ކާށިދޫން ގެއްލިގެން ހޯދަމުން ދިޔަ މީހާ ފެނިއްޖެ

ކ. ކާށިދޫ --- ފޮޓޯ: އިބްރާހިމް ޝާބިލް

މާލެ އަތޮޅު ކާށިދޫން އިއްޔެ ގެއްލިގެން ހޯދަމުން ދިޔަ ޚާއްސަ އެހީއަށް ބޭނުންވާ މީހާ ފެނިއްޖެއެވެ.

ކާށިދޫ ކައުންސިލްގެ ރައީސް އަލީ ސުލްތާން މިއަދު "ސަން" އަށް ވިދާޅުވީ، ގެއްލިގެން ހޯދަމުން ދިޔަ އުމުރުން 63 އަހަރުގެ ފިރިހެން މީހާ ފެނިފައި ވަނީ މިއަދު ހެނދުނު 7:50 ހާއިރު ކަމަށެވެ. އޭނާ ފެނިފައި ވަނީ އެރަށު އިރުމަތީ ފަރާތު ކުއްޅަވަށް ފާގެ ތެރެއިން ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ސުލްތާން ވިދާޅުވީ އޭނާގެ ހާލު ރަނގަޅު ކަމަށާއި އެއްވެސް ޒަޚަމެއް ލިބިފައިނުވާ ކަމަށެވެ. ނަމަވެސް އޭނާ އަދި އޮތީ އެ ރަށު ސިއްހީ މަރުކަޒުގައެވެ.

ވަރަށް ފަހުން ފައިގެ އޮޕަރޭޝަނެއް ކޮށްފައިވާ އެ މީހާއަށް ހިނގެން ފެށިތާ މާގިނަ ދުވަހެއް ނުވާނެ ކަމަށް ކާށިދޫ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

އޭނާ ގެއްލިގެން ރިޕޯޓް ކޮށްފައިވަނީ އިއްޔެ ހަވީރު 4:33 ގައި ކަމަށްވެސް ކައުންސިލުން ވަނީ ބުނެފައެވެ.

comment ކޮމެންޓް