަރުކޮށް، މެޗުގެ ނަތީޖާ 2-2 އަކުން ނިންމާލައި އަވޭ ލެގުގެ ފައިދާ ނަގައިފައެވެ.
ޓޮޓެންހަމްއަށް މި ސީޒަންގައި ގިނަ ގޯލްތަކެއް ކާމިޔާބުކޮށްދެމުން އަންނަ ކޭންވަނީ އެ މެޗުގައިވެސް ގޯލް ޖަހައި މޮޅު ކުޅުމެއް ދައްކައިފައެވެ.
"ކޭންއާއި ބަޓިސްޓޫޓާގެ ކުޅުން އަޅާ ކިޔިދާނެ. ދެ ކުޅުންތެރިންގެ ފިޒިކަލް އަދި ނިންމާލުންވެސް އެއްގޮތް. ކޭންއަކީ މިވަގުތު ދުނިޔޭގެ ފުޓުބޯޅައިގައި ފެންނަ އެންމެ މޮޅު ތިން ފޯވަޑުންގެ ތެރެއިން އެކަކު،" ބަޓިސްޓޫޓާއާ ދެކޮޅަށް ގިނަ މެޗުތަކެއް ކުޅެފައިވާ ބުފަން ބުންޏެވެ.
ކޭންއާއެކު ޓޮޓެންހަމް އަވޭ ދެ ގޯލާއެކު ފައިދާ ބޮޑުކޮށް އޮތް ނަމަވެސް ޖުވެންޓަސްއިން މިރޭ ވެންބްލީގައި ނުކުންނަ މެޗށް ކީޕަރު ބުފަންގެ މާ ބޮޑު ހާސްކަމެއް ނެތެވެ.
"މިއީ ޗެމްޕިއަންސް ލީގުގައި އަހަރެން އަދި ޔުވެންޓަސްވެސް ކުޅޭނެ އެންމެ ފަހު މެޗަށްވާނެ ކަމަށް ހިތަށްވެސް ނާރާ. އަހަރެންގެ ކެރިއަރާ މެދުވެސް ވާހަކަ ދައްކަންވީ ވަގުތެއް ނޫން މިއީ. އަހަންނަށް އަދި ވަރަށް މުހިއްމު މެޗުތައް އެބަހުރި،" ދާދި ފަހުން އިޓަލީ ގައުމީ ޓީމުން ރިޓަޔާކޮށްފައިވާ އުމުރުން 40 އަހަރުގެ ކީޕަރު ބުފަން ބުންޏެވެ.
ބުފަން އިތުރަށް ބުނީ މިރޭގެ މެޗަކީ ވެންބްލީގައި ކުޅޭ މެޗެއް ނަމަވެސް ފައިނަލެއްގެ ގޮތުގައި ނުބެލޭނެ ކަމަށެވެ.
"ޓޮޓެންހަމްއާ ދެކޮޅަށް މި ނުކުންނަނީ ފައިނަލަކަށް ނޫން. މިއީ ހަމަ ގަދަ 16ގެ މެޗެއް. އެހެން ނަމަވެސް ކުޅޭ ސްޓޭޑިއަމް ތަންކޮޅެއް ތަފާތު ވެދާނެ. ވެމްބްލީއަކީ ތަފާތު ސްޓޭޑިއަމްއެއް. ބޭނުންވަނީ ޔުވެންޓަސްގެ ފުލް ކެޕޭސިޓީ މެޗުގައި ފެނުން. އޭރުން ޓޮޓެންހަމް ފަސޭހައިން ބަލިކުރެވޭނެ،" މިރޭގެ މެޗަށް އިތުބާރު ބޮޑު ކަމަށް ބުފަން ބުންޏެވެ.
އިއްޔެގެ ޕްރެސްގައި ބުފަންވަނީ ޓޮޓެންހަމްގެ އެޓޭކަށް ވަރަށް ބޮޑަށް ތައުރީފްކޮށްފައެވެ. އޭނާ ބުނެފައިވަނީ މިރޭގެ މެޗަކީ ހަމަލާތައް ގިނަ ބެލުންތެރިންނަށް ރީތި މެޗަކަށް ވެގެންދާނެ ކަމަށެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16ގައި ޓޮޓެންހަމްއާއި ޔުވެންޓަސް ވާދަކުރާ މެޗު އޮންނާނީ ރާއްޖެ ގަޑިން މިރޭ 12:45 ގައެވެ.