މާލޭ ކާނިވާ ސަރަހައްދު ކުއްޔަށް ދޫކުރާނެ ގޮތުގެ ގަވައިދެއް ހަދައި ގެޒެޓް ކޮށްފި އެވެ.
މިއަދު ގެޒެޓްކޮށްފައިވާ އެ ގަވައިދުގައި ވާގޮތުން ކާނިވާ ހިމެނޭ ސަރަހައްދުން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ސްޓޭޖާއި ސްޓޭޖް ހިމެނޭ ސަރަހައްދުގެ އޯޕަން އޭރިއާ އަދި ސްޓޭޖާ ގުޅުވައިގެން ހަދާފައިވާ ކޮޓަރިތަކާއި ހޯލެވެ.
ކުއްޔަށް ދޫކުރަނީ އެތަނުގައި އިވެންޓެއް ބޭއްވުމުގެ ތިން ދުވަސް ކުރިން، ތަން ބޭނުން ވެގެން ހައުސިންގް މިނިސްޓްރީން ދޫކުރާ ފޯމެއް ހުށަހެޅުމުންނެވެ.
ކުއްޔަށް ދޫކުރާ ވަކި އަގެއް ގަވައިދުގައި ޖަހާފައެއް ނުވެއެވެ. ނަމަވެސް ކުލީގެ 15 ޕަސެންޓް ތަން ހިފުމުގެ ކުރިން ދައްކަން ޖެހޭނެ ކަމަށް ގަވައިދުގައި ވަނީ ބުނެފައެވެ. އަދި އިވެންޓް ބާއްވަން 36 ގަޑިއިރަށް ވުރެ ކުރުމުއްދަތެއް އޮއްވައި ކެންސަލް ކޮށްފި ނަމަ ކުލީގެ 15 ޕަސެންޓް ދައްކަން ޖެހޭނެ ކަމަށް ގަވައިދުގައި ވަނީ ބުނެފައެވެ.
ތަން ކުއްޔަށް ހިފުމަށް ފަހު ބާއްވާ އިވެންޓުގެ ތެރޭގައި އިސްލާމް ދީނާ ހިލާފު އަދި ގާނޫނާ ގަވައިދާ ހިލާފު އެއްވެސް ކަމެއް ކުރާނަމަ އެ އިވެންޓް ހުއްޓުވައި ތަން ހުސްކުރާނެ ކަމަށް ގަވައިދުގައި ވަނީ ބުނެފައެވެ. އަދި ތަން ހުސްކުރި ނަމަވެސް ތަނަށް ދައްކާފައިވާ ކުލި އަނބުރާ ނުދޭނެ ކަމަށް ބުނެފައިވެ އެވެ.
އެ ގަވައިދާ ހިލާފު އަމަލެއް ހިންގައިފި ނަމަ 500 ރުފިޔާއާ 2000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ގަވައިދުގައި ވަނީ ބުނެފައެވެ.