ގައުމީ އިނާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ރައީސުލްޖުމްހޫރިއްޔާ މީގެ ކުރިން ގައުމީ އިނާމު ދެއްވަނީ --- ފޮޓޯ/ ރައީސް އޮފީސް

މި އަހަރުގެ ގައުމީ އިނާމަށް ކުރިމަތިލުމާއި ނަން ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

މި އަހަރުގެ ގައުމީ އިނާމު ދިނުން ހަމަޖެހިފައި ވަނީ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ އިހްތިފާލުގަ އެވެ.

ގައުމީ އިނާމު ކޮމިޓީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ގައުމީ އިނާމު ދިނުމުގެ މަގުސަދަކީ މުޖުތަމައުގެ ލާބައާއި މަންފާއަށް ޓަކައި ވަކިވަކި ފަރުދުންނާއި މުއައްސަސާތަކާއި ޖަމާއަތްތަކުގެ އިތުރުން ކުންފުނިތަކާއި ވިޔަފާރިތަކުން ކުރާ މަސައްކަތާއި އެފަރާތްތަކަށް ލިބޭ ރީތި ނަން ބަލައިގަނެ، ހިތްވަރުދިނުން ކަމަށެވެ.

ގައުމީ އިނާމުގެ ދަށުން ހިތްވަރު ދިނުމުގެ ގައުމީ އިނާމާއި ޝަރަފުވެރިކަމުގެ ގައުމީ އިނާމު ދޭން ވަނީ ހަމަޖެހިފަ އެވެ.

ހިތްވަރު ދިނުމުގެ ގައުމީ އިނާމު ދެނީ ވަކި ފަރުދަކަށް ނަމަ، އެ ފަރާތަކީ ދާއިރާއެއްގައި މަދުވެގެން ހަތް އަހަރު ޚިދުމަތްކޮށް، މިހާރު ވެސް ޚިދުމަތުގައި ދެމިހުރި ފަރާތަކަށް ވާން ޖެހެ އެވެ. މުއައްސަސާއަކުން ނަމަ، ޚިދުމަތް ދިނުމުގައި މަދުވެގެން 10 އަހަރުވެފައި ވާންޖެހެ އެވެ.

އަންހެނުންނާއި ޒުވާނުންގެ ދާއިރާއިން އިނާމު ދެނީ، އެ އިނާމު ދޭ ރޮނގުތަކުން ކުރެ ރޮނގެއްގައި މަދުވެގެން ފަސް އަހަރުގެ މުއްދަތަކަށް ޚިދުމަތްކޮށް، މިހާރު ވެސް ޚިދުމަތުގައި ދެމިތިބި އަންހެނުންނާއި އުމުރުން 18 އަހަރާ 35 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ.

މީގެ އިތުރުން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ދެނީ ވަކި ފަރުދަކު މުޖުތަމައަށް ފައިދާ ހުރި ގޮތެއްގައި، މަދުވެގެން 35 އަހަރު ޚިދުމަތް ކޮށްފައިވާ ވުމުންނެވެ. އަދި އެއީ ކުރިން ހިތްވަރު ދިނުމުގެ އިނާމު ލިބިފައިވާ ފަރާތެއް ކަމުގައިވާ ނަމަ، އެ އިނާމު ލިބުނުތާ 10 އަހަރުވެ، ޖުމްލަ 35 އަހަރު ވެފައި ވުމުން ކަމަށް ގައުމީ އިނާމު ކޮމިޓީން ބުންޏެވެ.

ގައުމީ އިނާމަށް 33 ދާއިރާއަކުން ތަފާތު ރޮނގުތަކަކުން ނަން ހުށަހެޅޭނެ އެވެ. އެގޮތުން އަންހެނުންގެ ދާއިރާއާއި ޒުވާނުންގެ ދާއިރާގެ އިތުރުން، ދީނީ ކަންކަމާ ގުޅޭ ދާއިރާތަކާއި ޚަބަރާއި މައުލުމާތު ފެތުރުމުގެ ދާއިރާއާއި އެކިއެކި ފަންނުތަކުގެ ދާއިރާތަކާއި ވިޔަފާރިއާ ގުޅުންހުރި ދާއިރާތަކާއި އިޖުތިމާއީ ޚިދުމަތުގެ ދާއިރާއާއި ފަތުރުވެރިކަމާއި މަސްވެރިކަމާއި ތިމާވެށީގެ ދާއިރާގެ އިތުރުން ގާނޫނީ، ސިއްހީ، ތައުލީމީ، އަދި ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރުމާ ބެހޭ ދާއިރާތައް ހިމެނެ އެވެ.

comment ކޮމެންޓް