މިދިޔަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ހުރި ކަންކަން މިހާރު ސުޕްރީމް ކޯޓުން ބާތިލްކޮށްފައިވާ ކަމަށާއި މިހާރު ދެން އެ އަމުރު ތަންފީޒު ކުރަން ގޮވާލުމަކީ ސުޕްރީމް ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ބިލެތްދޫ ދާއިރާގެ މެމްބަރު އަހްމަދު މުބީން ވިދާޅުވެއްޖެއެވެ.
ސުޕްރީމް ކޯޓުން، އެކެއް ފެބްރުއަރީގައި ނެރުނު އަމުރު ތަންފީޒުކުރަން ގޮވާލައި އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރަމުންދާ މުޒާހަރާތަކާ ގުޅިގެން މުބީން ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން އެ ހުކުމް ތަންފީޒު ކުރަން ގޮވާލާނަމަ އެެއީ ވަރަށް ބޮޑު އޮޅުވާލުމެއް ކަމަށެވެ. މުބީން ވިދާޅުވީ މިހާރު އެ ހުކުމް ނެތް ކަމަށާއި މިހާރު ސުޕްރީމް ކޯޓުން ވަނީ އޭރު ނެރުނު ހުރިހާ އަމުރެއްވެސް ބާތިލްކޮށްފައި ކަމަށެވެ.
މުބީން ވިދާޅުވީ، އެ އަމުރު ބާތިލްކޮށް، އަދި އެކަމާ ގުޅިގެން މުޅިން އެހެން އަމުރުތަކެއް ނެރެފައިވާއިރު ކުރީގެ އަމުރު ތަންފީޒު ކުރަން ގޮވާލުމަކީ ސުޕްރީމް ކޯޓަށް ގޮންޖަހައި އެ ކޯޓުގެ ހުރުމަތް ކަނޑާލުން ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.
" ކުރީގެ އަމުރުތައް މިހާރަކު ނެތް. މިހާރު ސުޕްރީމް ކޯޓުން އެވަނީ ވަކިގޮތަކަށް އަންގާފައި. ހުކުމްކޮށްފައި. އެކަން އެގޮތަށް އޮތް އިރު އެ އަމުރު ތަންފީޒު ކުރުމަށް ގޮވާލުމަކީ އެކޯޓުގެ ހުރުމަތް ކަނޑާލުން،" ޓީވީއެމްގައި ވާހަކަ ދައްކަމުން މުބީން ވިދާޅުވިއެވެ.
މުބީން ވިދާޅުވީ ކުރިން ކޯޓުން ދޫކޮށްލަން އަންގާފައިވާ ކުށްވެރިން ދޫނުކުރަން ކޯޓުން މިހާރު އަންގާފައިވާއިރު އޭރު ވަކި ފަނޑިޔާރުންތަކެއްގެ ނުފޫޒުން ސުޕްރީމް ކޯޓަށް ހޯދި ބާރުތައް ވެސް މިހާރު ނެތް ކަމަށެވެ. އެކަންވެސް ބާތިލްކޮށްފައިވާކަމަށް މުބީން ވިދާޅުވިއެވެ.
" އެކެއް ފެބްރުއަރީގައި ނެރުނު އަމުރަކީ ސުޕްރީމް ކޯޓުގެ ދެ ފަނޑީޔާރެއްގެ ނުފޫޒުން ނެރުނު އަމުރެއްކަން ވަރަށް ސާފުކޮށް އެނގޭ،" މުބީން ވިދާޅުވިއެވެ.
މުބީން މިހެން ވިދާޅުވިއިރު އޭރު ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު ހުރިހާ އަމުރެއްވަނީ ބާތިލްކޮށްފައެވެ. ނަމަވެސް އިދިކޮޅުން ބުނަނީ އެކަން ގަބޫލު ނުކުރެވޭނެ ކަމަށާއި ތިން ފަނޑިޔާރުން ތިބެގެން ނެރޭ ހުކުމްތައް ގަބޫލު ނުކުރެވޭނެ ކަމަށެވެ. އަދި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުވެސް ހިމެނިވަޑައިގެން އެއްވަނަ ދުވަހު ނެރުނު ހުކުމް ތަންފީޒު ކުރަން ޖެހޭނެ ކަމަށް އެ ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.